ދުނިޔެ

ނޫސްވެރިންގެ ހާޒިރުގައި އުތުރު ކޮރެއާގެ ނިއުކުލިއާ ސައިޓް ނައްތާލައިފި

May 24, 2018
1

އުތުރުކޮރެއާއިންް ނިއުކްލިއަ ޓެސްޓްތައް ކުރުމަށް ބޭނުންްކުރާ ސައިޓް، ނޫސްވެރިންގެ ހާޒިރުގައި މިއަދު ނައްތާލައި ހަލާކުކޮށްލައިފި އެވެ.

އުތުރު ކޮރެއާގެ ޕޮންގޭރީ އަވަށުގެ ފަރުބަދަތަކުގެ ތެރޭގައިވާ ޕުންޔީރީ ނަމަކަށް ކިޔާ ނިއުކްލި ސައިޓް ނައްތާލާފައި ވަނީ ސީއެންއެން އާއި އުތުރުކޮރެއާ އަދި އެހެން ވެސް ބައެއް ގައުމުތަކުގެ ނޫސްވެރިންގެ ހާޒިރުގަ އެވެ. އެތަނަށް ހާޒިރުވި ސީއެންއެންގެ ނޫސްވެރިން ބުނީ ޕުންޔޯރީ ސައިޓްގައި ނިއުކުލިއާ ޓެސްޓް ކުރުމަށް ބޭނުން ކުރާ، ތިން ބިންގަރާހާއި އެތަނުގައި ހުރި އޮބަޒަވޭޝަން ޑެކާއި ޓެސްޓްތަކުގެ ޓެކްނިކަލް ކަންކަމުގައި ބޭނުން ކުރާ އިމާރާތެއް އަދި މުވައްޒަފުންގެ އެކޮމޮޑޭޝަންގެ ގޮތުގައި ބޭނުން ކުރާ އިމާރާތެއް ވެސް ގޮއްވާލާފައިވާ ކަމަށެވެ.

ސީއެންއެންގެ ނޫސްވެރިޔާ ބުނި ގޮތުގައި، އެތަން ގޮއްވާލުމުގެ ކުރިން އެ ސައިޓްގެ ތެރެއަށް ނޫސްވެރިން ވައްދައި އެ ތަންތަނުގައި ގޮވާތަކެތި ހަރުކޮށްފައިވާ ތަން ދެއްކި ކަމަށެވެ. އަދި އެއަށް ފަހު، ސައިޓާ 500 މީޓަރު ދުރުގައިވާ އޮބްޒަވޭޝަން ޑެކަކަށް ނޫސްވެރިން ގެންގޮސް، ނޫސްވެރިންނަށް ފެންނާނެހެން އެ ސައިޓްތައް ގޮއްވާލާފައިވާ ކަމަށެވެ. ނޫސްވެރިޔާ ސިފަކުރި ގޮތުގައި ގޮއްވާލި ވަގުތު ބާރުގަދަ އަޑަކާ އެކު، ފުޓްބޯޅަވަރުގެ އަލިފާން ގަނޑުތަކެއް ނިއުކުލިއާ ސައިޓްގެ ތެރެއިން ފެނުނެވެ. އަދި އެއަަށް ފަހު އަނެއްކާ ވެސް ނޫސްވެރިން ނިއުކުލިއާ ސައިޓަށް ގެންގޮސް އެތަން ހަލާކުވެފައިވާތަން ދެއްކި ކަމަށް ވެސް ނޫސްވެރިޔާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޓަނަލްތައް ހަލާކުވެ އެތަންތަނަށް ވަދެވެން ހުރި ދޮރުތައް ވެސް ވަނީ ގާތަކުން ފޮރުވިފަ އެވެ. އަދި ގޮއްވާލި އިމާރާތްތައް ވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ވެސް ނޫސްވެރިޔާ ބުންޏެވެ.

ނޯތް ކޮރެއާގެ ނިއުކުލިއާ ސައިޓް ހަލާކުކޮށްލިއިރު، އެގައުމުން ވަނީ މި ޓެސްޓް ސައިޓްގައި ހަ ނިއުކުލިއާ ޓެސްޓެއް ކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ވެސް ނިއުކުލިއާ ޓެސްޓްތަކެއް އެތަނުގައި ކޮށްފައިވެ އެވެ.

އުތުރު ކޮރެއާއިން ނިއުކުލިއާ ޓެސްޓްތައް ހުއްޓާލަން އެއްބަސްވީ މިދިޔަ މަސްތެރޭގަ އެވެ. އަދި އެ ސައިޓް ނައްތާލައި ނިއުކުލިއާ ހަތިޔާރުން ސަލާމަތްވެފައިވާ ސަރަހައްދަކަށް ކޮރެއާ ޕެނިންސުއޭލާ ހެދުމަށް އުތުރު ކޮރެއާއިން އެއްބަސްވީ، ޒަމާނުއްސުރެ ހަތުރުންގެ ގޮތުގައި ބަލައި ދެކުނު ކޮރެއާގެ ރައީސްއާ އެކު އުތުރުކޮރެއާގެ ރައީސް ކިމްޖޮންއުން ބޯޑަރުގައި ބޭއްވި އެއްދުވަހުގެ ސަމިޓަކަށް ފަހު އެވެ.

އެ ސަމިޓަށް ފަހު އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ އަލުން ސުލްހަވާނެ ކަމަށް ބެލި ނަމަވެސް، އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން އަސްކަރީ ތަމްރީންތަކެއް މިިދޔަ ހަފްތާ ދެކުނު ކޮރެއާގައި ފެށުމާ އެކު އުތުރު ކޮރެއާ ވަނީ ރުޅިގަދަވެފަ އެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ކިމް ޖޮންއުން ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓް ވެސް ކެންސަލް ކުރާނެ ކަމުގެ އިންޒާރު ވެސް އިތުރު ކޮރެއާއިން ވަނީ ދީފަ އެވެ.