ދީނީ ޖަމްއިއްޔާ ޖަމާއަތްތަކުން އިންތިޒާމްކުރާ ދީނީ އެކި އެކި ހަރަކާތްތަކަށާއި ދަރުސްތަކަށް ރަށްރަށުގެ ސްކޫލް ހޯލްތައް ދޫނުކުރާ ކަމަށް ބުނެ ބައެއް ދީނީ އިލްމްވެރިންނާއި ޖަމާއަތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ދާދި ފަހުން ސަލަފުން އައްޑޫ ސިޓީގައި ބާއްވަން އުޅުނު ދަރުހަކަށް ސްކޫލް ހޯލު ނުލިބުނު މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. މިފަހަރު މި މައްސަލަ އަނެއްކާވެސް ހޫނުވެފައި ވަނީ ބ ކިހާދޫގައި ސަލަފުން ބާއްވަން އުޅުނު ނަމާދު ވޯކްޝޮޕް ހިންގަން އެރަށުގެ ސްކޫލް ހޯލު ނުލިބުމުންނެވެ. ސްކޫލް ހޯލު ނުލިބުމުން އެ ދަރުސް ބާއްވާފައިވަނީ އެރަށުގެ މިސްކިތެއްގައި ޕްރޮޖެކްޓަރު އަޅުވައިގެން އެވެ. މިކަމާ ގުޅިގެން ބައެއް ދީނީ އިލްމުވެރިން ވަނީ ދީނީ މައުލޫމާތު ފެތުރުމަށް ހިންގާ ހަރަކާތްތަކަށް އެޑިއުކޭޝަން މިނިސްޓްރީން އެއްބާރުލުން ނުލިބޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިނިސްޓްރީއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
"ރަށު ކައުންސިލާއި ބެލެނިވެރިން ބޭނުންވެގެން ބާއްވާ ނަމާދު ވޯކްޝޮޕަށް ސްކޫލް ހޯލު ނުލިބުމަކީ ނިހާޔަތަށް ކަންބޮޑުވާ ކަމެއް،" ޝެއިހް ހަސަން މުހައްމަދު ފިކުރީ ވިދާޅުވެފައިވެ އެވެ.
މީގެ އިތުރަށް، ޝެއިހު އަލީ ޒައިދު ވެސް ވިދާޅުވެފައި ވަނީ، އެޑިއުކޭޝަން މިނިސްޓްރީގެ ތެރޭގައި ލާދީނީ ބަޔަކު އުޅޭތޯ މިހާރު ބަލަން ޖެހިފައިވާ ކަމަށާއި އެފަދަ ބަޔަކު އުޅޭ ނަމަ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. ޒައިދު ވިދާޅުވީ ދީނީ މައުލުމާތު ފަތުރަށް ހުރަސް އަޅަން ބަޔަކު މަސައްކަތް ކުރާ ނަމަ އެއީ ދީނުގެ އަދުއްވުން ކަމަށެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، ސަރުކާރާއި ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް ސްކޫލްތައް ދޫކުރުމުގައި މިނިސްޓްރީން އަމަލުކުރަނީ އެއް އުސޫލަކަށް ކަމަށެވެ. އެއްވެސް ކަހަލަ ހަރަކާތެއް ބާއްވަން ބަޔަކަށް ސްކޫލް ދޫކުރުމުގެ ކުރިން ސްކޫލުގައި ރާވާ ހަރަކާތްތަކާއި ސްކޫލުން ކުރަން ބޭނުންވާ ކަންތައްތަކަށް އިސްކަންދޭނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ. އަދި އެނޫނަސް މިނިސްޓްރީން ބަލާ ކަންތައްތަކެއް އެކަމުގައި ހުންނަ ކަމަށެވެ. އެހެންކަމުން ހަރަކާތެއް ބާއްވަން ސްކޫލް ހޯލު ހަމަނުޖެހުމުން އުފެދޭ ކަންބޮޑުވުމަކީ މިނިސްޓްރީން އެކަމަށް ރައްދު ދޭން ބޭނުންވާ މައްސަލައެއް ނޫން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.