ދުނިޔެ

އިޒްރޭލާ ހެދި އދ.ގެ ނިއުކްލިއާ ހަތިޔާރާ ބެހޭ ކޮންފަރެންސް ފެއިލްވެއްޖެ

May 24, 2015

އިޒްރޭލުގައި ނިއުކްލިއާ ހަތިޔާރު ހުރިތޯ ކުރެވޭ ސުވާލަށް ޖަވާބެއް ހޯދުމުގެ މައްސަލަ ހޫނުވެ، ނިއުކްލިއާ ހަތިޔާރާ ގުޅޭ އދ. ގެ ކޮންފަރެންސް އިއްޔެ ހުއްޓާލަން ޖެހިއްޖެ އެވެ.

މެދުއިރުމައްޗަކީ ނިއުކްލިއާ ހަތިޔާރު ނެތް ސަރަހައްދަކަށް ހެދުމަށް، މިސްރުގެ ތާއީދާ އެކު އަރަބި ގައުމުތަކުން ހުށަހަޅާފައި ވަނީ ނިއުކްލިއާ ހަތިޔާރުގެ މައްސަލައިގައި ސަރަހައްދީ ފެންވަރުގެ ބައްދަލުވުންތަކެއް ބާއްވާށެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ނިއުކްލިއާ ހަތިޔާރު ހުރިތޯ ނުވަތަ ނެތްތޯ ހާމަކުރަން މި ބައްދަލުވުންތަކުގައި އިޒްރޭލަށް މަޖުބޫރުކުރުމުގެ ބިރު އެބައޮތެވެ.

އެހެންވެ، އެމެރިކާ އާއި އިނގިރޭސި ވިލާތް އަދި ކެނެޑާ އިން ވަނީ އަރަބިންގެ އެ ހުށަހެޅުމާ ދެކޮޅު ހަދާފަަ އެވެ.

ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލުމުގެ އެއްބަސްވުން (އެންޓީޕީ)ގެ ދަށުން ބޭއްވި ރިވިއުގައި ކުރިއަށް ދިޔަ މަހެއްހާ ދުވަހުގެ މަޝްވަރާތައް ފެއިލްވުމާ އެކު، އެމެރިކާގެ މަންދޫބު ރޯޒް ގޮޓެމޮއްލާ ވިދާޅުވީ އަރަބި ގައުމުތަކުން ގެންގުޅެނީ ހާސިލް ނުކުރެވޭނެ އުއްމީދުތަކެއް ކަމަށެވެ. އެ އުއްމީދުތައް ދޫކޮށްލަން އެ ގައުމުތަކުން ބޭނުން ނުވާ ކަމަށް ވިދާޅުވެ އޭނާ ވަނީ އެ ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެެވެ.

"ބައެއް ގައުމުތަކުން މަސައްކަތް ކުރަނީ އެ މީހުން ބޭނުންވާ ގޮތަކަށް މުނި ނިޒާމު އަނބުރާލަން،" ރޯޒް ނޫސްވެރިންނަށް ވިދާޅުވި އެވެ.

އެެމެރިކާގެ މި ވާހަކަތާ ގުޅިގެން މިސްރު ވަނީ ރުޅިގަދަވެފަ އެވެ. އިޒްރޭލާ ނުލާ ވިޔަސް ނިއުކްލިއާ ހަތިޔާރުގެ މައްސަލައިގައި ސަރަހައްދީ ބައްދަލުވުންތަކެއް ބާއްވަން ވެސް މިދިޔަ މަހު ހުށަހަޅާފައިވާ މިސްރުން ބުނި ގޮތުގައި އެއްބަސްވުމަކަށް ނާދެވުމުގެ "ހިތި ނަތީޖާ އަރަބި ގައުމުތަކުގެ ކުރިމަތީގަ އާއި އާއްމުން ދެކޭ ގޮތަށް ކުރާނެ އެވެ."

އެންޓީޕީގެ ދަށުން ބާއްވާ ރިވިއު ކޮންފަރެންސްތައް އޮންނަނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު އެވެ. އެހެންވެ، އަރަބިންގެ މި ހުށަހެޅުމާ މެދު ދެން ބަހުސްކުރެވޭނީ 2020 ގައި ބާއްވާ ކޮންފަރެންސްގަ އެވެ.

އިޒްރޭލުން ނިއުކްލިއާ ހަތިޔާރު އުފައްދާފައިވާ ކަމުގެ ހެކިތައް ހުރި ނަމަވެސް އެކަމާ މެދު އެ ގައުމުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެހެންވެ، އެ ގައުމުގައި ނިއުކްލިއާ ހަތިޔާރު ހުރިތޯ އަބަދުވެސް ބަހުސްކުރެ އެވެ.