ފިނިޕޭޖް

ނަސްގެ އާ ވިޑިއޯ: ރާއްޖޭގައި ވަރި ގިނަވުމަށް

ވީޑިއޯ ބްލޮގާ ނުސޭރް ޔާސިން ނުވަތަ މަޝްހޫރު ނަމުންނަމަ ނަސް ޑެއިލީ ރާއްޖެ އައިސް ހެދި ވީޑިއޯއެއްގެ މައްސަލަ މިދިޔަ ހަފްތާ ތެރޭގައި ވަނީ ވަރަށް ބޮޑުވެފަ އެވެ. ބުރުގާ ނަގަން ހިތްވަރު ލިބޭގޮތަށް ތައްޔާރުކުރި އެ ވީޑިއޯއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އާމަޒުވަމުން ދަނިކޮށް ނަސް ވަނީ ރާއްޖެއަށް ނުފެންނަ ގޮތަށް އޭނާގެ ޕޭޖް ބްލޮކް ކޮށްފަ އެވެ.

ރާއްޖެ އައިސް އޭނާ ހެދި އެހެން ވީޑިއޯއެއް މިހާރު ވަނީ އާންމުކޮށްފަ އެވެ. އާ ވީޑިއޯ އޭނާ ހާއްސަކޮށްފައި ވަނީ ރާއްޖޭގައި ވަރި ގިނަވުމުގެ މައްސަލައަށެވެ. ޝޯޝަލް މީޑިއާގައި މި ވީޑިއޯ މިހާރު ދަނީ ވަރަށް ބާރަށް ދައުރުވަމުންނެވެ.

އާބާދީގެ ނިސްބަތުން ދުނިޔޭގައި އެންމެ ވަރި ގިނަ ގައުމަކީ ރާއްޖެ އެވެ. އެ ވީޑިއޯގައި ރާއްޖޭގައި ވަރި ގިނަވުމުގެ ވާހަކައިގެ އިތުރަށް އޭނާ ބުނެފައި ވަނީ ވަރިވުމަކީ ރާއްޖޭގައި މާ ބޮޑު ކަމެއް ނޫން ކަމަށެވެ. ރާއްޖެއަކީ ލޯބިވެރިން ހަނީމޫނަށް އައުމަށް އެންމެ ކަމުދާ މަންޒިލަށްވާއިރު، މި ތަނުގައި އޮންނަނީ ހުސް ވަރިކަމަށް އޭނާ ބުނެފައިވެ އެވެ.

ނަސް ރާއްޖެއައިސް ބޭރު މީހުންގެ މެދުގައި ރާއްޖޭގެ ނަން ހަޑިކުރުމަށް މަަސައްކަތްކުރަމުންދާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތުވެސް ކުރަމުންނެވެ. އާ ވީޑިއޯއާއެކުވެސް އޭނާއަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.

އިޒްރޭލީ އަރަބި ދަރިކޮޅަށް ނިސްބަތްވާ ނަސް ވަނީ މިދިޔަ ދުވަސްތަކުގެ ތެރޭގައި ތަފާތު ވީޑީއޯތައް އެކި ގައުމުތަކުގައި ނަގައި ގިނަ ބައެއްގެ ޝައުގުވެރިކަން ހޯދާފަ އެވެ. ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކުރަން އޭނާ ފެށީ އާދާކުރަމުންއައި 120 ހާސް ޑޮލަރުގެ އަގުބޮޑު ވަޒީފާވެސް ދޫކޮށްލާފަ އެވެ. ހާވާޑް ޔުނިވާސިޓީން ގްރެޖުއޭޓުވެފައިވާ ނަސް ވަޒީފާ އަދާކުރީ ޓެކްނޮލޮޖީގެ ވަރަށް މަތީ ކުންފުންޏެއްގަ އެވެ.

ނައިޖީރިއާ، މިޔަންމާ، ފިލިޕިންސް އަދި ޖަޕާންފަދަ ގައުމުތަކަށްވެސް އޭނާ ވަނީ ގޮސްފަ އެވެ. އެކި ގައުމުތަކުގައި މީހުން އުޅޭ ގޮތާއި އެމީހުން ސަގާފަތާއި އާދަކާދަ އެއް މިނެޓުގެ ވީޑިއޯތަކުން އޭނާ އަންނަނީ ދައްކައި ދެމުންނެވެ. އޭނާގެ ވީޑިއޯތަކަށް 25 މިލިއަނަށްވުރެ ގިނަ ވިއުސްވެސް ލިބިފައިވެ އެވެ.