ބޮލީވުޑް

އީދުގައި "ރޭސް 3" ޕާކިސްތާނުގައި ރިލީޒް ނުކުރާނެ

ކޮންމެ އަހަރެއްގެ ވެސް ފިތުރު އީދަކީ ސަލްމާން ޚާންގެ ފޭނުންނަށް ވަރަށް ހާއްސަ ދުވަހެކެވެ. އޭނާގެ ފިލްމު ފިތުރު އީދާ ދިމާކޮށް ރިލީޒް ކުރާއިރު، ބޮކްސް އޮފީހުގައި އެ ފިލްމުތައް ބޮޑެތި ކާމިޔާބީތައް ވެސް ހޯދަ އެވެ. އެހެންވެ، އެ ފިލްމުތަކާ ދިމާކޮށް އެހެން ޕްރޮޑިއުސަރުންގެ ފިލްމުތައް އީދުގައި ރިލީޒް ކުރަން ވެސް ފަސްޖެހެ އެވެ.

މި ފިތުރު އީދުގައި ވެސް ސަލްމާން ލީޑް ރޯލު ކުޅެފައިވާ "ރޭސް 3" ރިލީޒް ކުރާނެ އެވެ. ރެމޯ ޑިސޫޒާ ޑައިރެކްޓްކޮށް، އަނިލް ކަޕޫރާއި ބޮބޭ ޑިއޯލް އަދި ޖެކުއަލީން ފާނެންޑޭޒް އާއި ސާޖިބް ސަލީމް އަދި ޑެއިޒީ ޝާހް މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމު އަވައްޓެރި ޕާކިސްތާނުގައި ރިލީޒް ނުކުރާނެ އެވެ.

ޕާކިސްތާނުގެ ސަރުކާރުން ވަނީ ބަރަކާތްތެރި ފިތުރު އީދާ ދިމާކޮށް އެއްވެސް ބޭރު ގައުމެއްގެ ފިލްމު އެ ގައުމުގައި ރިލީޒް ނުކުރެވޭނެ ކަމަށް ނިންމާފަ އެވެ. އެ ގައުމުގެ އިންފޮމޭޝަން އަދި ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ވަނީ އީދު އައުމުގެ ދެ ދުވަސްކުރިން ފެށިގެން ކުރިއަށް އޮންނަ ދެ ހަފްތާއަށް އެއްވެސް ހިންދީ ފިލްމެއް އަދި އިނގިރޭސި ފިލްމެއް ވެސް ރިލީޒް ނުކުރާނެ ކަމަށެވެ.

އެ މިނިސްޓްރީއިން ބުނި ގޮތުގައި އެ ބަދަލު ގެނައީ އީދާ ދިމާކޮށް އަންނަ ބަންދުގައި ޕާކިސްތާނުގެ ފިލްމުތައް އާންމުންގެ މެދުގައި ޕްރޮމޯޓް ކުރުމުގެ މަގުސަދުގަ އެވެ. މި ބަދަލު ގެނެސްފައިވަނީ ބޭރު ގައުމުގެ ފިލްމުތަކަށް އެ ގައުމުގައި ލިބޭ ތަރުހީބު ސަބަބުން ޕާކިސްތާނުގެ ފިލްމަށް ލިބޭ ތަރުހީބު ކުޑަވާތީ ޕާކިސްތާނުގެ އާޓިސްޓުންނާއި ޕްރޮޑިއުސަރުންގެ ޝަކުވާތަކާ ގުޅިގެންނެވެ.

މިހާރު އޮތް ގޮތުން "ރޭސް 3" ޕާކިސްތާނުގައި ރިލީޒްކުރެވުނަސް ކުރެވޭނީ އިންޑިއާ އާއި އެހެން ގައުމުތަކުގައި އެ ފިލްމު ރިލީޒްކުރާތާ ދެ ހަފްތާ އަށް ވުރެން ގިނަ ދުވަސް ފަހުންނެވެ.

މި ފިލްމު އިންޑިއާގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖޫން 15 ވަނަ ދުވަހު އެވެ.

ރަމޭޝް ތައުރާނީ އާއި ސަލްމާން ގުޅިގެން އުފައްދާ "ރޭސް 3" ގެ ކުރީ ދެ ފިލްމުގެ ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ ސައިފް އަލީ ޚާން އެވެ.