ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިނިވަން ނުކުރަންވީ ސަބަބަކީ ކޮބައިތޯ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ސުވާލު ކުރައްވައިފި އެވެ.
މޫސާ މަނިކު މި ސުވާލު ކުރެއްވީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިނިވަންވުމަށް އަދިވެސް އަހަރާއި ހަތް މަސްދުވަސް އެބައޮތް ކަމަށް ކަރެކްޝަނަލް ސާވިސްއިން އިއްޔެ އެމަނިކުފާނަށް އެންގުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނާ މައްސަލައާއި ގުޅިގެން އުފުލި އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ހުކުމް، އިއްޔެ ތަންފީޒު ކުރަން ފަށާފައިވާކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އެމަނިކުފާނަށް އަންގާފައެވެ. އަބްދުﷲ ސައީދުގެ މައްޗަށް ކުރީ ސަރުކާރުގެ ދުވަސްވަރު ގިނަ ދައުވާތަކެއް އުފުލިއެވެ. އޭގެ ތެރެއިން ތިން ދައުވާއެއް ސާބިތުވާ ކަމަށް ކޯޓުން ހުކުމްކުރިއެވެ. އެއީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާއާއި، ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އުފުލި ދައުވާއެއްގެ އިތުރުން ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނެ އުފުލި އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.
ސައީދުގެ އާއިލީ ބޭފުޅަކު ވިދާޅުވީ ދެ ހުކުމެއްގެ މުއްދަތު ހަމަވެފައިވާއިރު، ކަރެކެޝަންގެ މުވައްޒަފުން އައިސް ފޯނުގެ މައްސަލައިގެ ހުކުމް މިއަދު ފެށިފައިވާ ކަން އަންގާފައިވާ ކަމަށެވެ. އަދި ސައީދު މިނިވަންވުމަށް އެއް އަހަރާއި ހަތްމަސް ބާކީ އެބައޮތްކަން އަންގާފައިވާ ކަމަށެވެ.
"އަބްދުﷲ ސައީދުގެ މައްޗަށް އިއްވި ހުކުމުގެ މުއްދަތު މިއަދު ހަމަވުމާއެކު ކަރެކްޝަނުގެ މުވައްޒަފުން އައިސް ފޯނުގެ މައްސަލައިގެ ހުކުމް ފެށުނީ ކަމާއި އަދި އެއްއަހަރާއި ހަތްމަސް ބާކީ އެބައޮތްކަން އަންގާފައި ހިނގައްޖެ. އަދުލުއިންސާފު މެކުހަށް." ސައީދުގެ އާއިލީ ބޭފުޅަކު ވިދާޅުވިއެވެ.
މޫސާ މަނިކު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު އޮތް ދުވަސްވަރު އޭރު ކޯޓްތަކުން އިއްވި ހުކުމްތަކަކީ ގޯސް ހުކުމްތަކެއް ކަމަށް ވެގެން އެތައް ބަޔަކު މިހާރު މިނިވަންވެފައިވާ ކަމަށެވެ. އެހެން ކަމަށްވީއިރު ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިނިވަން ނުކުރަންވީ ސަބަބަކީ ކޮބައިތޯ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.
އެއްއިރެއްގައި ކުރެވި ދިޔަ ހުކުމްތަކަކީ ގޯސް ހުކުމް ތަކެއް ކަމުގާވެގެން ދައުލަތުގެ އިއްޒަތްތެރިންތައް މިނިވަންވެފައި ވާއިރު ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިނިވަން ނުކުރާންވީ ސަބަބަކީ ކޮބާ. އަނިޔާއަކަށްވަނީ ވަކި ބަޔަކު ބަންދުގައި ތިީބީމަތޯ.ރީކޯ މޫސާ މަނިކު | މަޖިލީހުގެ ކުރީގެ ނާއިބް ރައީސް
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނާ މައްސަލައާއި ގުޅިގެން އުފުލި އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ހުކުމް، އިއްޔެ ތަންފީޒު ކުރަން ފަށާފައިވާކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އަންގާފައިވާއިރު މި ހުކުމް އިއްވި އެހެން ބޭފުޅުންގެ ހުކުމްތައް މަތީ ކޯޓްތަކުން ވަނީ ބާތިލްކޮށްފައެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ހައްޔަރުކުރީ ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރަށްފަހު އެވެ. ސިޔާސީ އެތައް ލީޑަރުންނެއް މިނިވަންކުރުމަށް އަންގާ ނެރެފައިވާ އެ އަމުރު ތަންފީޒުކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ. އަދި ސިފައިން މެދުވެރިކޮށް ސުޕްރީމްކޯޓްގެ ތެރެއަށް ވަދެ އަބްދުﷲ ސައީދާ، ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ޖަލުގައި ވަނީ ބަންދުކޮށްފައެވެ.
އޭގެ ފަހުން ދައުވާތައް އުފުލާ، އެ ދައުވާތައް ސާބިތުވުމުން އެ ދެ ބޭފުޅުންގެ މަގާމު ވަނީ ގެއްލިއެވެ. ރައީސް ޔާމީން، ރިޔާސީ އިންތިޚާބުން ބަލިވުމާއި ހަމައަށް ދެ ފަނޑިޔާރުންވެސް ތިއްބެވީ ޖަލުގައެވެ. އޭގެ ފަހުން އެ ބޭފުޅުން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭގައެވެ. އަލީ ހަމީދު ވަނީ މީގެ ދުވަސްކޮޅެއް ކުރިން މިނިވަންވެފައެވެ.