ރިޕޯޓް

މަގެއްތަ ނޫނީ މަރެއްތަ؟

May 28, 2018
19

އިއްޔެ ހަވީރު އަވި ނިއްވާލުމާއެކު ސައިކަލުގައި ނިކުމެލީ ބުރަކަށެވެ. ރޯދަ ކުރުކޮށްލުމުގެ ބޭރުމަގުން ދުއްވާފައި ވަކި ހިސާބަކަށް ދެވުނު އިރު ބަޔަކު އެއްވެގެން އުޅޭ ތަން ފެނުނެވެ. އެ ދިމާލަށް ގޮސް ބޯދިއްކޮށްލި އިރު ކުޑަ ކުއްޖަކު ގޮވައިގެން ސައިކަލުގައި ދިޔަ ދޮށީ އުމުރުފުރައިގެ ފިރިހެނަކު، ބޭރު މަގުގައި ހުރި ބޮޑު ވަޅުގަނޑަކަށް ސައިކަލު އަރި އަޅާލައިގެން އުޅެ އެވެ. ނަސީބަކުން އޭނާއަށް އަނިޔާއެއް ނުވެ އެވެ. އެފަދަ ކަމެއް ދިމާ ނުވި ނަމަވެސް އެ ވާހަކަ ނުދައްކާ ވާކަށް ނެތެވެ.

މާލޭގެ އެންމެ ގިނަ މީހުން އެއް ފަހަރާ ބޭނުން ކުރާ އެއް މަގަކަށް ބޮޑުތަކުރުފާނު މަގު ވާނެ ކަން ޔަގީނެވެ. ވަކިން ހާއްސަކޮށް ރޯދަ މަހެއްގެ ހަވީރު ގަޑިއަށް ބޭރު މަގަށް ނިކުމެލާއިރު ފުރި ބާރުވެފައި އޮންނަ ވަރުން "ހަމަނޭވާ" ނުލެވެއޭ ބުންޏަސް ދޮގެކޭ ނުބުނެވޭނެ އެވެ. އެއް ބަޔަކު ސައިކަލުގެ މެދަށް ތުއްތު ކުދިން އަރުވައިގެން އެ ކުދިންގެ ރައްކަލަށް ބެލްޓެއް އަޅުވައިގެން ދުއްވާ އިރު އަނެއް ބަޔަކު ކުއްޖާގެ ގައިގައި އެއް އަތުން ހިފަހައްޓާލައި އަނެއް އަތުން ސައިކަލު ކޮންޓްރޯލް ކުރަމުން ދުއްވަ އެވެ. އަދި އަނެއްބައި މީހުން ރޯދައިގެ ވަރުބަލި ކަމާއެކު ރައްޓެހިންނާ ދައްކާ ވާހަކައެއް ތެރެއަށް ގެއްލިގެން ތިބެ ސައިކަލުތަކުގައި މުޅި މަގު "ހިސޯރުކޮށްގެން" ދުއްވާނެ އެވެ. ދެން އުޅޭނީ ތަނެއް ދޮރެއް ނުބަލައި، ސައިކަލު މުއްގަނޑަށް ފެލުނުހާ ބާރަށް ފެލައިގެން ފަހަރަކު ސައިކަލެއް ކައިރިން ނައްޓައިގެން ދުއްވާ ބައެކެވެ.

އެއިން ކޮންމެ މީހަކު ކޮންމެ ގޮތަކަށް ދުއްވިޔަސް އެންމެ ހިތް ފަސޭހަ ވަނީ ބޭރު މަގަށް އަރާލީމަ އެވެ. ނަމަވެސް އެ މަގު މިހާރު އޮތީ "އަނދަވަޅަކަށް" ވުމާ ގާތުގަ އެވެ. މަގުގެ ދެ ފަރާތުން ވަރަށް ބޮޑަށް ކޮނެފައިވާ އިރު ދުއްވަން ލިބޭ ތަންކޮޅުގައި ހުންނަ ޕޭމަންޓު ގާތަށް ނެއްޓިގެން ހުރީ އެގޮތް މިގޮތަށެވެ. އަދި އެކި ސަރަހައްދުގައި މަގު ވަރަށް ބޮޑަށް ހަލާކުވެ، ބޮޑެތި ވަޅުގަނޑުތައް ހުރެ އެވެ. މާލެ ވަށައި ތާރު އެޅުމުގެ މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ތާރު އެޅި މެރީ ބްރައުން ކުރިމަތިން ވެސް ތާރު ގަނޑުވެސް ހުރީ އެއްކޮށް ކަހަލަ ގޮތަކަށް ހަލާކުވެ ބޮޑެތި ވަޅުގަނޑުތައް ހެދިފަ އެވެ. މަގު ހެދުމުގެ މަސައްކަތް ކުރިޔަށް ދަނީ އެއްވެސް ވަރަކަށް ދުއްވާ މީހުންގެ ރައްކަލަކަށް ފިޔަވަޅުތަކެއް ނާޅަ އެވެ. އެއީ އެންމެން ގޮސް ބުރުޖަހަން އޮތް މަގުގެ ހާލެވެ.

"މިހާރު ބޭރު މަގުގައި ދުއްވުމެކޭ ގަދަ ކަނޑެއްގައި ދޯންޏެއް ދުއްވުމެކޭ ތަފާތެއް ނެތް، ބައެއް ސަރަހައްދުގައި ވަރަށް ބޮޑަށް ހަލާކުވެފަ ހުރީ، އަނދަވަޅުތަކެއް ހެން ހުރީ އެއިން ތަނަކަށް އަރައި ކޮންޓްރޯލުން ނައްޓައިފި ނަމަ މީހެއްގެ ދުވަސް ހިނގައިދާނެ،" މީހެއްގެ ޝަކުވާ ހިއްސާ ކުރި އެވެ.

ހުޅަނގު މޫސުމުގައި މާލެއަޢް ވާރޭ ވެހޭއިރު އެފަދަ ދުވަހެއްގައި މަގުގެ ހާލު އަދި ވަކިން ގޯހެވެ. މަގުތައް ފެންބޮޑުވެ ބޭރުމަގުގައި ހެދިފައި ހުންނަ ބިޔަ ވަޅުގަނޑުތައް ޗަކަ ފެނުން ފުރި، ސައިކަލުގައި ދުއްވާ މީހަކަށް އެރެނީ ކިހާ ބޮޑު ފުންގަނޑަކަށް ކަމެއް އެނގޭނެ ގޮތެއް ނޯންނާނެ އެވެ. އޮޅިގެން ވެސް އެއިން ވަޅުގަނޑަކަށް ޖެހި، ސައިކަލު ކަހާލައިފި ނަމަ މީހަކަށް އަނިޔާއެއްވެ ބޮޑު ގެއްލުމެއްވުން ވަރަށް ގާތެވެ. ނޫނީ އެއަށް ވުރެ ވެސް ގޯސްކޮށް، ސައިކަލު ކޮންޓްރޯލުން ނައްޓައިގެން ދެ ފަރާތުގައި ކޮނެފައި އޮންނަ ވަޅުގަނޑަކަށް ވެއްޓިވެސް ދާނެ އެވެ. އެއީ ދައްކަން ޖެހޭ އަނެއް ވާހަކަ އެވެ.

ބްރިޖަށް އަރަން ދާ މަގު ބްރިޖާ އެއް ފެންވަރަކަށް ގެންނައުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ މަސައްކަތެއް ކަން އެންމެން ވެސް ގަބޫލު ކުރެ އެވެ. ނަމަވެސް އެއާ އެއް ހަމައެއްގައި ކުރަން މަޖުބޫރު އަނެއް ކަމަކީ އެތައް ސަތޭކަ ބަޔަކު އަދިވެސް ބޭނުން ކުރާ މަގެއް މަރާމާތު ކުރާއިރު ސަލާމަތީ ކަންކަން އެކަށީގެންވާ ގޮތެއްގައި ބެހެއްޓުމެވެ. ނަމަވެސް "ރިންގް ރޯޑް" ހަދާ އެ މަގުގެ ދެ ފަރާތުން ވަރަށް ބޮޑަށް ކޮނެފައިވާ އިރު ދުއްވާ މީހުންގެ ރައްކާތެރިކަމަށްޓަކައި ފެންސެއް ނުވަތަ ކުޑަ މިނުން ޓޭޕެއްހާ ވަރުވެސް ދަމާލާފައެއް ނުހުރެ އެވެ.

ހަމަގައިމުވެސް ރިންގް ރޯޑްގެ މަޝްރޫއު ނިމިގެން އައިސް ބްރިޖާ ހަމަޔަށް ދަމާލާއިރު ދުއްވާލަން ނިކުންނަން ވަރަށް ވެސް ހިތްގައިމު ވާނެ އެވެ. ނަމަވެސް ރަނގަޅު މަސައްކަތެއް ކުރާއިރު މީހުންގެ ރައްކާތެރިކަން ވެސް ކަށަވަރު ކުރަން ޖެހެ އެވެ. ސަލާމަތީ ފިޔަވަޅުތައް އަޅަން ފަށަން ޖެހޭނީ މީހަކަށް ބޮޑު އަނިޔާއެއް ނޫނެވެ.