ހަބަރު

މައުމޫންނާއި ދެ ފަނޑިޔާރުން ޝަރީއަތް ކެންސަލް

އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ މައްސަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔުމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗައް ކުރާ ޝަރިއަތް މިއަދު ކެންސަލްކޮށްފި އެވެ.

ތަހުގީގަށް ފޯނު ނުދެއްވި މައްސަލާގައި ތިން ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު 11:00 އޮތީ ތާވަލުކޮށްފަ އެވެ. ނަމަވެސް ފަހުން އަޑު އެހުން ވަނީ ކެންސަލްކޮށްފަ އެވެ. މިއަދުގެ އަޑުއެހުން ކެންސަލްކުރީ ހަމަ އެ ގަޑީގައި ހައިކޯޓުގައި ދެ ފަނޑިޔާރުންގެ ޝަރީއަތެއް ތާވަލުކޮށްފައި އޮތުމުންނެވެ.

މިއަދު މި މައްސަލާގައި ތާވަލުކުރި އަޑުއެހުމަކީ މައްސަލާގެ ޝަރީއަތް ފެށުމަށް ތާވަލުކުރި އަޑުއެހުމެކެވެ.

މީގެ ކުރިން ވެސް ރައީސް މައުމޫންގެ ހާލު ދެރަވެ، ކޯޓަށް ހާޒިރު ނުވެވިގެން ވަނީ ޝަރީއަތްތަކެއް ކެންސަލްކޮށްފަ އެވެ. މައުމޫންގެ އާއިލާއިން ޑޮކްޓަރުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި، މައުމޫން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ގެންދަވަނީ، "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" ނޫނީ ބޮލަށް އެނބުރުން އެރުމުގެ ބައްޔަށް ފަރުވާ ކުރައްވަމުން އެވެ. އަދި މިފަހުން ޖަލުގައި ހުންނަވަނިކޮށް މައުމޫންގެ ބޮލަށް ތިން ފަހަރެއްގެ މަތިން އެނބުރުން އަރައި އަމިއްލައަށް ކަންކަން ނުކުރެވޭ ދަރަޖައަށް އެމަނިކުފާނުގެ ހާލަތު ގޮސްފައިވާކަމަށް ވަކީލުން ވަނީ ބުނެފަ އެވެ. އަދި އެކަމާ ގުޅިގެން އެމަނިކުފާނުގެ ޒަރޫރީ ބައެއް ކަންކަން ކުރުމަށް އަނބިކަބަލުން ނަސްރީނާ އިބްރާހިމް ވެސް ދެފަހަރެއްގެ މަތިން ޖަލަށް ވަޑައިގެން މައުމޫންއަށް ވަނީ އެހީތެރިވެ ވަޑައިގެންފަ އެވެ.

އާއިލާއިން ވަނީ މައުމޫންގެ ބަންދަށް ލުޔެއް ދިނުމަށް ސަރުކާރުގައި އާދޭސްކޮށްފަ އެވެ. އެހެން ނަމަވެސް އެ ކަންކަމަށް ސަރުކާރުން އެދެވޭ ޖަވާބެއް މިހާތަނަށް ދީފައެއް ނުވެ އެވެ.