ބޮލީވުޑް

"ރާޒީ" އަށް 100 ކްރޯޑް ލިބި ބްލޮކްބާސްޓާ އަކަށް

މޭގްނާ ގުލްޒާރު ޑައިރެކްޓްކޮށް، އާލިއާ ބަޓް ލީޑްރޯލު ކުޅެފައިވާ "ރާޒީ" ވަނީ އެ ފިލްމަކީ ހަމައެކަނި މޮޅު ފިލްމެއް ނޫންކަން ސާބިތުކޮށްދީފަ އެވެ. މި މަހުގެ އެގާރަ ވަނަ ދުވަހު ރިލީޒްކުރި މި ފިލްމަށް އަންނަނީ އަދިވެސް ބޮޑު ތަރުހީބެއް ލިބެމުންނެވެ. ފިލްމު ރިލީޒްކުރިތާ ސަތާރަ ދުވަހުން މިވަނީ 100 ކްރޯޑް ލިބި ބްލޮކްބާސްޓާ ފިލްމުގެ ދަރަޖަ ލިބިގެން ގޮސްފަ އެވެ.

އާލިއާ އާއެކު ވިކީ ކޯޝަލް މުހިންމު ރޯލަކުން ފެނިގެން ގޮސްފައިވާ މި ފިލްމަށް ލިބެމުން އަންނަ ތަރުހީބާ ގުޅިގެން ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ވަނީ ބެލުންތެރިންނާއި ކްރިޓިކުން މި ފިލްމަށް އިންތިހާއަށް ތައުރީފުކުރުމުގެ ނަތީޖާއެއްގެ ގޮތުން ފިލްމަށް ބޮކްސް އޮފީހުގައި 100 ކްރޯޑް ލިބިފައިވާ ކަމަށް ބުނެފަ އެވެ.

މިއީ އާލިއާގެ ފިލްމަކަށް 100 ކްރޯޑް ލިބުނު ތިން ވަނަ ފަހަރެވެ. މީގެކުރިން ނިކުތް "2 ސްޓޭޓްސް" އާއި "ބަދްރިނާތްކީ ދުލްހަނިޔާ" އަށް ވެސް ވަނީ 100 ކްރޯޑް ލިބިގެން ގޮސްފަ އެވެ.

"ރާޒީ" ރިލީޒްކުރި ފަހުން ވެސް ބޮޑެތި ތަރިންގެ ފިލްމުތައް ރިލީޒްވި ނަމަވެސް ދެ ހަފްތާ ފާއިތުވެގެން ދިޔައިރު ވެސް މި ފިލްމަށް ލިބެމުން އައި ތަރުހީބު ކުޑަތަން ފުކެއް ވެސް ދަށަށް ނުދެ އެވެ.

"ރާޒީ" އަކީ މި އަހަރުގެ މިހާތަނަށް ނިކުތް ފިލްމުތަކުގެ ތެރެއިން 100 ކްރޯޑްގެ އާމްދަނީއެއް ލިބުނު ފަސް ވަނަ ފިލްމެވެ. ސަތޭކަ ކްރޯޑް ލިބުނު އެހެންްް ފިލްމުތަކަކީ "ޕަދްމާވަތް"، "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ"، "ރެއިޑް" އަދި "ބާގީ 2" އެވެ.

ވާހަކަލިޔުންތެރިޔާ ހަރިންދަރް ސިއްކާ ލިޔެފައިވާ "ކޯލިން ސެހެމަތް" ނަމަކަށް ކިޔާ ވާހަކައިގެ އަސްލަކަށް އުފައްދާފައިވާ މި ފިލްމަކީ އިންޑިއާގެ ޒުވާން އަންހެން ޖާސޫސަކު ޕާކިސްތާނުގެ މިލިޓަރީ އޮފިސަރަކާ ކައިވެނިކޮށް، އެ ގައުމަށް ބަދަލުވެ، އިންޑިއާ އަށް ސިއްރުން ޖާސޫސްކޮށްދޭ ގޮތް ދައްކުވައިދޭ ފިލްމެކެވެ.

މި ފިލްމުގައި އާލިއާގެ މަންމަގެ ރޯލުން ފެނިގެން ގޮސްފައިވަނީ އޭނާގެ މަންމަ ސޯނީ ރަޒްދާން އެވެ.

ޒުވާން ބަތަލާއިންގެ ތެރެއިން އާލިއާ އަކީ މިހާރު އެންމެ ކާމިޔާބު އެއް ބަތަލާ އެވެ. އޭނާގެ ހުރިހާ ފިލްމަކަށް ވެސް ބޮކްސް އޮފީހުގައި އަންނަނީ ބޮޑު ކާމިޔާބީއެއް ލިބެމުންނެވެ.

މިހާރު އޭނާ އަންނަނީ ރަންބީރު ކަޕޫރާ އެކު ކުޅޭ "ބްރަހަމްޝްތްރާ" އާއި ބޮޑު ކާސްޓުންތަކެއް ހިިމެނޭ "ކަލަންކް" އެކުގައި ޝޫޓްކުރަމުންނެވެ. އަދި މިފަހުން ވަނީ ރަންވީރު ސިންގާ އެކު ކުޅުނު "ގަލީ ބޯއި" ގެ ޝޫޓިން ވެސް ނިންމާލާފަ އެވެ.