އިންޑިއާކަނޑުގައި އުފެދުނު ތޫފާން މެކުނު ޔަަމަނުގެ ސުގުތުރާ ނަމަކަށް ކިޔާ ޖަޒީރާއަށް އެރުމުގެ ސަބަބުން އެރަށުން 17 މީހުން ގެއްލިއްޖެއެވެ. ޔަމަނުގެ އޮފިޝަލުން ލަފާލުރައްވަނީ އެ 17 މީހުންވެސް މަރުވެފައިވާ ކަމަށެވެ. ތޫފާން އެރުމުން ޔަމަނު ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެެވެ.
ޔަމަނު ސަރުކާރުގެ ސަބާ ނިއުސް އެޖެންސީއާ ވާހަކަފުޅު ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު ރާޖިހު ބަދީއު ވިދާޅުވީ ސުގުތުރާގެ ފަރުބަދަމަތީ ހިސާބުތަކުގައި ދިރިއުޅޭ މީހުން ތޫފާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ ކަމަށާއި އެމީހުންނަށް ވަރަށް އަވަހަށް އެހީ ބޭނުންވާ ކަމަށެވެ. އޭނާ ވިދާޅުވީ ތޫފާނުގައި ގެއްލުނު 17 މީހުންނަކީ ދެ ބޯޓެއް ބަންޑުން ޖަހައިލުމާއި ދެކާރެއް އޮޔާ ދިއުމުގެ ހާދިސާގައި ގެއްލުނު މީހުން ކަމަށެވެ.
ތޫފާން އެރުމުގެ ސަބަބުން ފެންބޮޑުވެފައިވާ އަވަށްތަކުން 200 އާއިލާއެއް ސަލާމަތްކޮށްގެން އެހެން ހިސާބުތަކަށް ގެންގޮސްފައިވާ ކަަމަށް ވެސް ބަދީއު ވިދާޅުވިއެވެ.
ސުގުތުރާގެ ކުރީގެ ގަވާނާއެއް ކަަމަށްވާ ސަލީމް އަބުދުﷲ އަލް ސުގުތުރީއާ ހަވާލާދީ ދަ ނެޝަނަލް ނޫހުން ބުނީ ސުގުތުރާ ޖަޒީރާގެ އުތުރުގައިވާ ބަނދަރުމަތީރަށް ހަދީބޫގައި ފެންބޮޑުވެ، މަގުތައް ބަންދުވުުމުގެ ސަބަބުން އެރަށް ދޫކޮށް މީހުން ދިއުމަށް ވެސް ހުރަސް އެޅިފައިވާ ކަމަށެވެ.
" ތޫފާނުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެ ގެތައް ހަލާކުވެފައި. ގަދަވަޔާއި ތަންޑާ ސްޓޯމްތައް ދަނީ އަންނަމުން ހާލަތު އޮތީ ވަރަށް ނާޒުކުކޮށް،" ސަލީމް އާ ހަވާލާދީ ދެ ނަޝަނަލް ބުންޏެވެ.
ތޫފާން މެކުނު މިހާރު ދަތުރުކުރަމުން ދަނީ އުމާނުގެ ދެކުނުގަައިވާ ސަލާލާ ސިޓީއާ ދިމާލަށެވެ. މާދަމާގެ ވަގުތެއްގައި ތޫފާން އެރަށަށް އަރާނެ ކަމަށް ވަނީ ބެލެވިފައެވެ.