ހަބަރު

ރާއްޖެއިން އިސް ދައުރެއް އަދާކުރި ހެލްތު އެސެމްބްލީ ނިންމާލައިފި

May 26, 2018
1

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކޮންމެ އަހަރަކު ބާއްވާ "ވޯލްޑް ހެލްތު އެސެމްބްލީ" ގެ 71 ވަނަ ބައްދަލުވުން މިއަދު ނިމިއްޖެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 194 މެންބަރު ގައުމުން ބައިވެރިވި މި ބައްދަލުވުމުގައި ސިއްހަތާއިބެހޭ ގޮތުން 23 މުހިންމު ބައިނަލްއަގުވާމީ ނިންމުންތަކެއް ވަނީ ނިންމިފައެވެ.

މިއަހަރުގެ ހެލްތު އެސެމްބްލީގައި ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސްޓެރެެޓިޖިކް ޕްލޭން ވަނީ މެމްބަރު ގައުމުތަކުން ފާސްކޮށްފައެވެ. މި ޕްލޭންގައި ސިއްހީ ދާއިރާއިން ހާއްސަ ކަމެއް ދޭންޖެހޭ ކަންކަން ފާހަގަކޮށް، ސިއްހަތުގެ ކައުނީހިޔާ ފޯރުކޮށްދިނުމުގެ މަސައްކަތް ހަރުދަނާ ކުރުމަށާއި، ކުދިޖަޒީރާ ގައުމުތަކުގައި މޫސުމަށް އަންނަ ބަދަލުތަކުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރު ދަށްކުރުމަށާއި، ސިއްހީދާއިރާއިން އާއްމު ސިއްހަތާއި ގުޅުންހުރި އިމަރޖެންސީ ހާލަތްތަކަށް އިތުރަށް ތައްޔާރުވުމަށް ހާއްސަ ސަމާލުކަމެއް ދީފައިވެއެވެ.

މިއަހަރުގެ ހެލްތު އެސެމްބްލީގެ ނައިބު ރައީސެއްގެ މަގާމް ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތުގެ ޕާމަނަންޓް ސެކްރެޓަރީ ހަދީޖާ އަބްދުލް ސަމަދު އަބްދުﷲ ވަނީ އަދާކުރައްވާފައެވެ. ދިވެހި ވަފުދުން ވަނީ މިބައްދަލުވުމުގެ ހަވާސާގައި މެލޭޝިއާ، ޗައިނާ، ތައިލޭންޑް، ނޭޕާލް، ސައިޕްރަސްއާއި ސްޓޮޕް ޓީބީގެ ވަފްދާއި އެކު ބައްދަލުކޮށް، ސިއްހީ ދާއިރާ ކުރިއެރުވުމަށް އެހީތެރިކަން ހޯދިދާނެ ގޮތްތަކަކާއި ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ. މީގެ ތެރެއިން ސިއްހީ ހިދުމަތްތެރީން ތަމްރީން ކުރުމާއި އާއްމު ސިއްހަތުގެ ދާއިރާއާއި ސިއްހީ ހިދުމަތް ހަރުދަނާ ކުރެވޭނެ ގޮތްތަކާއި ބެހޭޭގޮތުން މަޝްވަރާކުރި އެވެ.

މިއަހަރުގެ ހެލްތު އެސެމްބްލީގައި ބޭއްވުނު ސައިޑް އިވެންޓްތަކުގެ ތެރެއިން ރާއްޖެއިން ތިން އިވެންޓެއް ވަނީ ކޯ-ސްޕޮންސާ ކޮށްފައެވެ. މިބައްދަލުވުންތަކުގެެެ ތެރޭގައި އެޗްއައިވީ/އެއިޑްސްއާޢި ގުޅުންހުރި އިވެންޓަކާއި، މެލޭރިއާ ނައްތާލެވިފައިވާ ގައުމުތަކާއި ނައްތާލުމަށް މަސައްކަތްކުރާ ގައުމުތަކުގެ ތަޖްރިބާ ހިއްސާކުރުމާއިބެހޭ އިވެންޓަކާއި އަދި ސިއްހަތުގެ ކައުނީހިޔާ ފޯރުކޮށްދިނުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ގައުމުތަކުން ކުރެވޭ މަސައްކަތް ހިއްސާކުރުމަށް ބޭއްވުނު އިވެންޓެއް ހިމެނެއެވެ. \

މީގެއިތުރުން ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ހާއްސަ ފަންނީ ބައްދަލުވުމުްގައި ރާއްޖެއިން ހާއްސަކޮށް ކުދިގައުމުތަކަށް ތިމާވެށީގެ ފަރާތުން ކުރާ ނޭދެވޭ އަސަރުތައްަ ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ކުރާ މަސައްކަތްތަކާއި ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރާ އަސަރުތަކަށް އަލިއަޅުވާލެވުނެވެ.