ދުނިޔެ

ސައުދީން ހަދާ 104 ބިލިއަން ޑޮލަރުގެ ސިޓީ 2035 ގައި ނިންމަނީ

May 24, 2015

ހޮލީވުޑުގެ ފިލްމުތަކުން އެންމެ ރީތި އިމާރާތްތަކުގެ ގޮތުގައި އެމެރިކާގެ ނިއުޔޯކް، ލޮސް އޭންޖަލިސް އަދި ލަސްވޭގަސްގެ ޢިމާރާތްތައް ފެނުނު ދުވަސް މާޒީ ވެއްޖެ އެވެ. ފާއިތުވީ ހައެއްކަ އަހަރު އެ މަންޒަރުތަކުން ފެންނަނީ ގަލްފު ސަރަޙައްދުގެ އުސް ޢިމާރާތްތަކެވެ. ގަލްފު ގައުމުތަކުން މުޅި ދުނިޔެއަށް އެ ގައުމުތަކުގެ ހައިބަތު ދައްކަމުން ދަނީ ހަމައެކަނި އިމާރާތްތަކުން އެކަންޏެއް ނޫނެވެ. ފުރިހަމަ، ހިތްގައިމު ސިޓީތައް ވެސް ދަނީ ހަލުވި ބާރުމިނެއްގައި ބިނާ ކުރަމުންނެވެ.

އޭގެ ތެރެއިން އެއް ގައުމަކީ ސައުދީއެރެބިއާ އެވެ. ސަޢޫދީ އެރެބިއާއިން މުޅީން އާ ސިޓީއެއް ބިނާ ކުރުމުގެ މަސައްކަތް ފެށިތާ 10 އަހަރު ވީއިރު، އެ ސިޓީގެ މަސައްކަތްތަކުގެ 15 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ. ދެ ހާސް ވިހި ވަނަ އަހަރުގެ ނިޔަލަށް ބައިލައްކަ މީހުންނަށް ދިރިއުޅެވޭ ފެންވަރަށް ނިންމާނެ ކަމަށް އެ ގައުމުން ބުނި ސިޓީ މިހާރު ކުރިޔަށްދާ ގޮތުން 2035 ވަނަ އަހަރުގެ ނިޔަލަށް ދެ މިލިޔަން މީހުންނަށް ދިރިއުޅެވޭ ވަރަށް ނިންމާނެ  އެވެ.

މި ސިޓީ ބިނާކުރަނީ ސައުދީއެރެބިއާގެ އިގުތިސޯދީ މައި މަރުކަޒު، ޖިއްދާގެ އުތުރުން 60 މޭލު ދުރުގައި އޮންނަ  ހަނަފަސް ސަހަރާއެއްގަ އެވެ. ސިޓީ ނިމޭއިރު އިޖްތިމާއީ ޚިދުމަތްތަކަށް ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، އާއްމު ބޭނުންތަކާއި ކުޅިވަރުތަކާއި މޯލްތަކާއި ޕާކްތަކާއި އަދި ބީޗް ފެސިލިޓީ ތަކާއި، ގޮލްފް ދަނޑުތައް ހުންނާނެއެވެ. އިގްތިސޯދީ ގޮތުން ބަލާއިރު، އަހަރަކު 20 މިލިޔަން ކޮންޓެއިނާ ބޭލޭ ވަރުގެ ޕޯޓަކާއެކު "ފައިނޭންޝަލް އައިލެންޑެ" އް ވެސް އޮންނާނެއެވެ.

ސައުދީގެ އަމާޒަކީ މި ސިޓީ ނިމުމުން މިއީ ރަތްކަނޑުގެ ސަރަޙައްދުގެ "ލޮޖިސްޓިކްސް" އަދި އުފެއްދުންތެރިކަމުގެ މައި ހަބަކަށް އެ ސިޓީ ހެދުމެވެ.  

ކިންގް އަބްދުﷲ އިކްނޮމިކް ސިޓީ ގެ ނަމުން ނަންދީފައިވާ މި ސިޓީގެ ބޮޑުމިނަކީ 70 އަކަމޭލެވެ. އެއީ ގާތްގަނޑަކަށް  އެމެރިކާގެ ވެރިރަށް، ވޮޝިންޓަން ޑީސީ އާއި އެއްވަރުގެ ބޮޑުމިނެވެ. އިނގިރޭސިވިލާތުގެ ލިވަޕޫލާއި މެންޗެސްޓާ ސިޓީ އެއްކޮށްލުމުން އޭގެ ދެގުނަ އާއި ގާތްގަނޑަކަށް އެއްވަރުގެ ބޮޑުމިނެކެވެ.

ސަރުކާރުން މި ސިޓީ ބިނާކުރުމަށް އެއްބާރުލުންދީ އަމަލީ މަސައްކަތް ގާތުން ބަލަމުން ދިޔަސް، މި މަސައްކަތް ކުރަމުން އަންނަނީ "އިމާރް އިކްނޮމީ ސިޓީ" ނަމަކަށް ކިޔާ އަމިއްލަ ގްރޫޕަކުން ޚަރަދުކޮށްގެންނެވެ. ސިޓީ ބިނާކުރުމުގެ އަގު ގާތްގަނޑަކަށް 104 ބިލިޔަން ޑޮލަރަށް އަރައެވެ.