ދުނިޔެ

އިންޑޮނީޝިއާ އިން ވެސް ރެފިއުޖީންނަށް އެހީވާން ފަށައިފި

May 24, 2015

ކަނޑުމަތީގައި ހާލުގައި ޖެހިފައި ތިބި ރޮހިންޔާ ދަރިކޮޅާއި ބަންގްލަދޭޝްގެ ރެފިއުޖީން ސަލާމަތްކުރުމުގެ މަސައްކަތް އިންޑޮނީޝިއާ އިން ވެސް ފަށައިފި އެވެ.

އިންޑޮނީޝިއާ އަސްކަރިއްޔާގެ ވެރިޔާ، ޖެނެރަލް މޮލްޑޯކޯ ވިދާޅުވި ގޮތުގައި އެ ގައުމުގެ ކަނޑުގެ ސަރަހައްދާއި އޭގެ ބޭރުން ވިޔަސް ރެފިއުޖީން ތިބި ބޯޓެއް ފެނިއްޖެ ނަމަ އިންޑޮނީޝިއާ ސިފައިން އެހީތެރިވާނެ އެވެ. އެކަމަކު މި އޮޕަރޭޝަންގައި ހަރަކާތްތެރިވާ ސިފައިންނަށް އަދި އެއްވެސް ބޯޓެއް ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިން އަހަރުމެން ދިޔައީ ބޯޓުތައް އަނބުރާ ފޮނުވާލަމުން. އެކަމަކު [އިންޑޮނީޝިއާގެ] ރައީސްގެ އަމުރަކާ ގުޅިގެން، އަހަރުމެން މިހާރު މި ވަނީ ކޮންމެ ސަރަހައްދަކުން ފެނުނަސް އެހީވާން ނިންމާފައި،" ޖެނެރަލް މޮލްޑޯކޯ ވިދާޅުވި އެވެ.

އެއާ އެކު، ހަވާލުވެގެން އަންނަ އެޖެންޓުން ރެފިއުޖީން ދޫކޮށްލުމުގެ ސަބަބުން، އެތައް ދުވަހެއް ވަންދެން އެ މީހުން ތިބެންޖެހެނީ ކަނޑުމަތީގަ އެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 3،000 މީހުން މިދިޔަ ހަފުތާގައި އެކަނި ވެސް އިންޑޮނީޝިއާގެ ބޭރުން، ކަނޑުމަތިން ސަލާމަތްކޮށްފައި ވާއިރު، ކާއެއްޗެހި ނުލިބިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރު ވެސް ވެފަ އެވެ.