ޓީވީ ސީރީޒް

ކެތްރީން "ތާޓީން ރީޒަންސް ވައި" ދޫކޮށްލައިފި

ހެނާ ބޭކާގެ ރޯލުން މަޝްހޫރުވި "ތާޓީން ރީޒަންސް ވައި" ގެ ލީޑު ބަތަލާ ކެތްރީން ލެންގްފޯޑް އެ ސީރީޒް ދޫކޮށްލައިފި އެވެ. ނެޓްފްލިކްސް އިން ގެނެސްދޭ މި ސީރީޒްގެ ދެ ވަނަ ސީޒަން މިހާރު ވަނީ ރިލީޒްކޮށްފަ އެވެ. ވަރަށް އަވަހަށް ތިން ވަނަ ސީޒަނަކަށްވެސް މި ސީރީޒް ރިނިއުކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ތިން ވަނަ ސީޒަންގައި ނުފެންނާނެކަން ކެތްރީން، 22، މިހާރު ވަނީ ކަށަވަރުކޮށްދީފަ އެވެ. ކެތްރީން މި ހަބަރު ކަށަވަރުކޮށްދިނީ އޭނާ ކޮށްފައިވާ އިންސްޓަގުރާމް ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ކެތްރީން ވަނީ ސީރީޒްގެ ކާސްޓާއި ކްރޫ އަދި ފޭނުނަށްވެސް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ. މި ސީރީޒްއަކީ މިދާއިރާގައި އޭނާ ކުރި އެންމެ ފުރަތަމަ މަސައްކަތެވެ. އެހެންކަމުން މި ސީރީޒް އަބަދުވެސް އޭނާއަށް ހާއްސަވާނެ ކަމަށް ބުނެފައިވެ އެވެ.

ކުރިއަށް އޮތް ތަނުގައި އިތުރު މަސައްކަތްތަކުންވެސް ފެންނާނެ ކަމަށް ބުނިއިރު، އެ ވާހަކަތައް ހިއްސާކުރަން ކެތްމަދުވެފައި ހުރި ކަމަށްވެސް ކެތްރީން އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ކެތްރީން ކޮށްފައިވާ އިންސްޓަގުރާމް ޕޯސްޓް.

"ތާޓީން ރީޒަންސް ވައި" ގެ މައިގަނޑު ވާހަކަ ބިނާވެފައި އޮންނަނީ ކެތްރީންގެ ކެރެކްޓާ، ހެނާ ބޭކާ އަށެވެ. މި ސީރީޒްގައި ހިނގާ ހުރިހާ ކަމެއްގެ ފެށުމަކަށް ވަނީ ފުރަތަމަ ސީޒަންގައި ހެނާ އަމިއްލަ މަރުވާ ހިސާބުންނެވެ.

އަމިއްލައަށް މަރުވުމަށް ހިތްވަރުދޭ ގޮތަށް މި ސީރީޒް ގެނެސްދީފައިވާ ކަމަށް ބުނެ ފުރަތަމަ ސީޒަނަށް ގިނަ ބައެއް ފާޑުކިޔުންތައްވެސް އަމާޒުވި އެވެ. ދެ ވަނަ ސީޒަން ހާއްސަކޮށްފައި ވަނީ ޖިންސީ ފުރައްސާރަތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށެވެ. ދެ ވަނަ ސީޒަނަށްވެސް ގިނަ ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.