ހަބަރު

ސިއްރު ހެކިބަސް ނެގޭނެ: ސުޕްރީމް ކޯޓް

ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ސިއްރު ހެކިބަސް ނެގޭނެ ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މަގުސަދު ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި ކަމަށް ބުނެ އެވެ.

ސިއްރު ހެއްކާ ގުޅޭ ގޮތުން އާ ނިންމުމެއް އައީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިނިވަންކުރި ހުކުމްގަ އެވެ. އެ ނިންމުން އެހެން އައީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސިއްރު ހެއްކާ ގުޅޭ ގޮތުން ލިޔެފައި އޮތް ލިޔުމެއްގެ މައްޗަށް ބިނާކޮށެވެ.

އެ ގާނޫނުގެ 149 ވަނަ މާއްދާގައި ބުނާ ގޮތުގައި ހެކިބަސް ނަގަންވާނީ ޝަރީއަތުގެ މަޖިލީހަށް ހެކީން ހާޒިރު ކޮށްގެން ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވީ ނަމަވެސް، ހެއްކާބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި، އަދި އެ ގާނޫނުގައި ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މުސްކުޅި ހެއްކާބެހޭ ގާނޫނަށް ހަވާލާ ދީފައިވާއިރު ހެއްކާ ބެހޭ ގާނޫނުގައި އެ ބުނާ ސިއްރުން ހެކި ބަސް ނެގޭނެ ހާލަތްތަކެއް ނެތެވެ. އެހެންވެ، ހައިކޯޓުގެ ތިން ފަނޑިޔާރަކު އިއްތިފާގުން އިއްވާފައިވާ ހުކުމްގައި ބުނަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސިއްރުން ހެކި ބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ކަމަށް ބުނާއިރު އެ ގޮތްތައް އެ ގާނޫނުގައި ނެތުމަކީ އެ އިޖުރާއަތް ފުރިހަމަ ކުރެވިފައިވާ ކަމަށް ބެލެވެން ނެތް ހާލަތެކެ އެވެ.

ނަމަވެސް މިއީ ހަމަޖެހޭ ނިންމުމެއް ނޫން ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އެކަން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. މި މައްސަލާގައި މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ދީފައިވާ މާނަ ކުރުމަކީ އެ ގާނޫނުގެ މަގުސަދާއި އެހެނިހެން އުސޫލުތަކާއި ހިލާފަށް އަސާސީ ހައްގެއް ގެއްލިދާނެ ފަދަ ގާނޫނުގެ މަގުސަދު ވަރަށް ބޮޑަށް ހަނިވާގޮތަށް ދީފައިވާ މާނައެއް ކަމަށެވެ. އަދި ސިއްރު ހެކި ނުނެގޭނެ ކަމަށް ބަލާ ނަމަ އިންސާފުން ޝަރީއަތް ކުރެވުމުގެ ހައްގަށް ހުރަސް އެޅި، ހެކިވެރިންގެ ގާނޫނީ ހައްގުތަކަށް ހުރަސް އެޅިދާނެ ކަމަށްވެސް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވެ އެވެ. އެހެން ކަމުން ކޯޓުތަކަށް ހުށަހެޅޭ ޖިނާއީ މައްސަލަތަކުގައި ސިއްރުން ހެކިބަސް ނެގޭނެ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުން މީގެ 39 އަހަރު ކުރިން ފާށްކޮށް އަމަލު ކުރަމުންދާ ގާނޫނަކީ ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނީ ލިޔުމުގައި ލިޔެވިފައިވާ ކުށެއް ކަމަށް ކަނދައަޅަން ޖެހޭނެ ކަމަށެވެ. އަދި ބޭރުގެ އެހެނިހެން ކޯޓުތަކުންވެސް އެފަދަ ކުށްތައް ދެނެގަނެ، ގާނޫނު މާނަކޮށް އެކަންކަމަށް ހައްލު ހޯދައިދޭ ކަމަށްވެސް ބުނެފައިވެ އެވެ.

އެހުކުމުގައި ބުނެފައިވަނީ މިފަދަ މައްސަލަތަކަށް ކޯޓުތަކުން ވަގުތީ ހައްލެއް ލިބިދާނެ ކަމަށާއި އެގޮތުން ގާނޫނު ލިޔުމުގައި ހުންނަ ކުށްތައް އިސްލާހު ކުރުމުގެ މަހުފޫމްގެ ތެރެއިން ކުރިމަތިވެފައިވާ ގާނޫނީ ހުސްކަމަށް ގާނޫނު މާނަ ކުރުމުގެ ތެރެއިން ހައްލެއް ހޯދައިދެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ގާނޫނު އެކުލަވާލުމުގެ ތެރެއިން ހައްލެއް ހޯދިދާނެ ކަމަށެވެ.

މީގެ އިތުރުން ހެކިބަސް ދޭ މީހާ ހިމާޔަތާއި ރައްކާތެރިކަން ދީގެން ހެކިބަސް ނުނެގި ދިޔުމަކީ އަސާސީ ހައްގުތަކެއް ގެއްލިގެން ގޮސްދާނެ ކަމެއް ކަމަށާއި ދުނިޔޭގެ އެހެނިހެން ގައުމުތަކުގައިވެސް ސިއްރުން ހެކިބަސް ނަގާއިރު އަޑާއި ސިފަ ބަދަލުކޮށްގެން ކާކުކަން ނޭނގޭ ގޮތަކަށް ހެކިބަސް ނެގުމަށް ކޯޓަށް ހުށަހަޅައިފި ނަމަ އެކަމަށް ކޯޓުން ގޮތެއް ނިންމިދާނެ ކަމަށްވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.

މިގޮތަށް ހުކުމް ކޮށްފައިވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫންގެ އިއްތިފާގުންނެވެ.

ސިއްރުން ހެކި ބަސް ނަގަމުން ދިޔައީ މީގެކުރިން ވެސް އެގޮތަށް އަމަލުކުރަމުންދާ ކަމަށް ބުނެ ކުރީގެ ގަޒިއްޔާތަކުގެ ހަވާލުގަ އެވެ. އެގޮތުން ހައިކޯޓުން މީގެކުރިން ސިއްރު ހެކި ބަސް ނެގޭނެ ކަމަށް 2012 ވަނަ އަހަރު ނިންމުމެއް ނިންމާފައި އޮވެ އެވެ. އާންމުކޮށް އަމަލު ކުރާ އުސޫލަކީ އެ ހުކުމްގައި ކަނޑައަޅާފައިވާ އުސޫލެވެ.