ހަބަރު

ފެން ހޮޅިއެއް ހަލާކުވެ، މާލޭގެ ބަޔަކުން ފެންކެނޑިއްޖެ

ހައުސިން މިނިސްޓްރީން މިހާރު މާލޭގައި ކުރިއަށް ގެންދާ " މާލޭ ރިންގް ރޯޑް" މަޝްރޫއުގެ މަސައްކަތް ކުރުމުގެ ތެރޭގައި ފެން ހޮޅިއެއް ފަޅައިގެން ގޮސް މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ފެންކެނޑިއްޖެ އެވެ.

މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން މިރޭ ބުނީ ފެންހޮޅިއަކަށް ބޮޑެތި ގެއްލުންތައް ލިބުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުން ފެންކެނޑުނީ މިރޭ 9:30 ގައި ކަމަށެވެ. އެގޮތުން ފެނުގެ ހިދުމަތް ވަގުތީ ގޮތުން ކެނޑިފައި ވަނީ 25، 54 އަދި 55 ނަމްބަރު ބްލޮކުން ކަމަށް ވެސް ބުންޏެވެ.

ފެނުގެ ހިދުމަތަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން ފެންދޫ ކުރުމަށް ޓަކައި އެމްޑަބްލިއުއެސްސީގެ ޓެކްނިކަލް ޓީމަކުން އޭރުން ފެށިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެމްޑަބްލިއުއެސްސީން ބުނީ ކުރިއަށް އޮތް ތިން ގަޑިއިރުގެ ތެރޭގައި ފެނުގެ ހިދުމަތް އިއާދަކުރެވޭނެ ކަމަށެވެ.

"ވީމާ މިމައްސަލަ ކުރިއަށް އޮތް ތިން ގަޑިއިރުގެ ތެރޭގައި ހައްލުކުރެވި ފެނުގެ ހިދުމަތް އަލުން ގުޅައިދެވިގެންދާނޭ ވާހަކަ މިފުުރުސަތުގައި ދަންނަވަމެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ކުންފުނީގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ،" އެމްޑަބްލިއު އެސްސީގެ ބަޔާނުގައި ވެއެވެ.