ހަބަރު

އުއްތަމަ ފަނޑިޔާރަށް "އަނިޔާކުރާ" މައްސަލަ އަނެއްކާވެސް އެޗްއާރްސީއެމަށް

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް އެންޓި ޓޯޗާ ގާނޫނާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށްބުނެ އެކަން ބައްލަވައި ދެއްވުމަށްއެދި އެމަނިކުފާނުގެ ވަކީލުން ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް އަނެއްކާވެސް މައްސަލަ އެއް ހުށަހަޅައިފި އެވެ.

އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ވަކީލް ހިސާން ހުސެއިން އެޗްއާރްސީއެމް އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ބަންދުކޮށްގެން ގެންގުޅެނީ އެންޓި ޓޯޗާ ގާނޫނުގެ ދެވަނަ މާއްދާގެ ކ އާއި އެ ގާނޫނުގެ 14 ވަނަ މާއްދާގެ ށގެ ތިން ވަނަ ނަންބަރާ ހިލާފަށް ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރިމިނަލް ކޯޓުން ދެ ގަޒިއްޔާއެއްގެ ދަށުން ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ކަމަށެވެ. އެހެން ކަމުން އެމަނިކުފާނަކީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިހުރި ފަރާތެއް ނޫން ކަމަށާއި އެކަނިކުފާނަކީ މިހާރު ހުކުމް ތަންފީޒް ކުރަމުންދާ ފަރާތެއް ކަމަށެވެ.

ނަމަވެސް އެމަނިކުފާނު އަދިވެސް ހުންނެވީ ސޮލިޓަރީ ކޮންފައިންމަންޓެއްގައި ކަމަށާއި އެމަނިކުފާނު ބަންދުގައި ބަހައްޓާފައި ހުރި ހާލަތައް މިއަދާ ހަމައަށްވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށް ސިޓީގައި ވެއެވެ.

ސިޓީގައި ވަނީ، އެއްވެސް މީހަކު އެހެން އިންސާނަކާއެކު އިންސާނީ އެއްވެސް މުއާމަލާތެއް ނުހިނގާ ގޮތަށް ބަންދުގައި ބެހެއްޓުމަކީ ނުވަތަ އެއްވެސް ފިކުރެއްނެތި ޓޯޗާގެ އަމަލު ހިންގިދާނޭ މާހައުލުތައް ކަމަށް ބެލެވޭ ތަންތަނުގައި މީހުން ބަންދުގައި ބޭތިއްބުމަކީ އެންޓި ޓޯޗާގެ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ކަމެއް ކަމަށެވެ. ނަމަވެސް ކަރެކްޝަނުން ގާނޫނާ ހިލާފަށް ކުރަމުންދާ ޓޯޗާތައް ހުއްޓުވައި އަވަސް ފިޔަވަޅެއް އަޅައިދިނުމަށްއެދި ސިޓީގައި ވެއެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދެ ހުކުމެއް އިއްވާފައި ވެއެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީތަކެއް ބަލައިނުގަތުމަށް ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރާ ނިޒާމް، ޖެމްސް ހުއްޓުވާލަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް ބުނެ އެމަނިކުފާނަށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވާ ކަމަށްބުނެ ކުރިމިނަލް ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.