ބޮލީވުޑް

އަންނަ އަހަރު ކަރަން ފިލްމެއް ޑައިރެކްޓްކުރަނީ

ކާމިޔާބު ގިނަ ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ޑައިރެކްޓަރު ކަރަން ޖޯހަރު މިފަހުން ގިނައިން ހަރަކާތްތެރިވަނީ ފިލްމު ޕްރޮޑިއުސްކުރުމުގަ އެވެ. އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި ދަރްމާ ޕްރޮޑަކްޝަނަކީ މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމުތައް ގެނެސްދޭ އެއް ޕްރޮޑަކްޝަން ކުންފުނި އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު އެންމެފަހުން ފިލްމެއް ޑައިރެކްޓްކުރި ކަރަން ވަނީ އަންނަ އަހަރު އާ ފިލްމެއް ޑައިރެޓްކުރާނެ ކަމަށް ބުނެފަ އެވެ. އެ ފިލްމުގެ ސްކްރިޕްޓް ވެސް މިހާރު ނިމިފައިވާ ކަމަށް ކަރަން ވަނީ ބުނެފަ އެވެ.

ސާޅީސް ހަވަނަ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ކަރަން ބެލުންތެރިންނަށް ދޫކޮށްލި ހަދިޔާ އަކީ އޭނާ އަންނަ އަހަރު ފިލްމެއް ޑައިރެކްޓްކުރާ ކަމުގެ ހަބަރެވެ.

އަންނަ އަހަރުގެ މެދުތެރޭގައި ޝޫޓިން ފަށާ އެ ފިލްމުގެ ތަރިން އޭނާ މިހާރު ނިއުޔޯކްގައި ހޭދަކުރަމުންދާ ޗުއްޓީ ނިމި އެނބުރި އިންޑިއާ އަށް އައިސް އިއުލާންކުރާނެ ކަމަށް ވެސް ވަނީ ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ.

މިހާތަނަށް ކަރަން ވަނީ ހަ ފިލްމު ޑައިރެކްޓްކޮށްފަ އެވެ. އޭގެ ތެރެއިން ހަތަރު ފިލްމުގައި ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ އޭނާގެ ގާތްއެކުވެރިޔާ އަދި ސުޕަސްޓާ ޝާހްރުކް ޚާން އެވެ. އެންމެފަހުން ޑައިރެކްޓްކުރި ދެ ފިލްމަކީ ސްޓޫޑަންޓް އޮފް ދަ އިޔާ" އާއި 2016 އަހަރު ނިކުތް "އޭ ދިލްހެ މުޝްކިލް" އެވެ. އެ ފިލްމުގެ ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ ރަންބީރު ކަޕޫރާއި އަނުޝްކާ ޝަރްމާ އަދި ފަވަދް ޚާން އާއި އައިޝްވާރިޔާ ރާއީ އެވެ. މެހެމާނެއްގެ ރޯލުން ޝާހްރުކް ވަނީ ފެނިގެން ގޮސްފަ އެވެ. އަދި "ސްޓޫޑަންޓް އޮފަ ދަ އިޔާ" އަކީ މިހާރު ޒުވާން ތަރިން ކަމަށްވާ އާލިއާ ބަޓް އާއި ވަރުން ދަވަން އަދި ސިދާތް މަލްހޯތުރާ ބޮލީވުޑަށް ނިކުތް ފިލްމެވެ.

ކަރަން އަކީ ލޯބީގެ ހާދިސާ އާއި އާއިލާ މައްސަލަތަކުގެ މައްޗަށް ފިލްމު އުފައްދާ ޑައިރެކްޓަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ފިލްމު އުފެއްދުން ތެރި އެެކެވެ. އޭނާ މިހާތަނަށް ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރެއިން އުފެއްދި އެންމެ ތަފާތު ފިލްމަކީ "މައި ނޭމް އިޒް ޚާން" އެވެ.

ކަރަން ޕްރޮޑިއުސްކޮށް މި އަހަރު ކުރިއަށް ނިކުތުމަށް ވެސް ބޮޑެތި ފިލްމުތަކެއް އެބަ ހުއްޓެވެ. އެއީ ޖުލައި މަހު ނިކުންނަ "ދަޅަކް" އާއި "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އަދި "ސިމްބާ" އެވެ.