ލައިފްސްޓައިލް

މުށުތެރޭ ގެންގުޅުނު ދިވެހި އެކުވެރިޔާ ކޮބާ؟

އިނގިލިން އަނބުރާލަ ކުލަ ގަދަ ބުމަރެއް މިހާރަކަށް އައިސް ފެނެ އެވެ. އެކި ކުލަތަކާއި، ސައިޒާއި، ޑިޒައިންތަކުގެ "ފިންގާ ސްޕިނާ" ހުން މުޅި ދުނިޔެއަށް ޖެހި، އަދައިގެ މަތިން ދިވެހިންނާއި ހިސާބަށް ވެސް ވަނީ ފޯރާފަ އެވެ. ގިނަ ވަގުތު އިނގިލިތަކުން އަނބުރާ ބުމަރަކީ ސްޓްރެސް ފިލުވައިދޭ އެއްޗެއް ކަމަށް ގިނަ މީހުން ބުނެ އެވެ.

މީގެ އަހަރުތަކެއް ކުރިން ހަމަ މިޒާތުގެ "އެކުވެރިއެއް" ދިވެހިންގެ އަތްތައް ފަޅުވިލުވައި ދިނެވެ. އަތުތެރޭގައި ދޫންޏެއް ފަދަ ނާޒުކު ޕެޓެއް ގެންގުޅޭނެ ފަދައިންނެވެ. އެ އެކުވެރިޔާއަށް ގެއްލުމެއް ވެދާނެތީ އެވެ. "ފިންގާ ސްޕިނާ" ތަކާއި ހިލާފަށް، މި އެކުވެރިޔާގެ މާގިނަ ކުލަތަކެއް ނުހެރެ އެވެ. ކުޑަ ކުޑަ ކަރައެއްގެ ސިފައިގާ އިންނަ "ކެކުރި" މުށު ތެރޭގައި ދިވެހިން އޭރު ގެންގުޅުނީ ނުހަނު ލޯބިންނެވެ. ހުރިހާ ރަށްޓެހިންނާއި، އާއިލާގެ ވެސް ކުދި ބޮޑު އެންމެންގެ އެކުވެރިއެކެވެ.

ނަމަވެސް، ކެކުރި ފުރަތަމަ ލިބޭއިރު، އެހާ ލޯތްބެއް ކުލުނެއް ނުހުންނަ ކަހަލަ އެވެ. ވަރަށް ވެސް އިހާނެތިކޮށް ފާރު ފާރާއި، ބިންމަތި ފަދަ ހަރުތަންތާ ތަޅާތަން ފެންނާނެ އެވެ. އެންމެ މަގުސަދެއް ހާސިލް ކުރުމެވެ. ކެކުރި އެންމެ އަވަހަށް މަޑު ކުރާށެވެ. މަޑު މަޑު ފުށްކޮޅަކަށް ވަންދެން އަތުތެރޭގައި ގެންގުޅުމެވެ. ކެކުރި މަޑުވަމުންދާ ވަރަކަށް އެންމެންގެ ބީހުންވެސް ހަމަ އެހާމެ ނާޒުކު ވާން ފަށަ އެވެ. ކެކުރި ފަޅައިގެން ހިނގައިދާނެތީ ބިރުންނެވެ. އެތަކެއް ދުވަހެއް ވަންދެން ކުރި މަސައްކަތް ބޭކާރުވާނެތީ އެވެ. ބައެއް ފަހަރު، ކެކުރީގެ ތޮށިގަނޑު ތުނިވެގެން ގޮސް، އެތެރޭގައި ހުންނަ އޮށްތަކާއި ކަރުގަނޑު ބޭރަށް ފެންނާން ހުރެ އެވެ. އެގޮތަށް ދެފުށް ތަތްލާ ވަރަށް ކެކުރި މަޑު ކޮށްލެވިއްޖެ ނަމަ އެ ދެން ވަރަށް މޮޅުވީ އެވެ

ސްކޫލަށާއި އޮފީހަށް ދާއިރުވެސް ކެކުރި އަތުން ދޫނުވެ އެކުގައި ގެންދާ ފަހަރު މަދެއްނުވާނެ އެވެ. ޖީބަށާއި، ދަބަހަށް ލައިގެން ވަގަށް ސްކޫލަށް ގެންގޮސް އެކަކު އަނެކަކުގެ ކެކުރި އަޅާކިޔާނެ އެވެ. ކާކުގެ ކެކުރިއެއްތޯ އެންމެ މަޑު ކުރެވުނީ ބަލާށެވެ. އޭގެ ކުރިން، ފިލާވަޅު ހަދަން ނޫނީ ދަސްކުރަން އިންނަ ވަގުތުތަކުގައި ވެސް، އެއް އަތުގައި ކެކުރި އޮންނާނެ އެވެ. ދަސް ކުރަން ފަސޭހަވެއޭ ބުނުމުން، މަންމަ ވެސް ގިނަ ފަހަރު އަޅައެއް ނުލާނެ އެވެ.

ރަށްޓެހިންނާއި އާއިލާގެ މެދުގައި އިނާމު ހުށަހަޅައިގެން ކެކުރި "މުބާރާތްތައް" ވެސް ބާއްވަ އެވެ. އެންމެ އަވަހަށް ކެކުރި މަޑު ކުރެވޭ މީހާ މޮޅުވާ ގޮތަށެވެ. ކެކުރި މަޑު ކުރަން އެކި އުކުޅުތައް ހުންނަ ކަމަށް ދައުވާ ކުރާ މީހުން މަދެއް ނޫނެވެ. މޮޅުވުމަށް ލަނޑު ވެސް ދެ އެވެ. ވާދަވެރިއެއްގެ ކެކުރި އަތު ތެރޭގައި އޮއްވާ އަތާއެކު ފިތާލާ، ކެކުރި ފަޅާލަ އެވެ. އެތަކެއް ދުވަސް މަތިން މަޑު ކުރާ ހުރިހާ ކެކުރިތައް ސަމާލުކަމާއެކު ރައްކާކުރާ މީހުން ވެސް އޭރު ގިނަ އެވެ. އޭރުގެ ފަހުރުވެރި "ހޮބީ" އެކެވެ.

މިހާރު ކެކުރި މޫސުން މާޒިވެ ހިނގައްޖެ އެވެ. ކެކުރި ޓްރެންޑް މުސްކުޅިވީ ކަމަށް ވެދާނެ އެވެ. ވަރަށް ވެސް ދެރަ އެވެ. "ފިންގާ ސްޕިނާ" އެއް ގޮތަށް ކެކުރި އަކީ ސްޓްރެސް ފިލުވައިދޭ އެއްޗެއް ކަމެއް ބުނަން ނޭނގުނަސް، އެންމެން ކެކުރި ގެންގުޅުނު ޒަމާނުގައި، މިހާރު މިއުޅޭ ސްޓްރެސް ގައި އުޅުނު ހެން ހިއެއް ނުވެ އެވެ.

އާންމު ގޮތެއްގައި ވަލު ތެރޭގައި ހެދޭ ވެޔޮގަނޑެއްގައި އަޅާ، އެން އިރެއްގެ މި އެކުވެރިޔާ ލޮލުން ވެސް ނުދެކޭތާ އެތަކެއް އަހަރުތަކެއް ވެދާނެ އެވެ. ރަށަކުން ވެސް މީއިން ދުވަހަކު ކެކުރިއެއް ފެނުނު މީހަކު މަދުވާނެ އެވެ. މުޅީން ނެތިގެން ނުދާ ކަމެއް ވެސް ޔަގީންކަމާއެކު ބުނާކަށް ނޭނގެ އެވެ.

އެއް ޒަމާނެއްގައި ދިވެހިންގެ މި ވަފާތެރި އެކުވެރިޔާ، މިހާރު އަޅާލާނެ މީހަކު ނެތި ނަމަވެސް، ކޮންމެ ވެސް ރަށެއްގަ ވަލު ތެރޭގައި އޮންނާނެ ކަމަށް އުއްމީދު ކުރަމެވެ.