ދުނިޔެ

މެކުނު ތޫފާނުގައި އޮމާނުން ހަތަރުމީހުން މަރުވެއްޖެ

އިންޑިއާކަނޑުގައި އުފެދުނު ތޫފާން މެކުނުގެ އެރުމުގެ ސަބަބުން އުމާނުން ހަތަރުމީހުން މަރުވެއްޖެއެވެ.

އުމާންގެ މަސްކަޓް ޑެއިލީ ނޫހުން ބުނީ އެގައުމުގެ ސަލާލާ ޕްރޮވިންސްގައިވާ ޡަފާރު ނަމަކަަށް ކިޔާ ރަށުން ހަތަރުމީހުން މަރުވީ ތާނުގައި ފެންބޮޑުވުމުގެ ސަބަބުން ކަމަށެވެ.

ތޫފާން މެކުނު ހުކުރުދުވަހުގެރޭ އުމާނަށް އެރީ ކެޓަގަރީ ތިނެއްގެ ތުފާނެއްގެ ގޮތުގައެވެ. ނަމަވެސް އެތޫފާން ފަހުން ޑީޕް ޑިޕްރެޝަންއަކަށް ބަދަލުވެ، އަދި އޭގެ ފަހުން މިހާރު ވަނީ ޓްރޮޕިކަލް ޑިޕްރެޝަންއަކަށް ބަދަލުވެފައެވެ. މެކުނަކީ އުމާނަށް މިހައިތަނަށް އެރި ކެޓަގަރީ ތިނެއްގެ ތިން ވަނަ ތޫފާނެވެ. މީގެ ކުރިން އެގައުމަށް އެރި ކެޓަގަރީ ތިނެއްގެ އަނެއް ދެތޫފާނަކީ 2007 ވަނަ އަހަރު އެރި ގޮނު ތޫފާނާއި 2010 ވަނަ އަހަރު އެރި ފެޓް ތޫފާނެވެ.

ތޫފާން މެކުނުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއްވީ ޔަމަނުގެ ސުގުތުރާ ޖަޒީރާއަށެވެ. ތޫފާނުގައި އެރަށުން 40 މީހަކު ގެއްލުނެވެ.