ހަބަރު

ޖެމްސް މައްސަލައިގެ އިސްތިއުނާފް މާދަމާ ފަށަަނީ

ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް މެދުކަނޑާލި މައްސަލާގައި އުއްތަމަ ފަނޑިޔާރަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތްތައް މާދަމާ ފެށުމަށް ހައި ކޯޓްގައި ތައާވަލްކޮށްފި އެވެ.

ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީތަކެއް ބަލައިނުގަތުމަށް ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރާ ނިޒާމް، ޖެމްސް ހުއްޓުވާލަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް ބުނެ އެމަނިކުފާނަށް ކުރިމިނަލް ކޯޓުން ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

ހައި ކޯޓުގައި އެމައްސަލައިގެ އަޑުއެހުން ތައާވަލް ކޮށްފައިވަނީ މާދަމާ ހެނދުނު 10:15 އަށެވެ.

މީގެ އިތުރުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވާ ކަމަށްބުނެ ކުރިމިނަލް ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވެއެވެ. އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައްވެސް މިހާރު ވަނީ ފަށާފަ އެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން ވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އާއި އެކެއް ފެބުރުއަރީގެ އަމުރު ނެރުނު މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ވެސް އުފުލާފައެވެ.