ހަބަރު

ސުޕްރީމް ކޯޓުގެ ޖެމްސް ކަނޑާލުމަކީ ކުށެއް ކަމަށް އެއްވެސް ގާނޫނަކު ނެތް: ވަކީލް

ސުޕްރީމް ކޯޓުގައި ގާއިމްކޮށްފައިވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް މެދުކަނޑާލުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށް އެއްވެސް ގާނޫނެއްގައި ބަޔާންކޮށްފައިނުވާ ކަމަށާއި އެކުށް އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދުގެ މައްޗައް ސާބިތު ކުރެވޭނެ އެއްވެސް އަސާސެއްނެތް ކަމަށް އެ މަނިކުފާނުގެ ވަކީލުން ހައި ކޯޓުގައިި މިއަދު ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީތަކެއް ބަލައިނުގަތުމަށް ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރާ ނިޒާމް، ފެބްރުއަރީ މަހުގެ ހަތަރެއް އަދި ފަސް ވަނަ ދުވަހު ޖެމްސް ހުއްޓުވާލަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް ބުނެ އެމަނިކުފާނަށް ކުރިމިނަލް ކޯޓުން ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. މިއަދު އޮތީ އެމައްސަލައިގެ އިސްތިއުނާފް ޝަރީއަތެވެ. މިއަދުގެ ޝަރީއަތުގައި އުއްތަމަ ފަނޑިޔާރުގެ ވަކީލުންގެ ފަރާތުން 13 ކަމެއް ވަނީ ހުށަހަޅާފަ އެވެ.

އުއްތަމަ ފަނޑިޔާރުގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ނުކުތާތަކުގެ ތަފްސީލް ޝަރީއަތުގެ މަޖިލީހަށް ހުށަހަޅުއްވަމުން ވިދާޅުވީ، ދައުލަތުން ދަށު ކޯޓަށް ހުށަހެޅި ރައީސް އޮފީހުގެ ލިޔުމުން އިނގޭ ކަމަކީ ޖެމްސް އަކީ ސަރުކާރުގެ އިދާރާތަކުން ލިޔެކިޔުންތައް ބަދަލު ކުރުމަށް ގާއިމްކޮށްފައިވާ ސިސްޓަމެއް ކަމަށާއި ސުޕްރީމް ކޯޓަކީ ސަރުކާރުގެ އިދާރާއެއް ނޫން ކަމަށެވެ. އަދި ފެބްރުއަރީ ހަތަރެއް އަދި ފަސްވަނަ ދުވަހު ސުޕްރީމް ކޯޓުގެ ކައުންޓަރު ހުރީ ހުޅުވާފައި ކަމަށެވެ. އަދި ޖެމްސް ކަނޑާލުމަކީ ލިޔެކިޔުންތައް ފޮނުވުމަށް ހުރަހަކަށް ވެގެން ނުވާނެ ކަމަށާއި އެއީ އެ ދެ ދުވަހު ސުޕްރީމް ކޯޓުގެ ކައުންޓަރުން ލިޔެކިޔުންތައް ބަލައިގަނެވޭ ކަން ހެކީންގެ ހެކިބަހުން ސާބިތުވާ ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ.

ނޫރުއްސަލާމް ވިދާޅުވީ، މި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަކީ އިސްލާމީ ޝަރީއަތްތަކާއި ގާނޫނާ ހިލާފަށް ހުށަހަޅާފައިވާ ހެކިތަކެއް ކަމަށެވެ. ސަބަބުތައް ގޮތުގައި ނޫރުއްސަލާމް ވިދާޅުވީ، މި މައްސަލާގައި ހެކިބަސްދިން ހެކިވެރިޔާ އެކެއް ވަނީ ޖެމްސްގެ ވާގަނޑު ކަނޑާލި ކަމަށް ޝަރީއަތުގައި އެއްބަސްވެފައި ކަމަށާއި ނަމަވެސް އެކަން ކުރި ފަރާތައް ދައުވާ ނުކުރާ ކަމަށެވެ. އަދި އެމައްސަލާގައި ޖެމްސްގެ ހިދުމަތް މެދު ކަނޑާލަން ހެކިވެރިޔާ ދޭއް އައިޓީ މީހަކަށް އެންގި ކަމަށާއި ނަމަވެސް އެފަރާތައްވެސް ދައުވާ ނުކުރާ ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ.

ގާނޫނުލް އުގޫބާތުގެ ދަށުން މައްސަލަ ސާބިތުވާ ވަރަށް ހެކިބަސްނެތި މައްސަލަ ނިންމާފައިވާ ކަމަށް ފާހަގަ ކުރައްވައި ނޫރުއްސަލާމް ވިދާޅުވީ، ދައުލަތުން ހުށަހަޅާފައިވާ ހެކިބަހުން ދައުލަތުގެ އެއްވެސް އިދާރާއަކުން ސުޕްރީމް ކޯޓަށް އެއްވެސް ލިޔުމެއް ފޮނުވަން އުޅުނުކަމެއް ނުވަތަ ފޮނުވަން އުޅުނީ ކޮން ލިޔުމެއްކަމެއް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށާއި އެކަން ސާބިތުކޮށްދީފައިވެސްނުވާ ކަމަށެވެ.

ނޫރުއްސަލާމް ވިދާޅުވީ، ޖެމްސް ކަނޑާލުމަށް އެންގީ ކަމަށް ހެކިބަސް ދިނީ އެންމެ ފަރާތަކުން ކަމަށާއި އެންމެ ހެއްކެއްގެ ހެކިބަހަށް ޝަރީއަތް ނިންމުމަކީ ގާނޫނާ ހިލާފް ކަމެއް ކަމަށެވެ. އަދި މި މައްސަލާގައި ދިފާއުން ހުށަހަށާފައިވާ އެއްވެސް ހެކިވެރިއެއް ކޯޓަށް ހާޒިރުކޮށް ހެކިބަސް ނަގާފައިނުވާ ކަމަށާއި ދިފާއީ ހެކީންނާއި ސުވާލު ކުރުމަށް ފުރުސަތުނުދީ މައްސަލަ ނިންމާފައިވާ ކަމަށްވެސް ނޫރުއްސަލާމް ވިދާޅުވި އެވެ.

ނޫރުއްސަލާމް ވިދާޅުވީ، އުއްތަމަ ފަނޑިޔާރުގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ނުކުތާތަކުގެ ތަފްސީލް ޝަރީއަތުގެ މަޖިލީހަށް ހުށަހަޅުއްވަމުން ވިދާޅުވީ، އުއްތަމަ ފަނޑިޔާރުގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ފަނޑިޔާރުންގެ ގާނޫނާ ހިލާފަށް ކަމަށާއި ޝަރީއަތް ގެންގޮސްފައިވަނީ ގާނޫނާ ހިލާފަށް ކޮށްފައިވާ ބަންދެއްގެ ދަށުން ކަމަށެވެ. އަދި މައްސަލަ ބައްލަވާ ގާޒީ ބަދަލުވެފައިވާތީވެ އެކަން ޝަރީއަތް ނިމިގެން ދިޔަ އިރުވެސް އަންގާފައިނުވާ ކަންވެސް ނޫރުއްސަލާމް ފާހަގަ ކޮށްފައި ވެއެވެ.

ނޫރުއްސަލާމް ވިދާޅުވީ، މައްސަލާގައި ހުށަހެޅުނު ބައެއް ލިޔެކިޔުންތައް ސިއްރުކޮށްގެން ޝަރީއަތް ކުރިއަށްގެންގޮސްފައިވާ ކަމަށާއި ނަމަވެސް އެ ލިޔެކިޔުން ތަކަކީ ކޯޓުން ސިއްރު ކުރުމަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، ތިން ފަރާތެއްގެ ހެކިބަސް ނަގާފައިވަނީ ކޯޓަށް ހާޒިރު ނުކޮށް ކަމަށާއި އެކަން ކޮށްފައިވަނީ ޖިނާއީ އިޖްރާއަތުގެ ގާނޫނާއި ހެއްކާބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ.

ޖެމްސް ކަނޑާލި ވަގުތުތައް ހާމަ ނުކުރާކަމަށް ވިދާޅުވެ ނޫރުއްސަލާމް ވިދާޅުވީ، ޖެމްސް ކަނޑާލި ވަގުތުތައް ހެކީންގެ ހެކިބަހުން އިނގިގެންދާނެ ކަމަށާއި ނަމަވެސް އެކަން ސާބިތު ކުރުމަށް އެއްވެސް ހެއްކެއް ނުވަތަ ޝަރީއަތުގައި ހެކިބަސް ދިން ހެއްކިވެރިއެއްގެ ހެކިބަހުން އެކަން ސާބިތުކޮށްދީފައިނުވާ ކަމަށެވެ. އަދި މި މައްސަލައަކީ ގާނޫނުލް އުގޫބާތުގެ ދަށުން ހިންގާފައިވާ ޝަރީއަތެއް ކަމަށާއި ދައުވާ ބާތިލްވާނެ ކަމަށެވެ. ނުވަތަ އަދަބު ލުއި ކުރަން ޖެހޭނެ ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ.

މީގެ އިތުރުން ނޫރުއްސަލާމް ވަނީ ޕީޖީގެ ފަރާތުން ހުށަހެޅި ދައުވާ ފޯމްގައި ސޮއިކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ ހުއްދަ ދެއްވާފައިވާ ބޭފުޅެއް ކަން އެނގެން ނެތް ކަމަށް ވިދާޅުވެފަ އެވެ. މިއަދުގެ ޝަރީއަތުގައި އެކަންތައްތައް ފާހަގަކުރައްވައި ވަކީލް ނޫރުއްސަލާމް އެދިވަޑއިގަތީ ދަށު ކޯޓުން އިއްވާފައިވާ ހުކުމް ބާތިލް ކޮށްދިނުމަށެވެ.

މިއަދުގެ ޝަރީއަތުގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ޖަވާބްފޯމް ފަނޑިޔާރުންނަށް ލިބިފައިނުވާތީވެ، ޖަވާބް ފޯމް އަލުން ހުށަހަޅައި އިތުރު ދުވަހަކަށް މައްސަލަ ޝެޑިއުލް ކުރާނެކަމަށް ވިދާޅުވެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ މިއަދުގެ ޝަރީއަތް ނިންމާލައްވާފަ އެވެ.

މީގެ އިތުރުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވާ ކަމަށްބުނެ ކުރިމިނަލް ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވެއެވެ. އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައްވެސް މިހާރު ވަނީ ފަށާފަ އެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން ވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އާއި އެކެއް ފެބުރުއަރީގެ އަމުރު ނެރުނު މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ވެސް އުފުލާފައެވެ.