ލައިފްސްޓައިލް

މި ތަންތަން އެހާރާއި މިހާރު!

ޓޯކިޔޯ، ސްވިޒަލޭންޑް އަދި ނިއު ޔޯކް އެއްވެސް ނޫނެވެ. މި ފެންނަނީ ހަމަ މާލެ އެވެ. އެކަމަކު ކައިރިވާ ވަރަކަށް މަންޒަރު މުޅިހެން މި އަންނަނީ ބަދަލުވަމުންނެވެ. ފާއިތުވި ހަތަރު ވަރަކަށް އަހަރު ތެރޭގައި މާލޭގެ މަލަމަތި އެއްކޮށްހެން ބަދަލުވެއްޖެ އެވެ. މަލަމަތި އެކަންޏެއް ވެސް ނޫން، މުޅި މާލެއަށް ވެސް ގިނަ ބަދަލުތަކެއް އަތުވެއްޖެ އެވެ.

ކުރިން ހުރި ބައެއް ތަންތަން މިހާރު ނެތެވެ. ހުރި ތަންތަން މިހާރު ވަރަށްވެސް ތަފާތެވެ. ފެންނަނީ އެހެން މަންޒަރުތަކެކެވެ. ކުރިން އެ ތަންތަނަށް ކީ ނަމާއި މިހާރު ކިޔާ ނަންވެސް ތަފާތެވެ. ސެޓެލައިޓް ފޮޓޯއަކުން މާލެ ބަލާލިއަސް މި ތަފާތު މިހާރު ފެންނާނެ އެވެ. ގޫގްލް މެޕުންވެސް މި ތަންތަނަށް އައިސްފައި ހުރި ބަދަލުތަކަށް ހެކި ދޭނެ އެވެ. ކުރީގެ މެޕެއް ހިފައިގެން މާލޭގައި ހިނގައި ގަންނަން މިހާރު އުޅެފިނަމަ އޮޅޭނީ މަގެވެ.

މި ބޮޑެތި ބަދަލުތައް އައިސްފައި ވަނީ މިހާރުގެ ސަރުކާރުން މާލެ އިތުރަށް ތަރައްގީ ކުރުމަށް ހިންގާ ހާއްސަ މަޝްރޫއުތަކުގެ ތެރެއިންނެވެ. އެގޮތުން މި ބަލާލަނީ މިވީ މަދު އަހަރުތަކުގެ ތެރޭގައި މާލޭގެ ބައެއް ތަންތަނާއި ސަރަހައްދުތަކަށް އައިސްފައިވާ ބަދަލުތަކަށެވެ.

ރަސްމީ ފާލަން، މިހާރުގެ އިއްޒުއްދީން ފާލަން

ކުރިން މި ތަނުގައި ހުރީ ލަކުޑި ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުރި ފާލަމެކެވެ. ރައީސް މައުމޫނު ސަރުކާރުގައި އެޅި އެ ފާލަމަކީ ރައީސުލްޖުމްހޫރިޔާ އާއި ރާއްޖެއިން ބޭރުން ރަސްމީ ދަތުރުތަކަށް މާލެ ވަޑައިގަންނަވާ މެހެމާނުނަށް މަރުހަބާ ކިޔުމަށް ދިވެހި ސަރުކާރުން ތައްޔާރުކުރެއްވި ފާލަމެކެވެ. އެ ފާލަމަށް ކުރިން ކިޔަނީވެސް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ފާލަންކޮޅެވެ.

މިހާރު މި ފާލަންކޮޅު ހުރި ގޮތަށް ބަދަލު ގެނެސްފައި ވަނީ މިހާރުގެ ސަރުކާރުންނެވެ. ޒަމާނީ ފެންވަރަށް ރަސްމީ ފާލަންކޮޅު ބަދަލުކުރީ ދިވެހި ސިފައިންނާއި ހަވާލު ކޮށްގެންނެވެ. މި ފާލަންކޮޅު ފަރުމާކުރީ ދިވެހި ސިފައިންގެ އާކިޓެކްޗަރުންނާއި ގްރެފިކްސް އާޓިސްޓުންގެ އިރުޝާދާއެކު އެވެ.

ސަރުކާރުން މި ފާލަންކޮޅު އަލުން މަރާމާތުކުރުމަށް ނިންމީ ރާއްޖޭގެ 50 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގަ އެވެ. "އިއްޒުއްދީން ފާލަން" ގެ ނަމަށް ބަދަލުކޮށް މި ފާލަންކޮޅު އަލުން ހުޅުވީ 30 ޖުލައި 2015 ގަ އެވެ.

މާފަންނު ހުޅަނގު ފަރާތް، މިހާރުގެ ރަސްފަންނު

މާލޭގެ އެންމެ ބޮޑު ބަދަލެއް އައި އެއް ސަރަހައްދަކަށް ވާނީ މާފަންނު ހުޅަނގު ފަރާތެވެ. އެ ސަރަހައްދުގައި މިހާރު ވަނީ އާޓިފިޝަލް ބީޗެއް ތަރައްގީކޮށްފަ އެވެ. ކުރިން ހަމައެކަނި މަގެއްގެ ގޮތުގައި އޮތް އެ ސަރަހައްދު މިހާރު އެތައް ކަމަކަށް ބޭނުން ކުރެވޭނެ ގޮތަށް ވަނީ ހަދާފަ އެވެ. މިހާރު އެއީ މާފަންނުގެ "ރަސްފަންނު" އެވެ.

މޫދަށް އެރުމަށާއި ކަސްރަތު ކުރުމަށާއި ބާބާކިއު ހެދުމަށާއި އަދި މަސް ބޭނުމަށްވެސް ހާއްސަ ތަންތަން ރަސްފަންނުގައި ގާއިމްކޮށްފައިވެ އެވެ. މި ސަރަހައްދު ބަދަލުކޮށްފައި ވަނީ އާއިލާ އާއި ރައްޓެހިންނާއެކު ފޫހިފިލުވާލަމަށް ވަގުތު ހޭދަކުރެވޭނެ ސަރަހައްދެއްގެ ގޮތުގަ އެވެ. މިދިޔަ މަހު ވަނީ ކެއިން ބުއިމަށް ހާއްސަ ރެސްޓޯރެންޓުތައް ހުންނަ ރަސްފަންނު ޕެވިލިއަން ވެސް ހުޅުވާފަ އެވެ.

ތިން ރުއް ޕާކް، މިހާރުގެ ސުނާމީ ބިނާ މައިޒާން

ތިން ރުއް ޕާކްއަކީ ކުރީގައި މާ ގިނަ ބޭނުންތަކެއް ކުރި ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދަށް އެ ނަން ދެވުނީ އެ ތަނުގައި ތިން ރުއް ހުރުމުން ކަމަށް ބެލެވެ އެވެ. މިހާރުވެސް އެ ތިން ރުއް އެ ސަރަހައްދުގައި އެބަ ހުއްޓެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތްކުރުމަށް ކުރިން ރާޅުގަނޑު ސަރަހައްދުގައި ހުރި ސުނާމީ ބިނާ މިހާރު ހުންނަނީ މި ސަރަހައްދަށް ބަދަލުކޮށްފަ އެވެ. ފޫހިފިލުވާލައި ހިތް ހަމަޖައްސާލުމަށް ގޮސް މީހުނަށް ތިބެވޭނެ ގޮތަށް މި ސަރަހައްދަށްވެސް ވަނީ ބަދަލުތައް ގެނެސްފަ އެވެ.

ސުނާމީ ބިނާއަކީ 2004 ވަނަ ރާއްޖެއަށް ކުރިމަތިވި ހިތާމަވެރި ސުނާމީ ކާރިސާގައި މަރުވެދިޔަ އަދި ގެއްލުނު ދިވެހި ރައްޔިތުންގެ ހަނދާނުގައި ގާއިމްކުރި ހަނދާނީ ބިނާއެކެވެ.

ސަލްޓަން ޕާކް، މިހާރުގެ ރަސްރަނި ބަގީޗާ

މާލޭ ބޮޑުގަނޑުވަރު ހުރި ކޮށީގައި "ސަލްޓަން ޕާކް" ގެ ނަމުގައި ޕާކެއް ހުޅުވީ 26 ޖުލައި 1972 ގަ އެވެ. އެތަން ފަރުމާކުރީ މީހުން ހިތްހަމަޖައްސާލާއި ވަގުތު ހޭދަކޮށްލަންދާނެ ތަނެއްގެ ގޮތުގަ އެވެ. މި ޕާކުގައި ގަރުނަކަށްވުރެ ގިނަ ދުވަސްވީ ގަސްގަހާގެހިވެސް އެބަހުއްޓެވެ.

މިހާރު މި ޕާކު އިތުރަށް ތަރައްގީކޮށް، އާންމުކޮށް ދުނިޔޭގެ އެކި ތަންތަނުގައި ޕާކުތަކުގައި ހުންނަ ޒަމާނީ ވަސީލަތްތައް އިތުރުކޮށް ބަދަލުތައް ގެނެސް އަލުން މި ޕާކު ވަނީ ހުޅުވާފަ އެވެ. ޕާކުގެ ނަންވެސް ވަނީ "ރަސްރަނި ބަގީޗާ" އަށް ބަދަލުކޮށްފަ އެވެ.

ބިސްބުރު ޕާކްއަކީވެސް މީގެ ކުރިން އެއްވެސް އަޅާލުމެއް ނެތި ހާމައަށް ދޫކޮށްލާފައި އޮތް ތަނެކެވެ. ފިނިކޮށްލާއި ހިތްހަމަޖައްސާލުމަށް މީހުނަށް ގޮސް ތިބެވޭނެ ގޮތަށާއި ކުޑަކުދިންނަށް ކުޅެވޭނެ ގޮތަށް އެ ސަރަހައްދުވެސް ވަނީ މިހާރު ތަރައްގީކޮށްފަ އެވެ.

ކުރިން އިސްލާމީ މަރުކަޒާއި ސަލްޓަން ޕާކު ކުރިމަތީގައި ހުރި ޖުމްހޫރީ ބިނާވެސް މިހާރު ހުންނަނީ ބިސްބުރު ޕާކުގަ އެވެ.

ރާޅުގަނޑު ސަރަހައްދު، އުއްމީދީ ބްރިޖު

މިހާރުވެސް ބޮޑު ބަދަލަކާއެކު ފެންނަ އޮތް މި ސަރަހައްދުގެ މަންޒަރު ކުރިއަށް އޮތް ތަނުގައި އަދި އިތުރަށް ބަދަލުވެގެންދާނެ އެވެ. އަދުގެ ސަރުކާރުން ހިންގާ އެންމެ ބިޔަ އެއް މަޝްރޫއުކަމަށްވާ މާލެ އާއި ހުޅުލޭ ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ކުރަމުން އަންނަނީ މި ސަރަހައްދުގަ އެވެ.

ޗައިނާ ސަރުކާރުގެ އެހީގައި އަޅާ މި ބްރިޖްގެ މަސައްކަތް މިއަހަރު ނިންމާ އާންމުކޮށް ހުޅުވާލާނެ ކަމަށް ވަނީ ބުނެފަ އެވެ.

މީގެ ކުރިން ރާޅުގަނޑުވެސް ބޭނުންކޮށް އުޅުނީ މީހުން ހިތްހަމަޖައްސާލަން އައިސް އުޅޭ ސަރަހައްދެއްގެ ގޮތުގަ އެވެ. މާލޭގައި ރާޅާއި އަޅާ މީހުންގެ ސަރަހައްދަކީވެސް މި އެވެ. ނަމަވެސް ބްރިޖުގެ މަސައްކަތް ކުރަމުން އަންނާތީ މި ސަރަހައްދުގައި ރާޅާއި އެޅުން ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.