ކުޅިވަރު

ވޯލްޑް ކަޕްގައި ކުޅޭނެ ކަމުގެ ޔަގީންކަން ސަލާހް ދީފި

May 27, 2018

ރިއާލްމެޑްރިޑާއި ލިވަޕޫލް ރޭ ބައްދަލުކުރި ޗެމްޕިއަންސް ލީގްގެ ފައިނަލް މެޗްގައި އަނިޔާއާ ކުރިމަތިވެ ދަނޑުން ފައިބަން ޖެހުނު ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހް އޭނާގެ އަމިއްލަ ގައުމު، މިސްރުގެ ޓީމަށް ވޯލްޑްކަޕްގައި ކުޅޭނެ ކަމުގެ ޔަގީންކަން ދީފި އެވެ.

ސަލާހް ހުއްޓުވަން ރިއާލްމެޑްރިޑްގެ ކެޕްޓަން، ސާޖިއޯ ރާމޯސް މަސައްކަތް ކުރަނިކޮށް ވެއްޓި ސަލާހުގެ ކޮނޑުހުޅަށް ކުރިމަތިވި އަނިޔާއަކާ ގުޅިގެން މެޗްގެ ކުރީކޮޅު ދަނޑުން ފައިބަން ޖެހުމުން، އަންނަ މަހު 14 ގައި ރަޝިޔާގައި ފަށާ ވޯލްޑްކަޕްގައި އޭނާއަށް ކުޅެވިދާނެ ކަމާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. ރިއާލްމެޑްރިޑް އަތުން ލިވަޕޫލް 3-1 އިން ރޭ ބަލިވި މެޗަށް ފަހު، ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް، ޔަގަން ކްލޮޕް ވެސް ބުނެފައި ވަނީ ސަލާހްއަށް ލިބުނު އަނިޔާ ސީރިއަސް ކަމަށާއި ޓީމަށް މުހިއްމު ކުޅުންތެރިއަކު ގެއްލި، މިސްރު ޓީމަށް ވެސް ވޯލްޑް ކަޕުން މުހިއްމު ކުޅުންތެރިއަކު ގެއްލުނީ ކަމަށެވެ.

އެކަމާ ގުޅިގެން މިސްރަށް އުފަން، 25އ، ސަލާހު އޭނާގެ ފޭސްބުކް ޕޭޖްގައި ބުނީ، ކަންތައްތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް އޭނާގެ ގައުމާއި ރައްޔިތުން ފަހުރުވެރިވާނެ ފަދަ ކުޅުމެއް ދެއްކުމަށް ޓަކައި ގައުމީ ޓީމާ އެކު ރަޝިޔާއަށް ދާނެ ކަމަށާއި އެކަމުގެ ޔަގީންކަން އޭނާގެ ސަޕޯޓަރުންނަށް ދޭ ކަމަށެވެ. ރެއަކީ ވަރަށް އުނދަގޫރެއެއްކަން ފާހަގަ ކުރަމުން ސަލާހް ބުނީ، އޭނާ އަކީ ހިތްވަރު އެލުވާލާނެ މީހެއް ނޫން ކަމަށެވެ.

"މިވަގުތު އަހަނަށް ލިބޭނެ އެންމެ ބޮޑު ހިތްވަރަކީ ސަޕޯޓަރުންގެ ލޯތްބާއި އެއްބާރުލުން،" ސަލާހް ބުންޏެވެ.

ވޯލްޑް ކަޕްގައި މިސްރު ފުރަތަމަ ބައްދަލު ކުރާނީ އުރުގުއޭއާ އެވެ. އެ މެޗް އޮންނާނީ ޖޫން 15ގަ އެވެ. މިސްރު ހިމެނެނީ މުބާރާތް ބާއްވާ ގައުމު ރަޝިއާ އާއި ސައުދީ އަރަބިއްޔާ އަދި އުރުގުއޭ އާއެކު ގޫރޫޕް "އޭ" ގައެވެ. އެ ޓީމުގައި އެންމެ ނަން ހިނގާ ކުޅުންތެރިޔަކަށް ވާނީ ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު ސަލާހް އެވެ.

މިފަހުން ސަލާހް ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު އޭނާއަށް ވަނީ ދުނިޔޭގެ ސަލާމުކަމާއި އެތައް ބައެއްގެ ލޯބި ލިބިފަ އެވެ. އޭއެސް ރޯމާއިން މި ސީޒަންގައި ލިވަޕޫލާ ގުޅެ އޭނާ ވަނީ އެ ޓީމަށް 43 ލަނޑު ޖަހައި ދީފަ އެވެ. ޕްރިމިއާ ލީގްގައި ކުޅުނު 36 މެޗުގައި ސަލާހް ވަނީ 32 ލަނޑު ޖާހަފަ އެވެ. އަދި ފުޓްބޯޅަ ނޫސްވެރިންގެ ޖާމާއަތް ނުވަތަ ފުޓްބޯލް ރައިޓާސް އެސޯސިއޭޝަން (އެފްޑަބްލިއުއޭ) އިން ދޭ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް މިއަހަރު ހޯދީ، ސަލާހް އެވެ.