ހަބަރު

ބްރިޖާ ގުޅޭ މާލޭގެ މަގުތައް ހަދަން ފަށައިފި

ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާ ގުޅޭ މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބްރިޖާ ގުޅޭ މާލޭގެ މަގުތައް ހަދުމުގެ މަސައްކަތް ކުރަނީ ބްރިޖްގެ މަސައްކަތް ވެސް ކުރާ ޗައިނާގެ ކުންފުނި، ސީސީސީސީއިން ކަމަށެވެ. އެ މަސައްކަތް ޖުލައި 26 އަށް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ބްރިޖާ ގުޅޭ މަގުތައް ހަދަން ފަށާފައިވާއިރު ދަރުބާރުގެ ކައިރިން ބޮޑުތަކުރުފާނު މަގަށް ނުކުންނަ މަގާއި ފެމެލީ ކޯޓު ކައިރިން ވެސް މަގު ވަނީ ބަންދުކޮށްފަ އެވެ. އެ މަގުތަކުގެ މަސައްކަތް ކުރާއިރު ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަކަށް ހަދައި ފުޅާކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެ މަގުތައް ހަދަނީ ތާރު އަޅައިގެން ޒަމާނީ ފެންވަރަށެވެ.

ބޮޑުތަކުރުފާނުގައި މިހާރު ތާރު އަޅާފައިވާ ހިސާބުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލްއާ ހަމައަށް ތާރު އަޅަން ވަނީ ނިންމާފަ އެވެ. މަގު ފުޅާކުރުމަށް އާޓިފިޝަލް ބީޗްގެ ފާރާއި ސްޓޭޖް ވެސް ވަނީ ނަގާފަ އެވެ. އޭގެއިތުރުން ބޮޑުތަކުރުފާނު މަގުގައި ހުރި ގާޑިޔާތަކާއި ބޮޑެތި ގަސްތައް ވެސް ވަނީ ނަގާފަ އެވެ.