ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނާ މައްސަލައާއި ގުޅިގެން އުފުލި އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި އެވެ.
ހައިކޯޓްގައި މާދަމާއަށް ތާވަލްކޮށްފައިވަނީ ހުކުމް އިއްވުމުގެ މަޖިލީސް ކަމަށް ބެލެވެއެވެ. ފޯނެއް ނުދިން ކަމަށް ބުނެ ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެން އަބްދުﷲ ސައީދުގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވުމުން އެ މައްސަލަ އަބްދުﷲ ސައީދުގެ ފަރާތުން ވަނީ އިސްތިއުނާފު ކޮށްފައެވެ.
އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ވަނީ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ވިދާޅުވެފައެވެ. ޖަނަވަރީ މަހުގެ 13 ވަަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތާ ގިނަ ސުވާލުތަކެއް ފަނޑިޔާރުން ކުރިމަތި ކުރެއްވިއެވެ. އެކަމާއި ގުޅިގެން ދައުލަތުން ފުރަތަމަ ނެގި ސްޓޭންޑް ބަދަލުވެ، ހުކުމް އިއްވުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ވަނީ އެއްބަސްވެފައެވެ.
އެހެން ކަމުން މާދަމާ ހައިކޯޓުން އެ މައްސަލައިގެ ހުކުމް އަންނަ ގޮތަކުން އަބްދުﷲ ސައީދު މިނިވަންވާނެ އެވެ.
އެ މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަޒީދެވެ.
އަބްދުﷲ ސައީދުގެ މައްޗަށް ކުރީ ސަރުކާރުގެ ދުވަސްވަރު ގިނަ ދައުވާތަކެއް އުފުލިއެވެ. އޭގެ ތެރެއިން ތިން ދައުވާއެއް ސާބިތުވާ ކަމަށް ކޯޓުން ހުކުމްކުރިއެވެ. އެއީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާއާއި، ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އުފުލި ދައުވާއެއްގެ އިތުރުން ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނެ އުފުލި އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.
ސައީދުގެ އާއިލީ ބޭފުޅަކު ވިދާޅުވީ ދެ ހުކުމެއްގެ މުއްދަތު ހަމަވެފައިވާއިރު، ކަރެކެޝަންގެ މުވައްޒަފުން އައިސް ފޯނުގެ މައްސަލައިގެ ހުކުމް ޑިސެންބަރު 12 ވަނަ ދުވަހު ތަންފީޒް ކުރަން ފެށިފައިވާ ކަން އަންގާފައިވާ ކަމަށެވެ. އަދި ސައީދު މިނިވަންވުމަށް އެއް އަހަރާއި ހަތްމަސް ބާކީ އެބައޮތްކަން އަންގާފައިވާ ކަމަށެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ހައްޔަރުކުރީ ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރަށްފަހު އެވެ. ސިޔާސީ އެތައް ލީޑަރުންނެއް މިނިވަންކުރުމަށް އަންގާ ނެރެފައިވާ އެ އަމުރު ތަންފީޒުކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ. އަދި ސިފައިން މެދުވެރިކޮށް ސުޕްރީމްކޯޓްގެ ތެރެއަށް ވަދެ އަބްދުﷲ ސައީދާ، ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ޖަލުގައި ވަނީ ބަންދުކޮށްފައެވެ.
އޭގެ ފަހުން ދައުވާތައް އުފުލާ، އެ ދައުވާތައް ސާބިތުވުމުން އެ ދެ ބޭފުޅުންގެ މަގާމު ވަނީ ގެއްލިއެވެ. ރައީސް ޔާމީން، ރިޔާސީ އިންތިޚާބުން ބަލިވުމާއި ހަމައަށް ދެ ފަނޑިޔާރުންވެސް ތިއްބެވީ ޖަލުގައެވެ. އޭގެ ފަހުން އެ ބޭފުޅުން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭގައެވެ. އަލީ ހަމީދު ވަނީ މީގެ ދުވަސްކޮޅެއް ކުރިން މިނިވަންވެފައެވެ.