ދުނިޔެ

އެމޭޒާން ޖަންގަލި "ހިސޯރުކުރުމުގައި" ޗައިނާ ކުރިއަށް ޖެހިލައިފި!

May 24, 2015

އިރުމައްޗާއި ހުޅަނގު ގުޅުވާލުމަށް، އެމޭޒާން ޖަންގަލި ހުރަސްކޮށް ޗައިނާ އިން އަޅަން މަސައްކަތް ކުރާ ރޭލުވޭ މަޝްރޫއަށް އިތުރު ކުރިއެރުމެއް ލިބިއްޖެ އެވެ. އެ ކުރިއެރުން ލިބުނީ އެ މަޝްރޫއުގެ ފީސިބިލިޓީ ދިރާސާތައް ހެދުމުގައި ބައިވެރިވުމަށް ޕެރޫ އިން އިއްޔެ އެއްބަސްވުމުންނެވެ.

ޕެރޫގެ އައްސޭރިފަށުގެ ސަރަހައްދުތަކާއި ބްރެޒިލްގެ އައްސޭރިފަށުގެ ހިސާބުތައް ގުޅުވާލުމަށް ޗައިނާ އިން ހުށަހަޅާފައިވާ މަޝްރޫއު ދިރާސާކުރުމަށް ޕެރޫ އިން އެއްބަސްވެފައި ވަނީ އެ ގައުމުގެ ރައީސް އޮލާންޓާ ހުމާލާ އާއި ޕެރޫ އަށް ވަޑައިގެން އުުޅުއްވާ ޗައިނާގެ ބޮޑުވަޒީރު ލީ ކިއާގަންގް ބޭއްވެވި މަޝްވަރާތަކަށް ފަހު އެވެ.

"ދެކުނު އެމެރިކާގެ ދޮރާށީގެ ގޮތުގައި ޕެރޫ އޮތް އޮތުން މި ރޭލުވޭގެ ސަބަބުން އިތުރަށް ވަރުގަދަވާނެ،" ރައީސް އޮލާންޓާ ވިދާޅުވި އެވެ.

މި މަޝްރޫއުގެ ފީސިބިލިޓީ ދިރާސާތަކުގައި ޕެރޫ އިން ބައިވެރިވެފައި މި ވަނީ، އެ މަސައްކަތުގައި ބައިވެރިވާނެކަން ބްރެޒިލުން އިއުލާންކުރިތާ ދެ ދުވަސް ފަހުންނެވެ. ބްރެޒިލުން ވެސް އެކަން ހާމަކޮށްފައި ވަނީ، ޕެރޫގެ ކުރިން ބްރެޒިލަށް ވަޑައިގެންނެވި ބޮޑުވަޒީރު ލީ އާއި ބްރެޒިލްގެ ރައީސް ދިލްމާ ރޫސޮފް ބޭއްވެވި މަޝްވަރާތަކަށް ފަހު އެވެ.

ޗައިނާ އިން ބުނި ގޮތުގައި ތިން ގައުމު ގުޅިގެން ފީސިބިލިޓީ ދިރާސާތައް ވަރަށް އަވަހަށް ފަށާނެ އެވެ.

އެއާ އެކު، ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ ފަރާތްތަކުން ވަނީ މި މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ނެތި ދިއުމުގެ ބިރު ހީވެފައިވާ ގިނަ އަދަދެއްގެ ދިރޭތަކެތި އުޅޭ އެމޭޒާން ޖަންގަލި ހުރަސްކޮށް މި ރޭލުވޭ އެޅުމުން ގަސްތަކާއި ދިރޭތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ އެވެ. އަދި ޖަންގަލީގައި އުޅޭ ގަބީލާތަކުގެ މީހުންނަށް އަސަރު ކުރާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން، ބޮޑުވަޒީރު ލީ ވިދާޅުވީ ތިމާވެށި ރައްކާތެރި ނުކޮށް މި މަޝްރޫއު ކާމިޔާބު ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭ މި ރޭލުވޭ އެޅުމަށް މިހާރު ވިސްނާފައި ވަނީ ބްރެޒިލްގެ އަކާގައި ހަދާފައިވާ ބިޔަ ބަނދަރުން ފަށައިގެން ޕެރޫގައި ޗައިނާ އިން ހަދަން ނިންމާފައިވާ ބަނދަރަކަށް ނިމޭ ގޮތަށެވެ. އެހެން ނަމަވެސް، މި ޕްލޭން އަދި ފައިނަލެއް ނުކުރެ އެވެ.

ޗައިނާ އިން އަންނަނީ ލެޓިން އެމެރިކާ އާއި ދެކުނު އެމެރިކާ ސަަރަހައްދުގައި އެ ގައުމުގެ ނުފޫޒު ގަދަކުރަމުންނެވެ. އެ ގޮތުން، ލެޓިން އެމެރިކާގައި 260 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެކަން ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ މިދިޔަ އަހަރު އިއުލާންކުރައްވާފަ އެވެ.