އެންމެ ކުރީގައި އަހަރެމެން ދިވެހިންވެސް އަންނައުނު ދޮވެ އުޅުނީ އަތުންނެވެ. ދޮންނަ މެޝިން ބޭނުން ކުރަން ފެށީ މާފަހުންނެވެ. ތަފާތު ވައްތަރުތަކުގެ އެއްޗެހި ދޮންނަ މެޝިންތައް ތައާރަފުވެ މިހާރު އެއީ މާ އުނދަގޫ ކަމެއް ނޫނެވެ. އޮޓޯ މެޝިނަށް އެއްޗެހި ކޮޅު އަޅާލާފައި ކުރާނެ ކަމެއްކޮށް ނިމިގެން އަންނައިރު ހުންނާނީ ދޮވެވިފަ އެވެ. ބޮޑު ކަމަށް ދެން ހަމައެކަނި އޮންނާނީ އަންނައުނުތައް ހިއްކަން އަޅާލުން އެކަންޏެވެ. އެކަން ކުރަން ނުޖެހޭ މެޝިނު ވެސް މިހާރު އެބަހުއްޓެވެ.
ފަހުގެ ޓެކްނޮލޮޖީއާއެކު މިއަދު އަހަރެމެންނަށް ކިތައްމެ ލުއި ފަސޭހަތަކެއް ވީ ނަމަވެސް މި ޓެކްނޮލޮޖީގެ ފޮނި މީރުކަން ނުލިބޭ އެތައް ބަޔަކު އަދިވެސް އެބަ އުޅެ އެވެ. އެމީހުން އަދިވެސް އެއްޗެހި ދޮންނަނީ އަތުންނެވެ. މި ބުނީ އުތުރު އެފްރިކާގެ ގައުމެއް ކަމަށްވާ ބްރޫންޑީގެ މީހުންގެ ވާހަކަ އެވެ. އެކަމަކު އެމީހުނަށް ދާދިފަހުން ވަނީ މިކަމަށް ލުޔެއް ލިބިފަ އެވެ.
މިހާރު އެމީހުން އެއްޗެހި ދޮންނަނީ ބައިސްކަލުންނެވެ. ބައިސްކަލަކީ އެގައުމުގައި އެންމެ ގިނަ ބަޔަކު އެއްތަނުން އަނެއް ތަނަށް ދިއުމަށް ބޭނުންކުރާ އުޅަނދެވެ. ބައިސްކަލުން އެއްޗެހި ދޮވެވޭނެ ގޮތް ވުމަކީ އެމީހުނަށް ވެސް ލިބުނު ހައިރާން ކަމެކެވެ.
ބައިސްކަލުން އެމީހުން އެއްޗެހި ދޮންނަނީ އެކަމަށް ހާއްސަކޮށް އުފައްދާފައިވާ މެޝިނަކުންނެވެ. ޕްލާސްޓިކް ރުނބައެއް ގޮތަށް އިންނަ މި މެޝިނެއް ބައިސްކަލުގައި ހަރުކޮށްފައި ވެއެވެ. މި މެޝިން ތައްޔާރުކުރީ އިނގިރޭސިލާތުގެ މީހެއް ކަމަށްވާ ރިޗް ހެޗިޓް އެވެ. އޭނާ މި މެޝިނަށް ދިން ނަމަކީ "ސްޕިންސައިކަލް" އެވެ.
ރިޗް މި މެޝިން ތައްޔާރުކުރީ އޭނާ ބްރޫންޑީއަށް ދަތުރެއްގައި ގޮސް އުޅުނުއިރު އަތުން އެއްޗެހި ދޮންނަން ޖެހުމުން އެކަމަށް ލުޔެއް ހޯދުމަށެވެ. އެ ރުނބާ ހަރުކޮށްފައި އިންނަނީ ބައިސްކަލުގެ ފަހަތު ފުރޮޅު މައްޗަށްވާ ގޮތަށެވެ. ބައިސަކަލުގެ ފުރޮޅު އެނބުރެމުންދާ ވަރަކަށް އެ ރުނބާވެސް އެނބުރެ އެވެ. އެއްޗެހި ރަނގަޅަށް ދޮވެވޭ ގޮތް ހެދުމަށް ރުނބާގެ އެތެރޭގައި ފިލާގަނޑެއްވެސް ހަރުކޮށްފައި ހުރެ އެވެ.
އަންނައުނު ދޮވުމަށްފަހު ހިއްކަންވެސް މި މެޝިން ބޭނުންކުރެވެ އެވެ. ގާތް ގަނޑަކަށް ދިހަ ވަރަކަށް މިނެޓު ފުރޮޅު އަނބުރައިގެން އެއްޗެހި ދޮވެވޭ މި މެޝިނުން ފެނާއި ވަގުތު ވެސް ސަލާމަތްކޮށްދެ އެވެ. ރިޗްގެ އުއްމީދަކީ ބްރުންޑީފަދަ ކަރަންޓުގެ ހިދުމަތް ލިބުމުގައި ދަތިތައްހުރި ގައުމުތަކަށް މި މެޝިން ފޯރުކޮށްދިނުމެވެ.