ހަބަރު

މަޖީދުގެ ތައުބީން ޖަލްސާގައި ސަރުކާރުގެ ވެރިޔަކު ބައިވެރިނުވި

Jun 2, 2018
5

ކުއްލި ގޮތަކަށް އަވަހާރަވި އިލްމްވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ތައުބީން ޖަލްސާގައި ސަރުކާރުގެ އިސް ވެރިޔަކު ބައިވެރިވަޑައިނުގެންނެވުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ރޭ އިސްލާމީ މަރުކަޒުގައި އޮތް ތައުބީން ޖަލްސާގައި ޑރ. މަޖީދުގެ އަނބިކަނބަލުންނާއި އާއިލާގެ ބޭފުޅުން އަދި ބައެއް ގާތްރަހުމަތްތެރިން ބައިވެރިވަޑައިގަތެވެ. ދެން އެ ޖަލްސާގައި މުޅިން ވެސް ތިއްބެވީ އިދިކޮޅު، އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ އެކު މަސައްކަތް ކުރައްވާ ބޭބޭފުޅުން އެވެ.

މަޖީދުގެ ގާތްބޭފުޅުންނަކީ ސިޔާސީ ބޭފުޅުންތަކަކަށް ގިނަ ސިޔާސީ ބޭފުޅުން އެ ޖަލްސާގައި ބައިވަޑައިގެންނެވި ނަމަވެސް ޖަލްސާއަކީ ސިޔާސީ ޖަލްސާއެއް ނޫނެވެ. ޖަލްސާއަކީ މަޖީދަށް ހެޔޮއެދޭ ފަރާތްތަކުގެ އިސް ނެގުމެކެވެ. އެ ޖަލްސާގައި މުޅިން ވެސް ދައްކާފައިވަނީ ޑރ. މަޖީދުގެ ހިދުމަތްތަކުގެ ވާހަކަ އެވެ. އޭނާގެ ހަނދާންތައް އާކުރީ އެވެ.

ޖަލްސާގައި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން ވަނީ ވާހަކަ ދައްކަވާފަ އެވެ. އަދި މަޖީދާ އެކު ކެބިނެޓްގައި ހިމެނުނު އެމްޑީޕީ ސަރުކާރުގެ މިނިސްޓަރުން ވެސް ވާހަކަ ދެއްކެވި އެވެ. މީގެ ކުރިން ދައުލަތަށް ހިދުމަތް ކުރެއްވި ބޭބޭފުޅުން އަވަހާރަވުމުން ބާއްވާ ތައުބީންގެ ޖަލްސާތަކުގައި ސަރުކާރުގެ އިސްވެރިން ފެނިގެންގޮސްފައިވެ އެވެ. އެހެން ނަމަވެސް ރޭގެ ޖަލްސާގައި އިސްލާމިކް މިނިސްޓްރީގެ އިސްވެރިއަކު ވެސް ފެނިފައެއް ނުވެ އެވެ. އަދި އެމަނިކުފާނާ ވަރަށް ގާތްކޮށް އުޅުއްވި އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލާ، ޑރ. މުހައްމަދު ޝަހީމް އަލީ ވެސް ޖަލްސާގައި ބައިވެރިވެފައެއް ނުވެ އެވެ. ސަރުކާރުގެ އިސް އެއްވެސް ބޭފުޅެއް މި ޖަލްސާގެ ތެރެއިން ނުފެނުނު ސަބަބު ސާފު ކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ސާފުވާ ގޮތެއް ނުވި އެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރުގެ ހަނދާނުގައި ބޭއްވި ތައުބީން ޖަލްސާއަށް އިސްލާމިކް މިނިސްޓްރީގެ އެއްވެސް އިސް ބޭފުޅަކު ހާޒިރުނުވުމުން ބައެއް ފަރާތްތަކުން ބުނީ ސަރުކާރުން ޖަލްސާ ސިޔާސީ ކުރީ ކަމަށެވެ. ޖަލްސާ އިސްލާމީ މަރުކަޒުގައި ކުރިއަށް ދިޔައިރު ވެސް އެ މިނިސްޓްރީގެ އެއްވެސް އިސް ފަރާތެއް ޖަލްސާގައި ބައިވެރިނުވުމުން ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. ޑރ. މަޖީދު އަވަހާރަވުމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން މަޖީދުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވި ކަމަށް އޭރު ރައީސް އޮފީހުން ބުނެފައިވެ އެވެ.

ޑރ. މަޖީދުގެ ޖަނާޒާ ބާއްވާފައި ވަނީ ސްރީލަންކާގަ އެވެ. އެމަނިކުފާނުގެ މައްޗަށް ޣައިބުގައި ރާއްޖެ އާއި ތިން ހަރަމުގައި ވެސް ކަށުނަމާދު ކުރި އެވެ. ޑރ. މަޖީދަކީ ގުރުއާންގެ އިލްމުން ޕީއެޗްޑީ ހާސިލް ކުރެއްވި ފުރަތަމަ ދިވެހި ބޭފުޅާ އެވެ.