ތަހުގީގަށް ފޯނު ނުދިން މައްސަލާގައި ދާދިފަހުން ފަނޑިޔާރު ކަމުގެ މަގާމު ގެއްލުނު ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅައިފި އެވެ. އެ މައްސަލާގައި އިއްވާފައިވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އެ ދެ ބޭފުޅުންގެ ދީނީ އަދި ގާނޫނީ ހުއްދަތައް ވެސް ވަނީ ބާތިލުކޮށްފަ އެވެ.
މި މައްސަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައްޗަށް ވެސް ހުކުމް އިއްވި އެވެ. ނަމަވެސް އެ ހުކުމް ރައީސް މައުމޫންގެ ފަރާތްޕުޅުން އަދި އިސްތިއުނާފު ކުރެއްވިކަން އެނގިފައެއް ނުވެ އެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މަގާމު ގެއްލިފައިވަނީ ދަށު ކޯޓުން ދެ ފަނޑިޔާރުންގެ މައްޗަށް އިއްވާފައިވާ ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމުމާ ގުޅިގެންނެވެ. އެންމެފަހުން ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ފަނޑިޔާރަކަށް ކޮށްފައިވާ ހުކުމަކާ ގުޅިގެން ސުޕްރީމް ކޯޓުން އެ ފަނޑިޔާރަކު ކުށްވެރިވާ ކަމަށް ކަނޑައަޅާ ހިސާބުން ފަނޑިޔާރުކަން އޮޓަމެޓިކުން ގެއްލޭނެ އެވެ.
ނަމަވެސް އެ ދެ ބޭފުޅުންގެ ވަކީލުން ވިދާޅުވަނީ މަގާމު ނުގެއްލޭ ކަމަށެވެ. ވަކީލުން ވިދާޅުވެފައިވަނީ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާ ހާލަތްތަކުގައި އޭނާގެ ފަނޑިޔާރުކަން ގެއްލޭނީ ނިހާއީ ހުކުމަކަށް ވާސިލުވާ ހިސާބުކަން ފަނޑިޔާރުންގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުން އެނގެން އޮންނަ ކަމަށާއި އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްސަލާގައި ނިންމެވި ނިންމުމަކީ ސުޕްރީމް ކޯޓުގެ ގަޟާއީ ނިންމުމަކަށް ނުވާނެ ކަމަށެވެ.
އަބްދުﷲ ސައީދުގެ މައްޗަށް މިހާތަނަށް ތިން ކުށެއް ސާބިތުވެފައިވާއިރު އަލީ ހަމީދުގެ މައްޗަށް ސާބިތުވެފައިވަނީ ދެ ކުށެކެވެ. ދެ ބޭފުޅުންގެ އިތުރު މައްސަލަތަކެއް މިހާރު ވެސް ކުރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.