ލައިފްސްޓައިލް

ހާރު ނުކައި ތިބެގެން ލިބޭ މޮޅެއް ނެތް!

Jun 9, 2018

މަޣުރިބް ނަމާދަށް ބަންގި ގޮވުމަށް އިމާމް، ތެދުވެ ދެ ކަންފަތުގައި އަތް އަޅައި އިރު، ހުރިހާ ގެއެއްގެ ސުފުރާ މަތި އޮންނާނީ ފުރާލާފަ އެވެ. ރޯދަ ވީއްލަން ތައްޔާރު އެ ވަގުތަށް އެންމެން ތިބެ އެވެ. ބަންގީގެ އަޑަށް، ބަރާބަރު ގަޑިޔަށް އެންމެން އަރައިގަނެ ކެއުމައިގެން އަވަދިނެތި އުޅެވެ އެވެ. އެއަށް ފަހު ދެން އެކަމާ އުޅެވޭނީ ތަރާވީސް ނަމާދު ނިންމާލާފަ އެވެ. ތިމާގެ މީހެއްގެ ގެއަށް ދައުވަތަކަށް ނުވަތަ ރައްޓެހިންނާއެކު ކޮންމެވެސް ރެސްޓޯރަންޓަކަށް އަރައި ކުޑަ ގޮތެއް ހަދާ ނުލައި ރޭ ފުރިހަމަ ނުވާނެ އެވެ.

ނަމަވެސް އެ ފޯރީގައި ހާރުދަމާ ހަމަޔަށް ދާއިރު، މީހާގެ ކަންނެތް ކަމާއި ވަރުބަލިކަން އަދި ރޯދައަށް ހުރުމަށްވުރެ ބޮޑު ވެއެވެ. އެހިސާބުން ނިދިން ތެދުވެ ކާއެއްޗަކާ ކައިރި ވާނެ މީހަކު ނުވެ އެވެ. މިއީ ފަހަރެއްގައި ވެސް ދެތިން މީހެއްގެ އާދައެއް ނޫނެވެ. ފަހަކަށް އައިސް ހާރު ކެއުމާ ވަރަށް ބޮޑަށް ބީރައްޓެހިވެފައިވާ އެތައް ދިވެހިންްގެ ވާހަކަ އެވެ.

އެހެން މަސްމަހާ ހިލާފަށް ރޯދަ މަހު މުޅި ދުވަހުގެ ރޫޓީންއަށް އަންނަ ބޮޑު ބަދަލާއެކު ރޭގަނޑުގެ ވަގުތު ދިވެހިންނަށް ވެސް ވަރަށް ދިގުވެ އެވެ. ރޭ އަޅުކަމަށް ފަހު އަވަހަށް ނިދާ މީހުން ނޫޅެނީ އެއް ނޫނެވެ. ނަމަވެސް ގިނަ ފަހަރަށް ރޭގަނޑުގެ ބޮޑު ބައެއް ދުއްވާލެވެނީ ދިގު ކޮފީތަކުގަ އާއި ތަފާތު ކުޅިވަރުތަކުގަ އެވެ. ކެރަމް ބޯޑާއި ރާޒުވާ ނުވަތަ ތާސް ކުޅުމުގައި ހޭލާ ހުރެވޭ އިރު ނެޓްފްލިކްސް ނުވަތަ އެހެންވެސް ތަނަކުން ނުނިމި ހުރި ސީރީޒްތައް ބަލައި ނިންމާ މަހަކަށް ވެސް ވެފައި އޮންނަނީ ރޯދަ މަހެވެ.

މުޅި ރޭ އެގޮތަށް ދުއްވާލުމަށް ފަހު ނިދިގެން ވެއްޓޭނީ ހާރު ގަޑިޔާ ކައިރިކޮށްލައިފަ އެވެ. ހާރު ކެއުމަކަށް އެއްވެސް ވަރަކަށް ސަމާލުކަމެއް ނުދެވެ އެވެ. ދެން ނިދަން އޮށޯންނަމުން ފެންތައްޓެއް ބޯލައި ހާރު ކެވުނީ ކަމަށް ބައެއް މީހުން ނިންމަ އެވެ. އަނެއްބައި މީހުން ރޯދަ ވީއްލާ ގަޑިއަށް އެއްޗެއް ކާ ގޮތަށް ދެން ކާނީ އަނެއް ދުވަހުގެ ވެސް ރޯދަަ ވީއްލާށެވެ. ބަނޑުހައި ނުވާތީ ބައެއް ފަހަރަށް ކުރެވޭ ކުށް ހިޔަކީ އެއީ ހާރު ނުކެއުމަކީ ލިބޭ މޮޅެކެވެ.

ގަދަ ނިދީގައި އޮވެފައި ހާރުކާން ހޭލަންވުމުން ވެސް ދެއްކެނީ އެ ބަހަނާ އެވެ. "ހާރު ނުކެޔަސް ދުވާލު ވަރުބަލި ނުވާ" ކަމެވެ. ނަމަވެސް ހާރު ކާންވީ ހަމައެކަނި ދުވާލު ވަރުބަލިކަން އިހުސާސްވެދާނެތީ އެކަނިއެއް ނޫނެވެ! އޭގައި ގިނަ ސަވާބުތަކެއްގެ އިތުރުން ވެސް އެތަށް ފައިދާތަކެއް ހުރެ އެވެ.

ހާރު ކެއުމުގެ ބައެއް ފައިދާތައް:

އެންމެނަށް ވެސް އެނގޭ ފަދައިން ފަތިސް ނަމާދަށް ކައިރިކޮށްލުމަށް ފަހު ރަނގަޅަށް ކައިފި ނަމަ، އަނެއް ދުވަހު މީހާ އެހާ ބޮޑަށް ބަނޑުހައެއް ނުވާނެ އެވެ. ނަމަވެސް އޭގެ އިތުރުން ހާރު ކެއުމުގެ ސަބަބުން ދުވާލު ގަޑީގައި މީހާ މަސައްކަތް ކުރުމަށް ހުންނަ ކަންނެތް ކަމާއި ވަރުބަލިކަން ފިލުވައިދެ އެވެ. ރޯދަ ވީއްލުމާ ހަމަޔަށް މީހާ މުރާލިކޮށްދީ ނިދަން ބޭނުންވާ މިންވަރު މަދުކޮށްދެއެވެ.

އޭގެ އިތުރުން ސިއްހީ ގޮތުން ވެސް ގިނަ ފައިދާތަކެއް ލިބެ އެވެ. އެގޮތުން މީހާގެ ހަށިގަނޑުން ބޮޑީ ސެލްސްތައް މަދުވާ މިންވަރު މަދުކޮށްދެ އެވެ. އާންމުގޮތެއްގައި ޑައިބެޓީޒް މީހުން ރަނގަޅު ކެއުމުގެ އާދައެއް ނުގެންގުޅޭ ނަމަ އެ މީހުންގެ ހަށިގަނޑަށް އޭގެ ނުރަނގަޅު އަސަރުތައް ކުރެ އެވެ. ނަމަވެސް ހާރު ކެއުމުގެ ސަބަބުން މީހާގެ ހަށިގަނޑުގެ ހަކުރު އެއް މިނެއްގައި ހިފަހެއްޓުމަށް އެހީވެސް ވެދެ އެވެ.

ބައެއް މީހުންނަށް ގިނަ އިރު ނުކައި ހުރުމާއި ވަރުބަލިކަންމަތީގައި ހުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އަދި ބަލިވެސް އެހާމެ ބޮޑުވާ މައްސަލައެކެވެ. ނަމަވެސް ބައެއް ދިރާސާތަކުން ދަައްކާ ގޮތުގައި ހާރު ކެއުމަކީ ބޮލުގައި ރިހުމާއި އެފަދަ ކުދި އެހެން އުނދަގޫތަކުން ވެސް ދުރުކޮށްދޭ ކަމެކެވެ.

އެ ހުރިހާ ކަމަކަށް ވުރެ ބޮޑަށް ވިސްނާލަން ޖެހޭ އެހެން ކަމެއް އެބައޮތެވެ. އެއް މަސް އަޅުކަމުގައި ހޭދަ ކުރާ އިރު ހިފާ ރޯދަ ފުރިހަމަ ވަނީ ކިހާ މިންވަރަކަށްތޯ ވެސް ބަލައިލަން ޖެހެ އެވެ. ރޯދައާއެކު ކުރާ އެހެން ހެޔޮ އަމަލުތަކާ އެއްފަދައިން ހާރު ކެއުމަކީ ވެސް ސުންނަތްކަން ބޮޑުވެގެންވާ ކަމެކެވެ. ހާރު ކާލައިގެން ރޯދައަށް ހުންނަ މީހާއަށް އެ މީހާގެ ރޯދައިގެ ފުރިހަމަ ކަން އިތުރަށް އިހުސާސްވެސް ކުރެވޭނެ އެވެ. މުޅި މީހާގެ ދުވަސް ރަނގަޅަށް ގޮސް ތާޒާ ކަން އިހުސާސް ކުރެވޭނެ އެވެ. ރޯދަ ފުރިހަމަ ވާނީ ހާރު ކައިގެނެވެ. ބަނޑުހައި ނުވެއޭ ބުނެ ހާރު ނުކައި ހުރެގެން ވާނެ ވަކި މޮޅެއް ނޯންނާނެ އެވެ.