ދިވެހި ސިނަމާ

ދައްތަގެ މަގާމު ދިފާއުކުރަން މިފަހަރު މި ހުރީ ކޮއްކޮ

ސްރީލަންކާގައި މިހާރު ކުރިއަށްދާ ސާކް ފިލްމު ފެސްޓިވަލުގައި ރާއްޖޭގެ ހަތަރު ފިލްމެއް ވަނީ ބައިވެރިކޮށްފަ އެވެ. އެއީ ފިޗާ ދެ ފިލްމާއި ކުރު ފިލްމު ދެ ފިލްމެވެ.

ފީޗާ ދެ ފިލްމަކަށް ބައިވެރިކޮށްފައި ވަނީ ކުޅަދާނަ ޑައިރެކްޓަރު ފާތިމަތު ނަހުލާ ފިލްމު "4426" އާއި ކާމިޔާބު ޑައިރެކްޓަރު އަބްދުލް ފައްތާހުގެ ފިލްމު "ހައްދު" އެވެ. މި ދެ ފިލްމަކީވެސް ބޮޑު ތަރުހީބެއް ލިބުނު ދެ ފިލްމެވެ.

ކާމިޔާބު ދެ ފިލްމަށް މި ފިލްމުތައް ވުމުގެ އިތުރަށް ހާއްސަވާ މުހިންމު އެހެން ސަބަބެއްވެސް އެބަ އޮތެވެ. އެއީ މި ދެ ފިލްމުގައިވެސް ލީޑުން ފެނިގެންދަނީ އެއް ބަތަލާއެކެވެ. އަރަމުން އަންނަ ކުޅަދާނަ ބަލަތާ މަރިޔަމް އައްޒަ އެވެ. މިދިޔަ އަހަރު ދިވެހި ސިނަމާގައި އެންމެ ނުފޫޒުގަދަ ބަތަލާއަކީވެސް އައްޒަ އެވެ.

ދެ ފިލްމާއެކު އައްޒަ ސާކް ފިލްމު ފެސްޓިވަލުގައި ވާދަކުރާއިރު ކުރެވޭ އުއްމީދުތައްވެސް ބޮޑެވެ. ސަބަބަކީ އައްޒަގެ ދެ ފިލްމު ވާދަކުރުމާއި މިދިޔަ އަހަރު ސާކް ފިލްމު ފެސްޓިވަލުގައި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ގެނައީ އައްޒަގެ ދައްތަ އައިޝަތު ރިޝްމީއަށް ވުމުންނެވެ.

ރިޝްމީ އެ އެވޯޑު ކާމިޔާބުކުރީ ފިލްމު "ވިޝްކާ" އިންނެވެ. މިދިޔަ އަހަރު މި ފެސްޓިވަލުގައި ބައިވެރި ކުރި ހަމައެކަނި ދިވެހި ފިލްމަކީވެސް "ވިޝްކާ" އެވެ. މިހާރު ހިތާ ހިތާއި ކުރެވޭ ސުވާލަކީ އައްޒައަށް ދައްތަގެ އެ ފަހުރުވެރި މަގާމު ދިފާއުކުރެވިދާނެ ހެއްޔެވެ؟

ފިލްމު "4426" އަކީ އައްޒަގެ ކެރިއަރު އެއްކޮށް ބަދަލުކޮށްލާއި އެކްޓިންގެ ދާއިރާގައި އޭނާގެ ފައިތިލަ ސާބިތުކޮށްދިން ފިލްމެވެ. އޭނާގެ ހުނަރު ފެނި ގިނަ ބައެއްގެ ލޯބި ލިބެން ފެށީ އެހާ ހިސާބުންނެވެ. ހަމަ އެހެންމެ ފިލްމު "ހައްދު" އަކީވެސް މި ދާއިރާގައި އޭނާ ކުރިމަތިލި ބޮޑު ޗެލެންޖެކެވެ.

ސާކް ފިލްމު ފެސްޓިވަލުގައި މިއަހަރު ބައިވެރިކޮށްފައިވާ ދިވެހި ކުރު ދެ ފިލްމަކީ އޭސީސީގެ "ބިތުފަންގި" އާއި އަލީ ޝާމިންގެ "ސްޓޭޓަސް" އެވެ.

ސާކް ފިލްމު ފެސްޓިވަލް 2018 ގެ ޓްރެއިލާ.

މި ފެސްޓިވަލުގައި ސާކްގެ އަށް ގައުމުން ފިޗާ ފިލްމުގެ ކެޓަގަރީން 17 ފިލްމެއް ވާދަކުރާއިރު، ކުރު ފިލްމު ކެޓަގަރީން ދިހަ ފިލްމެއް ވާދަކުރެ އެވެ. މިދިޔަ ބުދަ ދުވަހު ފެށި މި ފެސްޓިވަލް ނިމޭނީ މާދަމާ އެވެ.

ސާކް ކަލްޗުރަން ސެންޓަރުން އިންތިޒާމުކޮށް ކުރިއަށް ގެންދާ މި ފެސްޓިވަލް ކުރިއަށްދަނީ ކޮލޮމްބޯގެ ނޭޝަނަލް ފިލްމު ކޯޕަރޭޝަންގެ ސިނެމާ ހޯލުގަ އެވެ. ނަތީޖާ ފާޅުކުރުމުގެ ހަފްލާވެސް އޮންނާނީ މާދަމާ އެވެ.