ހަބަރު

އަލީ ހަމީދަށް ކުރާ އިތުރު ދައުވާއެއްގެ ޝަރީއަތް މާދަމާ ފަށަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ކުރާ އިތުރު ދައުވާއެއްގެ ޝަރީއަތް މާދަމާ ފެށުމަށް ކުރިމިނަލް ކޯޓުގައި ތައާވަލް ކޮށްފި އެވެ.

އެގޮތުން މާދަމާ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ސަރުކާރުގެ އެއްޗެއް އަމިއްލަ ފައިދާއަށް ބޭނުން ކުރުމުގެ ދައުވާގެ ޝަރީއަތެވެ. އެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ތައާވަލް ކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.

ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވާ ކަމަށްބުނެ ކުރިމިނަލް ކޯޓުން ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އެމައްސަލައިގެ އިސްތިއުނާފް އަޑުއެހުން ހައި ކޯޓުގައި މިހާރު ވަނީ ފަށާފަ އެވެ.

މީގެ އިތުރުން އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ ވެސް ކޮށްފައިި ވެއެވެ. އަދި އެކެއް ފެބުރުއަރީގެ އަމުރު ނެރުނު މައްސަލާގައި އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ވެސް އުފުލާފައިވެ އެވެ. ޓެރަރިޒަމް މައްސަލާގެ ޝަރީއަތް މިހާރު ކުރިއަށްދެ އެވެ.

މާދަމާ ކުރިމިނަލް ކޯޓުގައި 12:00ގައި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް ތައާވަލްކޮށްފައިވާއިރު ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މައްޗަށް އުފުލާފައިވާ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުމެއްވެސް ތައާވަލްކޮށްފައި ވެއެވެ. އެ މައްސަލަ ތައާވަލް ކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.

މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީތަކެއް ބަލައިނުގަތުމަށް ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރާ ނިޒާމް، ޖެމްސް ހުއްޓުވާލަން އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދު އެންގެވި ކަމަށް ބުނެ އެމަނިކުފާނަށް އިއްވާފައިވާ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތްވެސް މާދަމާ ފެށުމަށް ހައި ކޯޓްގައި ވަނީ ތައާވަލް ކޮށްފަ އެވެ. އެމައްސަލަ ތައާވަލް ކޮށްފައިވަނީ މާދަމާ ހެނދުނު 10:15 އަށެވެ.