މިއީ މީރުފެނުގައި ހެދުނު އިތަޔަކުން ނެގިކަމަށް މިހައިތަނަށް ރެކޯޑް ކުރެވިފައިވާ އެންމެ ބޮޑު މުތެވެ. " ސްލީޕިން ލަޔަން"ގެ ނަމުން މަޝްހޫރުވެފައިވާ މި މުތް އެކަކު އަތުން އަނެކަނުން އަތުން އެނބުރޭތާ މިހާރު 300 އަހަރު ވެއްޖެއެވެ. މި މުތަށް މިނަން ދީފައި ވަނީ މީގެ ބައްޓަމާ ގުޅުވައިގެންނެވެ. މީގެ ބައްޓަމަށް ވިސްނައިލުމުން ސިފަވަނީ ނިދާފައި އޮތް ސިންގާއެއް ކަމަށް ވާތީއެވެ. މީގެ ބުރަދަނުގައި 120 ގްރާމް ހުންނަ އިރު ދިގުމިނަކީ 2.7 އިންޗިއެވެ.
ފާއިތުވި 300 އަހަރުވެސް މިމުތަކީ ދޭތެރެ ދޭތެރެއިން މީގެ ވާހަކަ އަޑު އިވޭ ނަން މަޝްހޫރު މުތެކެވެ. އެހެނީ މިމުތް ބަދަލުކުރެވެމުން އައީ ބޮޑެތި ވިޔަފާރިވެރިންގެ އެކަކު އަތުން އަނެކަކު އަތަށެވެ. އެހެން ގޮސް ޝާހީ ބައެއް ބޭބޭފުޅުންގެ އަތްޕުޅަށް ވެސް އެރިއެވެ. އޭގެ ތެރޭގައި ކެތަރިން ދަ ގްރޭޓް ހިމެނިވަޑައިގަންނަވައެވެ.
ކެތަރިން ދަ ގްރޭޓަކީ މީލާދީން 1762 ވަނަ އަހަރުން ފެށިގެން 1796 ވަނަ އަހަރާ ހަމައަށް ރަޝިޔާގެ ރާނީއެވެ. އެއީ ރަޝިޔާގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި އަންހެން ބޭފުޅާއެވެ.
ނީލަން ކިއުން މޭ 31 ގައި
ދަ ސްލީޕިން ލަޔަންގެ ނީލަން އޮންނާނީ މިހިނގާ މޭމަހުގެ 31 ވަނަ ދުވު ނެދަލޭންޑްސްގެ ދަ ހޭގްގެ ވެންޑޫހުއި އޯކްޝަން ހައުސްގައެވެ. އެ މުތް ވިކޭނެ ކަމަށް ލަފާ ކުރާ އަގަކީ 540000 ޔޫރޯ( 632000 ޑޮލަރު) އެވެ.
މީލާދީން 1700 ވަނަ އަހަރާއި 1760 ވަނަ އަހަރާ ދެމެދު އުފެދުނުކަމަށް ބެލެވޭ މިމުތް ފެނުނީ ޗައިނާއިންނެވެ. ވެންޑޫހުއި އޯކްޝަން ހައުސް އިން އާއްމުކޮށްފައިވާ މައުލޫމާތު ބުނާ ގޮތުން މުތް ފެނުމާއި އެކު ގެންދެވުނީ ބަތާވިއާއަށެވެ. އެއީ އެރަށުގައި ތިބި ޑަޗް ( ނެދަލެންޑްސްގެ) ވިޔަފާރިވެރިންގެ އަތަށެވެ. ބަތާވިއާއަކީ އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއެވެ. އެތަނުން ދެން ގެންްދިޔައީ ޔޫރަޕަށަވެ.
ބެލެވޭ ގޮތުގައި މުތް ބަތާވިއާއަށް ގެންދިޔައީ ޗައިނާގެ ވެރިކަމުގައި އޭރު ހުންނެވި ގިއާން ލޯން ހިންގަވަމުން ގެންދެވި ގަވައިދާ ހިލާފަށެވެ. ގިން ދަރިކޮޅުގެ އެ އެމްޕެރާ ހުންނެވީ ބޮޑެތި މުތްތައް ޗައިނާއިން ބޭކުރުން މަނާކުރައްވައިގެންނެވެ.
ފުރަތަމަ ނީލަން 1778 ގައި
ޑަޗް އީސްޓް އިންޑިއާ ކޮމްޕެނީގައި މަސައްކަތްކުރި މުއްސަނދި ވިޔަފާރިވެރިއަކު ނެދަލޭންޑްސްއަށް ގެންދިޔަ މިމުތް އެންމެ ފުރަތަމަ ނީލަމަށްލީ މީލާދީން 1778 ވަނަ އަހަރުއެވެ. އެއީ މުތް ގެންދިޔަ ވިޔަފާރިވެރިޔާ މަރުވުމުންްނެވެ. އެފަހަރު މުތް އިޝްތިހާރު ކުރުމަށް ތައްޔާރު ކުރި ކުރެހުން ކުރަހާފައި އޮތީ ނިދާފައި އޮތް ސިންގާއެއް ރަނގަޅަށް ސިފަވާ ގޮތަށެވެ.
އެފަހަރުގެ ނީލަން ކާމިޔާބުކުރެއްވީ ރަަޝިޔާގެ ރާނީ ކެތަރިން ދަ ގްރޭޓްގެ ފަރާތްޕުޅުން ނީލަމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅާއެވެ. އެހެންކަމުން މުތް ގެންދިޔައީ ރަޝިޔާގެ އޭރުގެ ވެރިރަށް ސޭންޓްޕީޓާސްބާގަށެވެ.
އޭގެ ފަހުން މުތް އަނެއްކާ ފާޅުވީ މީލާދީން 1800ގެ އަހަރުތަކުގައި ޕޮލެންޑުންނެވެ. އެ މުތުގެ ވާހަކަ އޭރުގައި އަލުން ފެތުރުނީ ޔުނައިޓެޑް އިޓަލީގެ ފުރަތަމަ ރަސްގެފާނު ވިކްޓާ އިމެނުއަލް 2 އަށް ގަހަނާ ހަދައިދޭ މީހަކު ގަތުމުންނެވެ. އޭގެ ފަހުން ޔޫރަޕްގެ ގަހަނާ ހަދާ މީހުންގެ ތެރެއިން އެތައް ބައެއްގެ އަތަށް މުތް އެރިއެވެ. މުތް އަލުން އަނބުރާ ނެދަލޭންޑްސްއަށް ގެންދިޔައީ ރަޝިޔާގައި 1917 ވަނަ އަހަރު ގެނައި އިންގިލާބަށް ފަހު ސޭންޓްޕީޓާސް ބާގަށް ނުގެންދެވުމުންނެވެ. މުތުގެ މިހާރުގެ ވެރިން ކަމަށްވާ އާމްސްޓާޑަމް ޕާލް ސޮސައިޓީއަށް މުތް ލިބުނީ 1979 ވަނަ އަހަރުއެވެ.
" ޝައުގުވެރިކުރުވާ އެއްޗަކަށް މީތިވާ ކަމަކީ 18 ވަނަ ގަރުނުން ފެށިގެން ގެންދެވިފައިވާ ދުރު ރާސްތާ،" ވެންޑޫ ހުއި އޯކްޝަން ހައުސްގެ ޑައިރެކްޓަރު ޕީޓާ މީފުޓް ސީއެންއެންއަށް ވިދާޅުވެފައި ވެއެވެ.
ފާއިތުވި އަހަރުތަކުގައި ތާރީހީ އިލްމުވެރިންނާއި ޖަވާހިރުގެ މާހިރުން ވަނީ މުތް ދިރާސާކުރައްވާފައެވެ. އެގޮތުން ކުރި ދިރާސާއަކަށް ފަހު 2014 ވަނަ އަހަރު އާއްމުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މުތުގެ ސައިޒާއި ބައްޓަން މާބޮޑަށް އާދަޔާ ހިލާފުކޮށް އޮތަސް އެތެރެ އޮތީ މީރުފެނުގެ އެހެން މުތްތަކާ އެއްފަދައަކުންނެވެ.
މިއީ މުތް ބަލައިލަން ލިބޭ ހަނިފުރުސަތެއް
ފާއިތުވި 240 އަހަރުގެ ތެރޭގައި މުތް ނީލަންކިޔާ މިއީ ދެވަނަ ފަހަރެވެ. މިފަހަރުގެ ނީލަމުގައި ހިމެނެނީ އެތައް ގަރުނެއްގެ ކުރިން މުތް ފުރަތަމަ ފެނުމުން ރައްކާކުރުމަށް ލޮއިން އުފެއްދި ފޮށްޓާއި ވެސް އެކުގައެވެ. މި ދެ އައިޓަމްވެސް މިހަފުތާ ބަންދުން ފެށިގެން އާއްމުކޮށް ދައްކައިލަން ބަހައްޓާނެއެވެ.
" ފަހަރެއްގައި ކުރިއަށް އޮތް 200 އަހަރުގެ ތެރޭގައި ވެސް ދަ ސްލީޕިން ލަޔަން މުތް އަލުން ވިއްކާކަށް ނުބަހައްޓާނެ. ޑަޗްމީހުންނަށް ގުދުރަތުގެ މި އަޖައިބު ދެކެލަން ލިބޭ މިއީ ފަހު ފުރުސަތު،" މީފުޓް ވިދާޅުވެފައި ވެއެވެ. -- ސީއެންއެން