ސުޕްރީމް ކޯޓުގެ މޮބައިލް ފޯނަކުން އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު، އޭނާގެ ދެ ދަރިންނަށް ފައިސާ ޓްރާންސްފާ ކޮށްފައިވާ ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)އިން އުފުލާފައިވާ ދައުވާގެ އަޑުއެހުމުގައި އަލީ ހަމީދާއި މައްސަލަ ބައްލަވާ ގާޒީ، އަހުމަދު ހައިލަމްގެ ގިނަ ސުވާލުތަކެއް ޕީޖީއަށް އަމާޒުވެއްޖެ އެވެ.
ސަރުކާރުގެ އެއްޗެއް އަމިއްލަ ފައިދާއަށް ބޭނުންކުރުމުގެ ދައުވާ އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާއިރު މިއަދު ބޭއްވީ މައްސަލާގެ ދެވަނަ އިބްތިދާއީ އަޑުއެހުމެވެ. ފުރަތަމަ އަޑުއެހުން ބޭއްވީ އަލީ ހަމީދު ޖަލު ބަންދުގައި ހުންނެވިއިރު މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.
ދައުވާގައި ބުނެފައިވަނީ 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2011 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ މޮބައިލް ފޯނަކުން އޭނާގެ ދެ ދަރިންނަށް ޖުމްލަ 2،223 ރުފިޔާ ޓްރާންސްފާކޮށްފައިވާ ކަމަށެވެ. ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މި ދައުވާ ކުރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.
ނަމަވެސް އަލީ ހަމީދުގެ މި މައްސަލައަކީ މީގެކުރިން ވެސް ދައުވާ އުފުލުނު މައްސަލައެކެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަށްފަހު މައްސަލާގައި ޕީޖީއިން ދައުވާކޮށް އެންމެ ފުރަތަމަ ކޯޓަށް ފޮނުވީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އޭރު ކުރިމިނަލް ކޯޓުގެ ގާޒީއިންގެ މަޖިލީހުން ނިންމެވީ އެ މައްސަލަ ނުބަލާ އަނބުރާ ފޮނުވާލުމަށެވެ. ނިންމުން ނިންމީ 2015 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެ ނިންމުން ކުރިމިނަލް ކޯޓުން ޕީޖީއަށް ފޮނުވީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
އަލީ ހަމީދުގެ ވަކީލް ހަސަން ވަހީދު ވަނީ އެކަމާ ގުޅިގެން ސުވާލުތަކެއް ކުރައްވާފަ އެވެ. މައްސަލަ އަނބުރާ ގެންދިޔަ ސަބަބާއި އަލުން އެ މައްސަލާގައި ދައުވާ ކުރަން ޖެހުނު ސަބަބު ސާފުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ސުވާލާއެކު ގާޒީ ހައިލަމް ވަނީ ގިނަ ކަންތައްތަކެއް ތަފްސީލްކޮށް ދެއްވާފަ އެވެ. އެގޮތުން އޭރު ކުރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިވާ ނިންމެވުން ވިދާޅުވެ ދެއްވި އެވެ. އެ ނިންމުމުގައިވާ ގޮތުން ދައުވާ އަނބުރާ ޕީޖީއަށް ފޮނުވާލަން ނިންމާފައިވަނީ އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފޯނު ބޭނުން ކުރުމުގައި ވަކި ލިމިޓެއް ކަނޑައަޅާފައި ނެތުމާއި އަލީ ހަމީދުގެ ފޯނުން ޓްރާންސްފާކޮށްފައިވާ ފައިސާ ސުޕްރީމް ކޯޓަށް އޭނާ ދައްކާފައިވާތީ އެވެ. އަދި، އެ ފައިސާ އަލީ ހަމީދު ސުޕްރީމް ކޯޓަށް ދެއްކެވީ އަމިއްލައަށް ކަމަށާއި މީހަކު އަންގައިގެން ނޫން ކަމަށް ވެސް ނިންމުމުގައިވެ އެވެ. އެ މައްސަލަ މީޑިއާއަށް ލީކްވުމާއެކު ސުޕްރީމް ކޯޓުން ނެރުނު ބަޔާނުގައި ސުޕްރީމް ކޯޓަށް ފޯނު އެލެވެންސްއެއް ދެމުން ނުދާ ކަމަށް ވެސް ބުނެފައިވާތީ ކަމަށް ގާޒީންގެ މަޖިލީހުގެ ނިންމުމުގައިވެ އެވެ.
އެ ނިންމުން ޕީޖީއަށް ލިބުމާއެކު ޕީޖީއިން ވަނީ މައްސަލަ އަލުން އޭސީސީއަށް ފޮނުވާފަ އެވެ. އޭސީސީއަށް ޕީޖީއިން ފޮނުވި ސިޓީގައި ހަމައެކަނި ބުނެފައިވަނީ އެ މައްސަލަ ކުރިމިނަލް ކޯޓުން އަނބުރާ ފޮނުވާލުމުން އޭސީސީއަށް ފޮނުވަނީ ކަމަށެވެ. އަލުން ދައުވާ ކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އެ ސިޓީގައި ނެތް ކަމަށް ގާޒީ ހައިލަމް ފާހަގަ ކުރެއްވި އެވެ.
އެއަށްފަހު ގާޒީ ހައިލަމް ވަނީ މައްސަލަ އަނބުރާ ކުރިމިނަލް ކޯޓަށް ލިބުމާއެކު ގާޒީންގެ މަޖިލީހުގައި އެކަމާމެދު މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވެފަ އެވެ. އެ މަޝްވަރާގައި ނިންމެވީ ގާޒީންގެ މަޖިލީހުގެ ކުރީގެ ނިންމުން ރިވިއު ކުރުމަށް ކަމަށާއި އަދި މައްސަލަ ކޯޓުގައި ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އެގޮތަށް ނިންމީ ގާޒީންގެ މަޖިލީހުގެ ކުރީގެ ނިންމުމުގައިވާ ބައެއް ކަންކަން ސާބިތު ކުރެވެން ނެތީމަ އާއި މައްސަލާގައި ލިޔުންތަކުގައި ކަން ހިނގާފައިވާ ގޮތާ ހިލާފު ބައެއް ވާހަކަތައް ނިންމުމުގައި ހުރުމުން ކަމަށް ގާޒީ ހައިލަމް ވިދާޅުވި އެވެ.
އެގޮތުން ސުޕްރީމް ކޯޓަށް އަލީ ހަމީދު ފައިސާ ދެއްކެވީ އަމިއްލައަށް ކަމަށް ބުނެފައިވާއިރު އެކަން އެނގެން ނެތް ކަމަށާއި ނަމަވެސް ލިޔުންތަކުން އެނގޭ ގޮތުގައި ފައިސާ ޓްރާންސްފާ ނުކުރުމަށް އެންގުމުން ވެސް ތަކުރާރުކޮށް އެކަން ކޮށްފައިވާކަން ފެންނަން އެބަ އޮތް ކަމަށް ގާޒީ ހައިލަމް ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓުން އޭރު ނެރުނު ބަޔާނުގައި ވަކި މައްސަލައަކަށް ބަލާފައި ނެތް ކަމާއި އެއީ ޖުމްލަ ގޮތެއްގައި ފަނޑިޔާރުންނަށް ފޯނު އެލެންވެންސް ނުދޭ ކަމަށް ބުނާ ބަޔާނެއްކަން ގާޒީ ފާހަގަ ކުރެއްވި އެވެ.
ދަރިން އެކަން ކުރި ކަމެއް ނޭނގޭ، ބިލްތައް ދެއްކިން: އަލީ ހަމީދު
ގާޒީގެ ވާހަކަތަކާއެކު އަލީ ހަމީދު ކޮޅަށް ތެދުވެވަޑައިގެން ވާހަކަ ދެއްކެވި އެވެ. އަލީ ހަމީދު ވިދާޅުވީ އެކަން ހިނގި ގޮތަކީ އޭނާގެ ރަސްމީ ދަތުރަކަށް ފުރުމަށް ގެއަށް އެ ސިމް ގެންގޮސް ފޯނަށް ލައްވާފައި އޮތްވައި އޭނާގެ 18 އަހަރު ނުފުރޭ ދެ ދަރިއަކު އެ ފޯނުން ބޭނުންކޮށްގެން އެ ކުދިންގެ ފޯނަށް ފައިސާ ޓްރާންސްފާ ކުރީ ކަމަށެވެ. އެކަމަކީ އޭނާއަށް އެނގިގެން ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ. އޭނާއަށް އެކަން އެނގުނީ ބިލްތައް އައުމުން ކަމަށާއި ބިލް ލިބުމާއެކު އެ ފައިސާ ދައްކާފައިވާނެ ކަމަށް އަލީ ހަމީދު ވިދާޅުވި އެވެ. އެގޮތަށް ކަން ކުރީ މީހަކު ބުނެގެން ނޫން ކަމަށާއި ނަމަވެސް އެއީ އަމިއްލައަށް ވެސް ގަބޫލު ނުކުރެވޭ ކަމަކަށްވާތީ ކަމަށެވެ. ދަރިން ކުރި އެ ކަންތަކުގެ ޒިންމާ އޭނާ އުފުލަން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަން ސާމުލުކަމަށް އައި ފަހުން ޓްރާންސްފާކޮށްފައިވާ ވާހަކަ އަލީ ހަމީދު ދޮގު ކުރެއްވި އެވެ. އޭނާ ވިދާޅުވީ އޭގެ ފަހުން އެފަދަ ކަމެއް ނުހިނގާ ކަމަށާއި ނަމަވެސް ފަހުން ބިލްތަކެއް އައި ކަމަށެވެ. އެ ބިލްތަކަކީ މާކުރީގެ ބިލްތަކެއް ކަމަށާއި އެގޮތަށް ލަހުން ބިލް އަންނަ ފަހަރު ދިމާވާ ކަމަށް އޭނާ ވިދާޅުވި އެވެ. އާންމު ގޮތެއްގައި އޭނާ ގެންގުޅެނީ އަމިއްލަ ފޯނު ކަމަށް ވެސް ވިދާޅުވި އެވެ. މައްސަލާގެ ތަހުގީގަށް އޭސީސީ އައިއިރު ވެސް އޭނާ ވާނީ ހުރިހާ ބިލެއް އަމިއްލަ ޖީބުން ދައްކާފައި ކަމަށް ވިދާޅުވި އެވެ.
"މެދުގައި ޕީޖީ ކީއް ކުރަނީ؟"
އަލީ ހަމީދުގެ ވާހަކަތައް ނިންމާލެއްވުމުން ގާޒީ ހައިލަމް ސުވާލު އަމާޒު ކުރެއްވީ ޕީޖީއަށެވެ. ކުރިމިނަލް ކޯޓުން މައްސަލަ ނުބަލަން ނިންމައި ފޮނުވި ފޮނުވުން އިސްތިއުނާފު ނުކުރީ ކީއްވެތޯ އެއްސެވި އެވެ. އެގޮތަށް އިސްތިއުނާފު ނުކުރުމުން ކުރިމިނަލް ކޯޓުގެ ގާޒީންގެ ނިންމުން ޕީޖީއިން ބަލައި ގަނެ އެ ނިހާއީ ނިންމުމަކަށްވީ ނޫންތޯ ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ޕީޖީގެ ވަކީލް ޝަމްރާ ޝަމީމް ވިދާޅުވީ ކުރިމިނަލް ކޯޓުގެ އެ ނިންމުމަކީ ގަޟާއީ ނިންމުމެއް ނޫން ކަމަށާއި އެއީ އިސްތިއުނާފު ކުރަން ޖެހޭ ފަދަ ނިންމުމެއް ނޫން ކަމަށެވެ. އެ ޖަވާބާއެކު އަނެއްކާވެސް ގާޒީ ހައިލަމް ސުވާލުތައް އަމާޒު ކުރެއްވި އެވެ.
"އެ ކީއްވެތޯ އިސްތިއުނާފު ކުރަން ނުޖެހެނީ، ގާޒީންގެ މަޖިލީހުގެ ނިންމުމެއް މިއީ، ހައިކޯޓަށް ވެސް ވަޑައިގެންނެވޭނެ ނޫންތޯ،" ގާޒީ ހައިލަމް ސުވާލު ތަކުރާރު ކުރެއްވި އެވެ. ނަމަވެސް ޕީޖީއިން އެއަށް ސާފު ޖަވާބެއް ނުދެއްވަ އެވެ.
"ކުރިމިނަލް ކޯޓުން ޕީޖީއަށް ފޮނުވީމަ، ޕީޖީއިން އޭސީސީއަށް ފޮނުވީ، އަނެއްކާވެސް އޭސީސީއިން ޕީޖީއަށް ފޮނުވުމުން ކުރިމިނަލް ކޯޓަށް ފޮނުވީ، މެދުގައި ކީއް ކުރާ މީހެއްތޯ ޕީޖީއަކީ، ކޮބައިތޯ ޕީޖީގެ ދައުރަކީ،" ގާޒީ ހައިލަމް ސުވާލުތައް ޕީޖީއަށް އަމާޒު ކުރައްވަމުން ގެންދެވި އެވެ.
ޕީޖީގެ އަނެއް ވަކީލް އަބްދުﷲ ރާބިއު ވިދާޅުވީ ކުރިމިނަލް ކޯޓުގެ އެ ނިންމުމަކީ ގަޟާއީ ނިންމުމަކަށް ނުވާއިރު އޭގައި ސުވާލު އުފެދޭ ކަންކަން ވެސް ހުރި ކަމަށެވެ. އެހެންވެ، ވަކި އެއްޗެއް ނުބުނެ، ވަކި ގޮތެއް ކަނޑަނާޅާ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލީ ކަމަށެވެ. އޭސީސީއިން އަނެއްކާވެސް މައްސަލަ އަނބުރާ ޕީޖީއަށް ދައުވާކޮށް ދިނުމަށް އެދި ފޮނުވުން ކޯޓަށް ގެނައީ ކަމަށެވެ.
"އެއީ މި އުފައްދާ ސުވާލަކީ، ޕީޖީގެ ނިންމުމެއް މީގައި ނެތީ ކީއްވެތޯ، ޕީޖީއިން ޖެހޭނެ ދައުވާ ދެން ކުރާނެ ތޯ ނުވަތަ ނޫންތޯ ކަނޑައަޅައި އެމީހަކަށް އަންގަން، މުޅި އުމުރު އެ ބޮލުގައި އަޅައިގެން އެ މީހަކު އުޅެން ނުޖެހޭނެ، އާ ހެއްކެއް ލިބޭ ހާލަތުގައި ވެސް ދައުވާ އަލުން ކުރުމަށް އެކަށީގެންވާ މުއްދަތެއް އޮވޭ، އެއްވެސް އާ ހެއްކެއް މި މައްސަލާގައި ފަހުން ލިބުންތޯ،" ގާޒީ ހައިލަމް ސުވާލު ކުރެއްވި އެވެ.
ވަކީލް ރާބިއު ވިދާޅުވީ އޭސީސީއިން މައްސަލަ ބެލުމަށްފަހު އޭސީސީއަށް ސުވާލު އުފެދޭ ކަންކަން ހުރުމުން އަލުން ދައުވާކޮށް ދިނުމަށް އެދުނީ ކަމަށާއި އަލުން ދައުވާ ކުރަން ފޮނުވީ އާ އެއް ހެއްކާއެކު ކަމަށެވެ. އެ ޖަވާބާމެދު އަލީ ހަމީދުގެ ފަރާތުން ނުރުހެ އެވެ. އެކަންކަމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ލިޔުމުން ހުށަހަޅުއްވާނެ ކަމަށް ވަކީލް ހަސަން ވަހީދު ވިދާޅުވި އެވެ.
ގާނޫނުލްއުގޫބާތުން ދައުވާ ނުކުރާތީ ސުވާލު
ދެން އެންމެ ބޮޑު ބަހުސެއް ކުރިއަށް ދިޔައީ އަލީ ހަމީދުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ދައުވާކޮށްފައިވާތީ އެވެ. މައްސަލާގައި އެންމެ ފުރަތަމަ ދައުވާ ކުރިއިރު ގާނޫނުލްއުގޫބާތު ވެސް އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނު ވެސް ނެތެވެ. ނަމަވެސް ފަހުން ދައުވާކުރިއިރު ދެ ގާނޫނު ވެސް ވުޖޫދުގައި އޮތެވެ. ވަކީލް ހަސަން ވަހީދު ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ދައުވާ ކުރެވިގެން ނުވާނެ ކަމަށާއި ދައުވާ ކުރަން ޖެހެނީ ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށެވެ.
އެއަށް ޖަވާބު ދެއްވަމުން ވަކީލް ޝަމްރާ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނަކީ ގާނޫނުލްއުގޫބާތުގައި އިސްތިސްނާ ދީފައިވާ ހާއްސަ ގާނޫނެއް ކަމަށެވެ. އެހެންވެ އެ ގާނޫނުގެ ދަށުން ދައުވާ ކުރީ ކަމަށެވެ. ނަމަވެސް ފަހުން ގާނޫނު ރަނގަޅަށް ބެލުމަށްފަހު ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނަކީ ހާއްސަ ގާނޫނެއް ނޫން ކަމަށް ވިދާޅުވި އެވެ. ގާނޫނުލްއުގޫބާތުގައި ބުނާާ ހާއްސަ ހަތް ގާނޫނުގެ ތެރޭގައި އެ ގާނޫނު ނުހިމެނެ އެވެ. އެއާއެކު ހަސަން ވަހީދާއި ގާޒީގެ އެކަން އިތުރަށް ތަފްސީލްކޮށް ދެއްވުމަށް އެދި ސުވާލުތައް ކުރެއްވި އެވެ.
ވަކީލް ޝަމްރާ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނަކީ ހާއްސަ ގާނޫނެއް ނޫން ނަމަވެސް އަލީ ހަމީދު ކުރައްވާފައިވާ ކުށް ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ. އެހެންވީއިރު އެ ކުށަށް ދައުވާ ކުރެވޭނީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަމަށެވެ. ރައްދު ދެއްވަމުން ވަކީލް ހަސަން ވަހީދު ވިދާޅުވީ ހާއްސަ ގާނޫނުތައް ފިޔަވައި އެހެން ގާނޫނުތަކުގެ ކުށްތައް ގާނޫނުލްއުގޫބާތަށް ޖަމާކޮށްފައިވަނީ ކުށް އެ ގާނޫނުގެ ދަށުން ކަނޑައެޅުމުގެ ބޭނުމުގައި ކަމަށެވެ. އެ ގާނޫނުގައި އެ ކުށް ނުހިމެނޭނަމަ އެ ކުށް، ކުށަކަށް ނުވަނީ ކަމަށް ހަސަން ވަހީދު ވިދާޅުވި އެވެ.
އެއާ ގުޅިގެން ގާޒީ ހައިލަމް ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނަކީ މިހާރު ވެސް ވުޖޫދުގައި އޮތް ގާނޫނަކަށްވާއިރު އޭގައި ބަޔާން ކުރާ ކުށެއް، ކުށެއް ނޫން ކަމަށް ކަނޑައެއް ނޭޅޭނެ ކަމަށެވެ. ޕީޖީގެ ވަކީލް ވެސް އެކަން ފާހަގަ ކުރައްވައި މިސާލުތަކެއް ދެއްކެވި އެވެ. އެގޮތުން ވަކީލް ރާބިއު ވިދާޅުވީ ސިހުރު ހެދުމުގެ ތަކެތި ގެންގުޅުމަކީ ކުށެއް ކަމަށާއި ނަމަވެސް އެ ކުށް ގާނޫނުލްއުގޫބާތުގައި ނެތް ކަމަށެވެ. އެ ކުށަށް ދައުވާ ކުރަން ޖެހެނީ އެތެރެކޮށް ގެންގުޅުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން ކަމަށެވެ. ހާއްސަ ގާނޫނުތައް ނޫން ނަމަވެސް ގާނޫނުލްއުގޫބާތުގައި ނެތް ކުށެއްވާނަމަ އެހެން ގާނޫނުތަކުން ދައުވާ ކުރުމަށް ހުރަހެއް ނެތް ކަމަށެވެ. ނަމަވެސް އެފަދަ ހާލަތްތައް ވަރަށް މަދުކަން ރާބިއު ފާހަގަ ކުރެއްވި އެވެ.
ދައުވާ ކުރި މުއްދަތު ހަމަ ނުވޭތޯ ވެސް ސުވާލު
ދެން ވަކީލް ހަސަން ވަހީދު ފާހަގަ ކުރެއްވީ ގާނޫނުލްއުގޫބާތާއި ޖިނާއީ އިޖުރާއަތުގައި ފާހަގަ ކުރާ ދައުވާ ކުރަން ޖެހޭ މުއްދަތުތަކާ ގުޅޭ މައްސަލަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާއަތުގެ ކުރިން ހިނގާފައިވާ ކަމަކަށްވާއިރު އެ ގާނޫނުން ކަނޑައެޅި ވަކި މުއްދަތެއްގެ ކުރިން މައްސަލާގައި ދައުވާ ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެކަން ކޮށްފައިނުވާ ކަމަށެވެ. ހަމައެހެންވެ ޖިނާއަތުގެ ކުށްތަކަށް ގާނޫނުލްއުގޫބާތުގައިވާ ގޮތުން އަށް އަހަރުގެ ތެރޭގައި ދައުވާ ކުރަން ޖެހޭނެކަން ވަކީލް ހަސަން ފާހަގަ ކުރެއްވި އެވެ.
ގާޒީ ހައިލަމް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ މުއްދަތު ހަމައެކަނި އެޕްލައި ވަނީ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންނަށް ކަމަށެވެ. މި މައްސަލައާ ގުޅިގެން އަލީ ހަމީދު އެއްވެސް އިރެއްގައި ހައްޔަރުކޮށްފައިނުވާ ކަމަށެވެ. ގާނޫނުލްއުގޫބާތުގެ މުއްދަތާ ގުޅިގެން ވަކީލް ރާބިއު ވިދާޅުވީ މި މައްސަލައަކީ ކުރިން ވެސް ދައުވާކޮށްފައިވާ މައްސަލައަކަށްވާތީ އެ ލިމިޓޭޝަންތައް މި މައްސަލައަށް ނުހިނގާނެ ކަމަށެވެ. އަދި ހިނގި ނަމަވެސް ހާދިސާ ހިނގި އިރާއި ދައުވާ ކުރި މުއްދަތާ ދެމެދު އަށް އަހަރުވެފައިނުވާ ކަމަށެވެ.
މި މައްސަލާގެ އަޑުއެހުން މިއަދު ނިންމާލީ ދެން އޮންނަ އަޑުއެހުމެއްގައި ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތަކަށް ފުރުސަތު ދެމުންނެވެ. އެކަމަށް 10 ދުވަސް ގާޒީ ދެއްވި އެވެ. މިއަދުގެ އަޑުއެހުމަށް އަލީ ހަމީދު ވަޑައިގެން އިންނެވީ ހުދު ގަމީހަކާއި ނޫކުލައިގެ ޓައީއެއް އަޅުއްވައިގެންނެވެ. ޝަރީއަތުގެ މަޖިލީހުގައި ކޮޅަށް ތެދުވެވަޑައިގެން ވާހަކަ ދެއްކެވުމަށް އުނދަގޫވެގެން އުޅުއްވިކަން ފާހަގަވި އެވެ. މި މައްސަލާގެ އަޑުއެހުން މިއަދު ބޭއްވިއިރު މީގެ ދުވަސްކޮޅެއް ކުރިން އޭނާގެ މައްޗަށް އިއްވާފައިވާ އެހެން ޖަލު ހުކުމްގެ މުއްދަތު ހަމަވެ، ވަނީ މިނިވަންވެފަ އެވެ.