ދުނިޔެ

އިރާގުގެ ރަމާދީން އައިއެސް ފަހާލުމުގެ މަސައްކަތް ފަށައިފި

May 24, 2015

އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ބާރުގެ ދަށަށް ގެނެސްފައިވާ އިރާގުގެ ރަމާދީ އަލުން ހިފުމުގެ މަސައްކަތް ޝީއީ ހަނގުރާމަވެރިންގެ ވަރުގަދަ ލަޝްކަރަކުން މިއަދު ފަށައިފި އެވެ.

އިސްލާމީ ހިލާފަތެއް ކަމަށް ދައުވާކުރާ ޓެރަރިސްޓް ޖަމާއަތުން މިދިޔަ އާދިއްތަ ދުވަހު ރަމާދީ ހިފުމާ އެކު، ސަރުކާރު ސިފައިންނާއި ފުލުހުން ވަނީ ފަހަތަށް ޖެހިފަ އެވެ. ރަމާދީގެ މައި އަސްކަރީ މަރުކަޒު ހިފައި އެ ތަނުގައި ހުރި ޓޭންކުތަކާއި އެ ނޫން ވެސް ބަރު ހަތިޔާރު އައިއެސްގެ ބެލުމުގެ ދަށަށް ގެނެސްފައި ވާއިރު، ސަރުކާރުން ވަނީ އެ ސިޓީ އަލުން ހިފުމުގައި ސަރުކާރު ސިފައިންނަށް އެހީ ވުމަށް ހަނގުރާމަވެރި އެހެން ޖަމާއަތްތަކަށާއި އާއްމުންގެ ތެރެއިން ހިލޭސާބަހަށް ހަނގުރާމަކުރަން ބޭނުންވާ މީހުންނަށް ގޮވާލާފަ އެވެ.

މި ގޮވާލުމާ އެކު، އީރާނުން އެހީވާ ޝީއީ ހަނގުރާމަވެރިންގެ ފައުޖެއް ރަމާދީގެ އިރުމަތިން 20 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ ހައްބާނިއްޔާ އަށް ޖަމާވެފަ އެވެ. ގާތްގަނޑަކަށް 3،000 ހަނގުރާމަވެރިންގެ މައްޗަށް އެކުލެވިގެންވާ އެ ފައުޖު ހައްބާނިއްޔާގެ މައި އަސްކަރީ މަރުކަޒުގައި ގާއިމްވެގެން ތިބޭތާ ހަތަރު ދުވަސް ވަނީ ވެފަ އެވެ.

ޝީއީ ހަނގުރާމަވެރިންގެ މައި ކައުންސިލުން މިއަދު ބުނި ގޮތުގައި އައިއެސްގެ އަތްދަށުން ރަމާދީ މިނިވަންކުރުމުގެ އޮޕަރޭޝަން އެ ލަޝްކަރުން މިހާރު ވަނީ ފަށާފަ އެވެ. އަދި ރަމާދީގެ އިރުމަތީގައި އޮންނަ ހުސޭބާ ނަމަކަށް ކިޔާ އަވަށުން އައިއެސްގެ ހަނގުރާމަވެރިން ފައްސާލެވިފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.

ރަމާދީގައި އުޅޭ ސުންނީ ބައެއް ގަބީލާތަކުން ވެސް އައިއެސްއާ ދެކޮޅަށް، ޝީއީ ހަނގުރާމަވެރިންނާ ބައިވެރިވެފައިވާ ކަމަށްވެ އެވެ. އެ ގޮތުން، ސުންނީ ގަބީލާއެއްގެ ވެރިއެއް ކަމަށްވާ ޝޭހު ރާފިއާ އަބްދުލްކަރީމް އޭއެފްޕީ ނޫސް އެޖެންސީ އަށް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި އެ ގަބީލާ އަށް ނިސްބަތްވާ ހަނގުރާމަވެރިންގެ އިތުރުން ސަރުކާރު ސިފައިންނާއި ފުލުހުން ވެސް ވަނީ ރަމާދީ އަލުން ހިފުމުގެ އޮޕަރޭޝަންގައި ބައިވެރިވެފަ އެވެ.

ރަމާދީ ހިފުމާ އެކު، އެ ސިޓީ ހިމެނޭ އަންބާރު އަވަށުގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ ބޮޑު ބައެއްގެ ފުރިހަމަ ކޮންޓްރޯލް އައިއެސް އިން ވަނީ ނަގާފަ އެވެ. އިރާގުގެ އެންމެ ބޮޑު އަވަށް ކަމަށްވާ އަންބާރު އޮންނަނީ ވެރިރަށް ބަގުދާދާ އެންމެ 110 ކިލޯމީޓަރު ދުރުގައި ކަމުން، މިއީ އެ ގައުމުގެ ސަރުކާރުން، ހާއްސަކޮށް ބޮޑުވަޒީރު ހައިދަރު އަލް-އަބާދީއާ، ކުރިމަތި ލާންޖެހޭ ބޮޑު ގޮންޖެހުމެކެވެ.

އައިއެސް އިން ވަނީ އިރާގުގެ އިތުރުން، އަވަށްޓެރި ސީރިއާގައި ވެސް މިދިޔަ ހަފުތާގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. އެ ގޮތުން، ސީރިއާ އާއި އިރާގު ގުޅޭ ބޯޑަރުގެ ފުރިހަމަ ކޮންޓްރޯލް އައިއެސް އިން ހޯދައި ސީރިއާގެ ދެބައިކުޅަ އެއްބައި ސަރަހައްދު އެ ޖަމާއަތުގެ ބާރުގެ ދަަށަށް ވަނީ ގެނެސްފަ އެވެ. ސީރިއާގެ ދައިރު އައް ޒޫރު އަދި ރައްގާ ޕްރޮވިންސުގެ ބޮޑު ބައެއް އައިއެސް އިން ހިފާފައި ވާއިރު، ހަސާކާ އާއި ހަލަޕް އާއި ހޯމްސް އަދި ހަމާ ޕްރޮވިންސުގައި ވެސް އެ ޖަމާއަތުގެ ބާރު ވަނީ ގަދަކޮށްފަ އެވެ. މީގެ އިތުރުން، އެ ޖަމާއަތުން ވަނީ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އާސާރީ ތަރިކަތައް ހުރި ސީރިއާގެ ގަދީމީ އަވަށެއް ކަމަށްވާ ޕަލްމައިރާ ވެސް މިދިޔަ ހަފުތާގައި ހިފާފަ އެވެ.

ތާރީހާއި ސަގާފަތާ ބެހޭ އދ.ގެ ޖަމިއްޔާ (ޔުނެސްކޯ) އިން ބަލަހައްޓާ ދުނިޔޭގެ މުހިއްމު އާސާރީ ތަންތަނުގެ ލިސްޓުގައި ވެސް ހިމެނޭ ޕަލްމައިރާ އަކީ ރޯމަން ހަޟާރަތުގެ އެންމެ މުހިއްމު އެއް އަވަށެވެ. ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި ރޯމަނުން ބޭނުންކުރި މި އަވަށަކީ ގަދީމީ ރޯމަނުންގެ ބިނާތައް މިހާރު އެންމެ ރީއްޗަށް ފެންނަން ހުރި އެއް ސިޓީ އެވެ. އެ ގޮތުން، ފުރަތަމަ ގަރުނަށް ނިސްބަތްވާ، ރޯމަނުންގެ ބިނާތަކާއި ބަގީޗާތައް މި ސިޓީން ފެންނަން އެބަހުއްޓެވެ.

ކުރިން ހިފި ބައެއް ތާރީހީ އަވަށްތަކުގައި ހުރި ބުދުތަކާއި ގަދީމީ ބިނާތައް ތަޅައި ސުންނާފަތިކޮށްފައިވާ އައިއެސް އިން ޕަލްމައިރާގެ ތަރިކަތަކަށް ގެއްލުން ދީފާނެތީ، އެކަމާ މެދު ސީރިއާ ސަރުކާރާއި ބައިނަލްއަގުވާމީ ދުނިޔެ އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި، ޔުނެސްކޯ ވެސް ހިމެނެ އެވެ.

އިރާގާއި ސީރިއާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންދާ އައިއެސް އިން ދައުވާކުރާ ގޮތުގައި އެ ޖަމާއަތުން ހިފާފައިވާ ސަރަހައްދުތަކަކީ އިސްލާމީ ހިލާފަތެކެވެ. އަދި އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ވަނީ އެ "ހިލާފަތަށް" ހިޖުރަކުރުމަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ މުސްލިމުންނަށް ގޮވާލާފަ އެވެ.