މި ސަރުކާރުގެ ބޯހިޔާވެހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7000 ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ދެ ކެޓަގަރީއެއްގެ ޝަރުތުތަކަށް އިސްލާހެއް ގެނެސް ހައުސިން މިނިސްޓްރީ އިން އެކަން އާންމުކޮށްފި އެވެ.
ހައުސިން މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަ ކެޓަގަރީ އަދި އަލަތު ކައިވެނިކުރާ ޒުވާނުންނަށް ހާއްސަ ކެޓަގަރީގެ ޝަރުތުތަކަށް އިސްލާހެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ގެނެސްފައިވާ އިސްލާހަކީ، ފޯމް ހުށަހަޅާ ތާރީހަށް އުމުރުން 18 އަހަރު ފުރިފައިވުމާއި މިދިޔަ މަހުގެ 30 އާ ހަމަޔަށް 41 އަހަރު ފުރިފައި ނުވުމެވެ. އެ އިސްލާހު މިނިސްޓްރީ އިން މިހާރު ވަނީ ގެޒެޓްގައި ވެސް ޝާއިއުކޮށްފަ އެވެ.
ފްލެޓު ދޫކުރާ ކެޓަގަރީތައް
- ސިވިލް ސާވަންޓުން - 1000 ފްލެޓު
- މާލޭގެ ރަށްވެހިން - 1000 ފްލެޓު
- ދަފްތަރުގައި ހިމެނޭ މީހުން - 1044 ފްލެޓު
- ޑޮކްޓަރުންނާއި ނަރުހުން - 475
- ޓީޗަރުން - 625
- ފުލުހުން - 300
- ސިފައިން - 300
- ކައިވެނިކޮށްގެން އުޅޭ 18-40 ދެމެދުގެ މީހުން - 1،000
- އެކަނިވެރި މައިންނާއި ބަފައިން - 400
- ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ހިމެނޭ އާއިލާތަކަށް - 200
- ގުޅީފަޅުންނާއި ޓާޓާ ފްލެޓަށް ނުލިބުނު މީހުންއަށް - 300
- މާފަންނު ހުޅަނގު ދާއިރާގައި އުޅޭ ބަޔަކަށް ހާއްސަ - 256
ފްލެޓް ފޯމް ދޫކުރަން ދަރުބާރުގޭގައި ބާއްވާ ހާއްސަ އެކްސްޕޯއަކާ އެކު ފްލެޓަށް ފޯމް ދޫކުރަން ފެށީ މި މަހުގެ ހަވަ ދުވަހު އެވެ. އަދި އޮންލައިންކޮށް ފޯމް ޑައުންލޯޑް ކުރެވޭނެ އިންތިޒާމް ވެސް މިނިސްޓްރީ އިން ހަމަޖެއްސި އެވެ. އަދި ފްލެޓް ފޯމުތައް ބަލައިގަންނަން ފަށާނީ، އަންނަ މަހުގެ ތިންކުން ފެށިގެން ޖުލައި 31 އާ ހަމަޔަށެވެ. ފްލެޓް ފޯމް ދޫކުރަން ފެށުމުން ގިނަ ބަޔަކު ދަރުބާރުގެއަށް ޖަމާވެ ތޮއްޖެހުނެވެ. އަދި އެއް ދުވަސްތެރޭ 15،000 ފޯމް އެކި ފަރާތްތަކުން ނެގި އެވެ.