ލައިފްސްޓައިލް

ގަދައަށް ދާހިއްލަނީ ކަސްރަތު ރަނގަޅުވެގެނެއް ނޫން!

ކަސްރަތު ކުރާ އިރު ދާ ނުހިއްލަންޏާ ބައެއް މީހުން ކަންބޮޑުވެ އެވެ. އަނެއް ބަޔަކު ތިބެނީ ބޮޑަށް ދާހިއްލާތޯ ބޮޑަށް ހޫނު އަރާ ޒާތު އަންނައުނު ލައިގެންނެވެ. ދުވަން ދާއިރު ބައެއް މީހުން ޖެކެޓް ލައިގެން ތިބޭތަން އެ ފެންނަނީ މި ވިސްނުމާ ހެދިއެވެ. ގަދައަށް ދާ ހިއްލާލީމާ އަހަރެމެންނަށް ހީވަނީ ކުރެވުނު ކަސްރަތު ނުވަތަ ކަސްރަތު ކުރެވުނު މިންވަރު ރަނގަޅީ ކަމަށެވެ. ދެން ތިބެނީ ވަރަށް އުފާވެފަ އެވެ.

އެކަމަކު ފަހުގެ ހޯދުންތަކުން އެނގުނީ އެއީ އަދި ރަނގަޅު ހީއެއް ނޫން ކަމެވެ. ކުރެވޭ ކަސްރަތުގެ މޮޅު ދެރަކަމާއި ދާހިއްލާ މިންވަރާ އެއްވެސް ގުޅުމެއް ނެތެވެ. ދާހިތްލަނީ މުޅިން އެހެން ސަބަބުތަކާ ހެދިއެވެ. އެކަމުގައި ގިނަ އެހެން ސަބަބުތަކެއް އެބަހުއްޓެވެ. އެކަމުގައި މީހާގެ ޖިންސާއި އުމުރާއި ޖެނެޓިކްސް އަދި ބަރުދަން ވެސް ދައުރެއް އަދާކުރެ އެވެ. އަދި ކަސްރަތު ކުރާ މާހައުލުގެ ފިނިހޫނުމިނާއި ވައިގެ ތެތްކަމުގެ މިންވަރު ވެސް އެކަމުގައި ދައުރެއް އަދާކުރެ އެވެ.

ބޮޑަށް ދާހިއްލުމާ ބަރުދަނާ ގުޅުމެއް ވެއެވެ. އެގޮތުން ބަރު މީހުން ބޮޑަށް ދާހިއްލާނެ އެވެ. އެއީ ހަށިގަނޑުު ބޮޑުވީމާ ހޫނު އުފައްދާ މިންވަރުވެސް ބޮޑުވާތީ އެވެ. ދާހިތްލުމާ މީހާގެ ދުޅަހެޔޮ ކަމާ ވެސް ގުޅުމެއް އެބަހުއްޓެވެ. އެގޮތުން ބޮޑަށް ދުޅަހެޔޮ މީހުން އަވަހަށް ދާހިއްލާނެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މީހާގެ ދުޅަހެޔޮކަންް އިތުރުވާ ވަރަކަށް ހަށިގަނޑު ފިނިކޮށްދޭލެއް އަވަސް ވެއެވެ. އެހެންވެ ކަސްރަތު ކުރާ މިންވަރު އެމީހުންނަށް އިތުރު ކޮށްލެވެ އެވެ.

އެހެންވިއްޔާ ގަދައަށް ދާހިއްލާ ކަސްރަތެއް ކޮށްލާފައި ކައްޓާއަށް އަރާލާއިރު ފެށި އިރަށް ވުރެ ލުއިކަމަށް ދައްކަނީ ކީއްވެތޯ ސުވާލު އުފެދިދާނެ އެވެ. އަސްލުގައި އެއީ ހިކިގެން ވީ ލުޔެއް ނޫނެވެ. އެއީ ހަށިގަނޑުން ފެން މަދުވުމުން ބަރުދަނަށް އަންނަ ބަދަލެކެވެ. އަނެއްކާވެސް ރަނގަޅަށް ފެން ބޯލާއިރަށް ކުރިން ހުރި ބަރުދަނަށް އިއާދަވާނެ އެވެެ.

ގަބޫލު ކުރަންވީ އަނެއް ހަގީގަަތަކީ މާބޮޑަށް ދާނުހިއްލިޔަސް ތިބާ ކުރި ކަސްރަތުން ފައިދާ ކުރާނެ ކަމެވެ. ބޮޑަށް ދާނުހިއްލަނީ ރަނގަޅަށް ވައި ލިބޭ ތަނެއްގައި ކަސްރަތުކުރާތީ ކަމަށް ވެދާނެއެވެ. -- ސީއެންއެން ފިޓްނަސް