ދިހަ ކުޅުންތެރިންނާއެކު ކުޅުނު ޔުނައިޓެޑު ވިކްޓްރީ 0-1 ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނަ މަގާމުގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ހަ ޕޮއިންޓް ހޯދައިގެން މާލޭ ލީގު ޗެމްޕިއަންކަން ނިއު ރޭޑިއަންޓަށް ލިބޭނެކަން ކަށަވަރުވެފައިވާއިރު މިހާތަނަށް ކުޅުނު 10 މެޗުން ނިއު މިވަނީ 25 ޕޮއިންޓް ހޯދާފަ އެވެ. މެޗުން ބަލިވި ޔޫވީއަށް މިވަނީ ގަދަ ހައެއްގެ ޖާގައެއް ހޯދައި ދިވެހި ލީގަށް ކޮލިފައިވުމަށް އިތުރު ހުރަސްތަކަކާ ކުރިމަތިވެފަ އެވެ. ޔޫވީއަށް 10 މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އެޓީމު އޮތީ ލީގު ތާވަލުގެ ހަތް ވަނަ މަގާމުގަ އެވެ. ހަވަނަ މަގާމުގައި އޮތް ގްރީން ސްޓްރީޓްސްއަށް ވަނީ 10 ޕޮއިންޓު ލިބިފަ އެވެ.
މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ނިއު ރޭޑިއަންޓުންނެވެ. ޔޫވީ އޭރިއާގެ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބޯޅަ ޔޫވީގެ ކީޕަރު ތޮލާލް ވަނީ ހުޝިއާރުކަމާއެކު ދިފާއުކޮށްފަ އެވެ. އޭގެ މިނިޓެއް ފަހުން ނިއުއަށް އިތުރު ފުރުސަތެއް ލިބުނެވެ. މިފަހަރު އަރިމަތިން އަކްރަމް އަބްދުލްއަނީ ނަގައިދިން ހުރަސް ޔޫވީގެ ކީޕަރު ތޮލާލް ސާފުކޮށްލި ބޯޅަ ލިބުނީ އުމެއިރު އަށެވެ. އޭރިއާގެ ޕެނެލްޓީ ސްޕޮޓު މަތިން ފުއްމައިގެން އަރައި އުމެއިރު ބޮލުން ފޮނުވާލި ހަމަލާ ޔޫވީގެ ގޯލް ލައިނު މަތިން ސަލާމަތް ކުރީ އެޓީމުގެ ޑިފެންޑަރެކެވެ.
މެޗުގެ ނުވަ ވަނަ މިނިޓުގައި ނިއުއިން އިތުރު ހަމަލާއެއް އުފެއްދި އެވެ. ނަމަވެސް މިފަހަރު ޔޫވީގެ އޭރިއާގެ އަރިމަތިން ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ. 17 ވަނަ މިނިޓުގައި ސެންޓޭއަށް އިތުރު ފުރުސަތެއް ލިބުނެވެ. ޔޫވީ އޭރިއާގެ ކަނާތުފަޅިން ލިބުނު ހިލޭ ޖެހުމަކުން ސެންޓޭ ފޮނުވާލި ހަމަލާ މިފަހަރު ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ.
ފުރަތަމަ ހާފުގެ 23 ވަނަ މިނިޓުގައި ޔޫވީގެ އިސްމާއިލް ޝަފީއުއަށް ރެފްރީ ރަތްކާޑު ދެއްކި އެވެ. އިސްމާއިލްއަށް މިރަތް ކާޑު ދައްކާފައިވަނީ ނިއުގެ ސްޕެއިން ޑިފެންޑަރު ޖޯޖް ގޯޓޯއަށް ކުރި ނުރައްކާތެރި ޓެކުލަކާ ގުޅިގެންނެވެ. ދިހަ ކުޅުންތެރިންނާ ދެކޮޅަށް ނިއު ކުޅެމުން ދިޔައިރުވެސް އެޓީމަށް ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް ޔޫވީގެ ގޯލަށް ނުރައްކާ ކުރެވޭ ގޮތެއް ނުވި އެވެ.
ފުރަތަމަ ހާފާއި ހިލާފަށް ނިއު ދެވަނަ ހާފުގައި ކުޅުނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެންނެވެ. ދެވަނަ ހާފަށް ނިކުތްއިރު ނިއުއިން ވަނީ އެއްވަނަ ފޯވާޑް އަލީ އަޝްފާގްވެސް ކުޅެން ނެރެފަ އެވެ. ދަގަނޑޭ ނިކުތުމާއެކު ނިއުގެ އެޓޭކުތަށް ފެނުނީ ވަރުގަދަކޮށެވެ.
ހަމަލާއަކަށް ފަހު ހަމަލާއެއް އުފައްދަމުން އައިސް އެންމެ ފަހުން ނިއުއަށް މެޗުގައި ލީޑު ނެގުމައް ރަނުގެ ފުރުސަތެއް ލިބުނެވެ. ކެޕްޓަން އަލީ އަޝްފާގް ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަނުމުން ޔޫވީގެ ބިދޭސީ ޑިފެންޑަރު އަރުތޫ ދަގަނޑޭ ވައްޓާލުމުން ރެފްރީ ވަނީ ނިއުއަށް ޕެނެލްޓީއެއް ދީފަ އެވެ.
ލިބުނު ޕެނެލްޓީ ގޯލްގެ ތެރެއަށް ވައްދާލައިގެން ސެންޓޭ ވަނީ ނިއުއަށް ލީޑު ނަގައިދީ މެޗުގެ ތިން ޕޮއިންޓުވެސް ޔަގީންކޮށްދީފަ އެވެ.