އިނގެރޭސިވިލާތުގެ ސްކޮޓްލޭންޑުގެ ޖަޒީރާ ރަށެއްކަމަށްވާ ވެސްޓާން އައިލްސްގައި މި ރޯދަމަހު ވަނީ މިސްކިތެއް ހުޅުވާފަ އެވެ. މިއީ އެ ރަށުގައި މިސްކިތެއް އިމާރާތްކޮށް ހުޅުވި ފުރަތަމަ ފަހަރުވެސްމެ އެވެ. ރޯދަ މަސް ފެށުމުގެ ކުރިން މި މިސްކިތް ވަނީ އާންމުކޮށް ހުޅުވާލާފަ އެވެ.
މި މިސްކިތް އިމާރަތްކޮށްފައި ވަނީ އެ ރަށުގައި ވީރާނާވަމުންދިޔަ ފަޅު ގެއެއްގަ އެވެ. ދެ ބުރިއަށް ހުރި އެ ފަޅުގެ އަލުން މަރާމާތުކޮށް އެ ރަށުގެ މުސްލިމުންނަށް އަޅުކަން ކުރެވޭނެ ގޮތަށް އިމާރާތްވަނީ ޒީނަތްތެރިކޮށްފަ އެވެ. އެ ރަށުގައި 50 އަށް ވުރެ ގިނަ މުސްލިމުން މިހާރު ދިރިއުޅެ އެވެ.
މިއަދާ ހަމައަށް އެ ގައުމުގައި މުސްލިމުން އަޅުކަންކުރީ އެމީހުންގެ ގޭގަ އެވެ. ރޯދަވިއްލުންތަކާއި އީދު ހަފްލާތަކުގެ އިތުރުން ދީނީ އެކި ހަފްލާތައް މީގެ ކުރިން އެމީހުން ބާއްވަމުންއައީ ކޮމިއުނިޓީ ހޯލުތަކުގަ އެވެ.
އެ ގެ އަލުން އިމާރާތްކޮށް މިސްކިތެއް ގޮތަށް މަރާމާތުކުރީ އެ ރަށުގެ އެކި މީހުންގެ ފަރާތުން ލިބުނު ފައިސާގެ އެހީގަ އެވެ. އެ މިސްކިތް މަރާމާތުކުރުމަށް އެކި މީހުންގެ ފަރާތުން އެހީގެ ގޮތުގައި 59 ހާސް ޔޫރޯ ލިބުނެވެ.
އައިލްސްގައި މުސްލިމުން ދިރިއުޅެން ފެށީ 1945 ވަަނަ އަހަރު އެވެ. އައްޑިހާގެ އަހަރުތަކާއި ނުވަދިހާއިގެ އަހަރުތަކުގެ ދެމެދުގައި އެ ރަށުގެ މުސްލިމުންގެ އާބާދީގައި އުޅުނީ 80 މީހުންނެވެ. ނަމަވެސް އެ އަދަދު ފަހުން 25 އަށް ތިރިވި އެވެ.
މުސްލިމުންގެ އާބާދީ މަދުވެފައި ވީ ނަމަވެސް މިދިޔަ ދެ ވަރަކަށް އަހަރުގެ ތެރޭގައި އެ އަދަދު އައީ އަނެއްކާވެސް އިތުރުވަމުންނެވެ. އެއީ ސީރިއާގެ ރެފިއުޖީން އެރަށުގައި އާބާދުވަމުން އަންނަން ފެށުމުން ކަމަށް ބެލެވެ އެވެ.