ވިޔަފާރި

ކޯނީ އަށް 15 ފަހަރަށް ވެސް އެންމެ މަގުބޫލުވީ ރާއްޖެ

May 26, 2018
3

ދުނިޔޭގެ އެންމެ މަޝްހޫރު ޓުއާ އޮޕަރޭޓަރު ކޯނީއިން ހޮވި ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ލަގަބު، 15 ވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ޓުއާ އޮޕަރޭޓަރު ކަމަށްވާ ކޯނީ އިން ނެރުނު މި އަހަރުގެ "ދަ ޓޮޕް ޓްރެވަލް ޓްރެންޑް 2018" ގައި ބުނެފައިވާ ގޮތުން މި އަހަރުވެސް ރާއްޖޭގެ ޓޫރިޒަމަށް ހަލުވި ކުރިއެރުންތަކެއް ލިބިގެންދާނެ އެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ރާއްޖެ އަށް އިނގިރޭސިވިލާތުން އައި ޓޫރިސްޓުންގެ އަދަދު 18.7 ޕަސެންޓް އިތުރުވެފައިވާކަން ފާހަގަ ކޮށްފައިވެ އެވެ.

ރާއްޖޭގައި ރިސޯޓެއް ވެސް ހިންގަމުން ގެންދާ ކުންފުނިން ބުނީ ރާއްޖެއަކީ އާއިލާ އެއްކޮށް އަންނަން ބޭނުންވާ މީހުންނާއި "ސޯލޯ
ޓްރެވަލާސް" އަށް ވެސް އެންމެ އެކަށޭނެ ގައުމު ކަމަށެވެ. އެގޮތުން 2013 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި އަލަށް 27 ރިސޯޓެއް ހުޅުވިފައިވާ ކަމަށެވެ.

ކޯނީ އިން ކޮންމެ އަހަރު މީހުންގެ ހިޔާލުގެ މައްޗަށް ބަލައި ހޮވާ މުހިންމު ވަނަ ތަކުގެ ތެރެއިން ހަނީމޫންއަށް އަންނަން އެންމެ ކަމުދާ މަންޒިލަކަށް ރާއްޖެ ހޮވިފައިވެ އެވެ. މީގެ އިތުރުން އެންމެ މަގުބޫލު ވެޑިން މަންޒިލްގެ ތިންވަނަ ވެސް ރާއްޖެ ހޯދާފައިވާއިރު، އާއިލީ މަންޒިލްގެ ގޮތުގައިވެސް ހޮވުނީ ރާއްޖެ އެވެ.