ވިޔަފާރި

އުރީދޫއިން މުޅި ފެނަކަ އެއް ވިއުގަޔައަކުން ގުޅާލަނީ

May 27, 2018

ފެނަކަ ކޯޕަރޭޝަންއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ ހުރިހާ ބްރާންޗްތަކެއް އުރީދޫ ނެޓްވާކް މެދުވެރިކޮށް ގުޅާލަން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ފެނަކަ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ނަޖީބް ހާން އެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމާން އެވެ.

ފެނަކަ އިން ބުނީ މި އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ މައި އޮފީހާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ އޮފީސްތައް އެއް ނެޓްވޯކްއަކުން ގުޅިގެންދާނެ ކަމަށެވެ. އަދި މި ނިޒާމުގެ ސަބަބުން އެ ކުންފުނީގެ ލިޔެކިއުންތައް ވަގުތުން ހިއްސާކޮށްލުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި އުރީދޫއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން މި ހިދުމަތް ގާއިމް ކުރުމުން އެ ކުންފުނީގެ ނެޓްވޯކަށް ކުރަމުން އައި ހޭދަ 50 ޕަސެންޓް ހެޔޮވެގެންދާނެ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ދެމުންގެންދާ ކުންފުނީގެ 150 އަށްވުރެ ގިނަ ބްރާންޗް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރެ އެވެ.