ދުނިޔެ

"މެކުނު" ގެ ބާރުގަދަވެ އުމާނަށް އަަރަނީ

އަރަބިކަނޑުގައި ހުރި ތޫފާން މެކުނުގެ ބާރު ގަދަވެ، އުމާންގެ ސަލާލާ ނަމަކަށް ކިޔާ ޝަހަރަށް އެރުމާ ކައިރިއަށް ހިނގައްޖެ އެވެ.

އުމާންގެ މަސްކަޓް ޑެއިލީ ނޫހުން ބުނީ ކެޓަގަރީ 2 އަކަށް ބަދަލުވެފައިވާ މެކުނު ތޫފާން މިހާރު ހުރީ ސަލާލާއާ 75 ކިލޯމީޓަރު ދުރުގައި ކަމަށެވެ. އަދި ބުނީ އެ ތޫފާން މިރޭ އުމާން ގަޑިން 8:00 ޖަހާ އެހާކަންހާއިރު އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އުމާންގެ މޫސުމާ ބެހޭ އިދާރާއާ ހަވާލާދީ ނޫސްތަކުން ބުނީ ތޫފާނުގައި މިހާރު ވައިޖެހެމުން ދަނީ ގަޑިއަކު 55 މޭލަށް ކަމަށާއި ތޫފާނުގައި އުމާނަށް 800 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަަމަށެވެ. އުމާންގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރަނީ ތޫފާން އިތުރަށް ބާރުގަދަވެ ކެޓަގަރީ 3 ގެ ތޫފާނަކަަށް ބަދަލުވާނެ ކަމަށެވެ.

ތޫފާން އަރާތީ ސަލާލާގެ އެއާޕޯޓު މިހާރުވެސް ވަނީ ބަންދުކޮށްފައެވެ. އަދި ތޫފާނުގެ އަސަރު ބޮޑަށް ކުރާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުން މިހާރު ވަނީ 10000 މީހުން އެހެން ސަރަހައްދުތަކަށް ގެންގޮސްފައެވެ. އުމާނަކީ އެންމެ 200000 މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ.