މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކަންކަން ގޯސްކުރުމަށް މަސައްކަތް ކުރާ ހުރިހާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އިނގިރޭސި ޕާލިމަންޓްގައި ނުފޫޒު ގަދަ މެންބަރެއް ކަމަށްވާ، ހޫގޯ ސްވެޔާ ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން އިނގިރޭސި ފޮރިން އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ، ހޫގޯ ސްވެޔާ މިއަދު ރާއްޖެއާ ބެހޭ ގޮތުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިލެކްޝަންްސް ކޮމިޝަން ވަރަށް ބޮޑަށް ސިޔާސީ ވެފައިވާކަމަށާއި އިންތިހާބުގެ ކުރިން އިިދިކޮޅު ސިޔާސީ ޕާޓީތަކުގެ އަޑު ކަނޑުވާލަން އެ ކޮމިޝަނުން ވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކަންކަން ރަނގަޅު ކުރަން ބައިނަލްއަގުވާމީ މުޖުތަމައުން ކުރި މަސައްކަތުން ނަތީޖާ ނިކުމެފައި ނުވާކަމަށް ސުވެޔާ ވަނީ ފާހަގަ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ކަންކަން ގޯސްކުރުމުގައި ޒިންމާވާ ފަރާތްތަކުގެ މައްޗަށް މިއީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަންވީ ވަގުތެވެ.
"ރާއްޖޭގެ ކަންކަން ގޯސްކުރުމުގައި ބައިވެރިވާ ފަރާތްތައް ފަސީހަތްކޮށް ބޭޒާރުކޮށް އަދި އެމީހުންގެ މައްޗަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ވަގުތު އައިސްފި،" ސްވެޔާ ޓްވީޓް ކުރައްވާފައިވެ އެވެ.
މީގެ އިތުރުން އޭނާގެ ޓްވީޓްގައި ރާއްޖެ އަންނަ ޓޫރިސްޓުންނާއި މަޝްހޫރު ފަރާތްތަކުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައުމުގެ ކުރިން ރާއްޖޭގައި ހިނގާ ކަންކަމާ މެދު ވިސްނާ، އެ ކަންކަން އިސްލާހު ކުރަން ދެން ރާއްޖެ ނައުމަކީ ކޮން ކަހަލަ ކަމެއްތޯ ވެސް އޭނާ ވަނީ ސުވާލު ކުރައްވައިފަ އެވެ.
މީގެ ކުރިން އިނގިރޭސި ފޮރިން އޮފީހުގެ މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު، އިނގިރޭސި ސަރުކާރުގެ މަންދޫބެއްގެ ގޮތުގައި އޭނާ ރާއްޖެ ވަޑައިގަތް ރައީސް ޔާމީންއާ ބައްދަލު ކުރައްވާފައިވެ އެވެ.
ދައުލަތުގެ އިސް ބައެއް ފަރާތްތަކަށް ފިޔަވަޅު އަޅަން ހޫގޯ ސްވެޔާ ގޮވާލެއްވި އިރު، އީޔޫގެ ޕާލިމަންޓުން ވެސް ވަނީ ރާއްޖޭގެ ކަންކަން އިސްލާހު ނުވާ ނަމަ، ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލާ ގަރާރެއް ފާސްކޮށް ރާއްޖެއާ މެދު ފިޔަވަޅު އަޅަން އެ ޖަމާއަތުގެ ކައުންސިލަށް ފޮނުވައިފަ އެވެ.