ފެޝަން

ސައުދީއަށް ފެޝަންގެ އިންގިލާބު ގެނައި ޕްރިންސެސް ނޫރާ

ސައުދި އަރަބިއްޔާގެ ޝާހީ ދަރިކަނބަލުން، ޕްރިންސެސް ނޫރާ ބިންތް އަލް ސައުދް ފެޝަންގެ ދާއިރާއަށް ޝައުގުވެރިވެޑައިގަތީ އެކަމަނާ ޖަޕާނުގެ ޓޯކިޔޯގައި ކިޔަވާ ވިދާޅުވާން ހުންނެވި ދުވަސްވަރު އެވެ. ނޫރާ، 30، އަކީ ސައުދި އަރަބިއްޔާގެ ބާނީ އިބްނު ސައުދްގެ މުނިކާފަ ދަރިކަނބަލެކެވެ.

މިދިޔަ ޑިސެމްބަރު މަހު އަރަބް ފެޝަން ކައުންސިލްގެ ރާއީސާކަމުގެ މަގާމަށް ނޫރާ ވަނީ ހަމަޖައްސަވާފަ އެވެ. ސައުދީގައި ބޭއްވި ފުރަތަމަ އަރަބް ފެޝަން ވީކް ވަނީ މިދިޔަ މަހު ބާއްވާފަ އެވެ. ދުނިޔޭގެ ސަމާލުކަމެއް ލިބުނު މި ހަފްލާގެ ހުރިހާ އިމްތިޒާމުތަކެއް ހަމަޖެއްސެވުމުގައި އެންމެ އިސްކޮށް ހުންނެވީ އެކަމަނާ އެވެ.

ސައުދީގެ ރަސްކަމާއި ރަސްގެފާނު ސަލްމާން ހަވާލުވެވަޑައިގަތްފަހުން ސައުދީއަށް އަންނަނީ އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. ހާއްސަކޮށް އަންހެންނަށް ކުރިއެރުވުމަށް، އިޖުތިމާއީ އެކި ކަންކަމުގައި އެމީހުނަށް ހަރަކާތްތެރިވެ އުޅުމުގެ މިނިވަންކަން ކުރިއަށްވުރެ ބޮޑަށް ވަނީ ދީފަ އެވެ.

އަރަބް ފެޝަން ވީކްގައި ދައްކާލާފައި ވަނީ ފްރާންސްގެ މަޝްހޫރު ޕެޝަން ޑިޒައިނަރު ޖީން ޕޯލް ގޯލްޓާ އާއި އިޓަލީގެ ފެޝަން ޑިޒައިނަރު ރޮބާޓް ކަވަލީގެ ޑިޒައިންޑް ހެދުންތަކެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާގެ މަޝްހޫރު ޑިޒައިނަރުން ކަމަށްވާ އަރްވާ ބަނަވީ އާއި މަޝޭލް އަލްރަޖްހީގެ ޑިޒައިންޑް ހެދުންތައް ދައްކާލާފައިވެ އެވެ.

އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ޕްރިންސެސް ނޫރާ ވިދާޅުވީ، "ސައުދީއަކީ އަމިއްލަ ސަގާފަތައް ވަރަށް އިސްކަންދޭ ގައުމެއް. ސައުދީ އަންހެނެއްގެ ހައިސިއްޔަތުން އަހަރެން އަމިއްލަ ގައުމުގެ ސަގާފަތައް އިހްތިރާމްކުރަން. އަހަރެމެންގެ ދީނަށް އިހްތިރާމްކުރަން.

"އަހަރެމެން ސައުދީ އަންހެނުން އާންމުކޮށް އަޅާއި އުޅެނީ ދިގު ހެދުން ނުވަތަ މަޝްހޫރު ނަމުންނަމަ އަބާޔާ. މިއީ އަހަރެމެންގެ ސަގާފަތުގައި އަހަރެމެން ހެދުން އަޅަމުން އައިސްފައިވާ ގޮތް.

"މި ހަފްލާ ކުރިއަށް ގެންދިޔައީ އަހަރެންގެ ސަގާފަތައް އުނިކަމެއް ނާންނާނެ ގޮތަށް. އަދި މި ހަފްލާއަކީ ހަމައެކަނި އަންހެނުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ހަފްލާއެއް. އެއްވެސް އަންހެނަކަށް ހާސްކަމެއް ނެތި މި ހަފްލާގައި ބައިވެރިވެވުނު."

އަރަބް ފެޝަން ވީކްގެ އާންމުކުރީވެސް މަދު ފޮޓޯތަކެކެވެ. އެ ފޮޓޯތައް އާންމުކޮށްފައި ވަނީ ސައުދީގެ ގެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީން ބަލާ ފާސްކުރުމަށްފަހު އެވެ.

ޕްރިންސެސް ނޫރާ ވަނީ ޓޯކިޔޯގެ ރިކްޔޯ ޔުނިވާސިޓީގައި ކިޔަވާ ވިދާޅުވެ، އިންޓަނޭޝަނަލް ބިޒްނަސް އިން މާސްޓާޒް ޑިގްރީއެއް ހާސިލުކުރައްވާފަ އެވެ. ޓޯކިޔޯގައި ކިޔަވާ ވިދާޅުވަން ހުންނެވި ދުވަސްވަރު ފެޝަންގެ ދާއިރާއަށް ޝައުގުވެރިވެ މި ދާއިރާއިން ބިޒްނަސް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން އެތަނުގައި މިކަން ކުރާ މީހުނާއި މަޝްވަރާކޮށް މައުލޫމާތު ހޯދިކަމަށް އެކަމަނާ ވިދާޅުވި އެވެ.