އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އިއްވި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލާގެ ހުކުމް އިއްވުމުގެ އަޑުއެހުން އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފި އެވެ. އެ ހުކުމް ދެ ފަނޑިޔާރުންގެ މައްޗަށް އިއްވާފައިވަނީ ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަން ސާބިތުވުމުންނެވެ.
ހުކުމް އިއްވުމުގެ އަޑުއެހުން އާދިއްތަ ދުވަހަށް ތާވަލުކުރިއިރު މައްސަލާގައި ތިން އަޑުއެހުމެއް ބޭއްވި އެވެ. އަޑުއެހުންތައް ކުރިއަށް ގެންދިޔައީ ދެ ފަނޑިޔާރުންގެ ވަކިވަކިންނެވެ. އެއް ހަފުތާއެއްގެ ތެރޭގައި ތިން އަޑުއެހުން ކުރިއަށް ގެންދިޔައިރު ފުރަތަމަ ދެ އަޑުއެހުމުގައި ފަނޑިޔާރުންގެ ފަރާތުން ވަނީ އިސްތިއުނާފީ ނުކުތާތައް ތަފްސީލްކޮށްދެއްވާފަ އެވެ. އެއަށްފަހު ދެވަނަ އަޑުއެހުމުގައި ދައުލަތުން ޖަވާބު ދިނެވެ.
ތިންވަނަ އަޑުއެހުމުގައި ދެ ފަރާތުގެ ވާހަކަތަކާ ގުޅޭ ގޮތުން ރައްދުދީ ބަހުސްކޮށްފައިވެ އެވެ.
އިސްތިއުނާފު މައްސަލަ ބައްލަވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ ރިޔާސަތުގައި އިންނަވާ ބެންޗަކުންނެވެ. ބެންޗްގައި ދެން ތިއްބަވަނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަލީ ސަމީރެވެ. އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މައްސަލާގެ ހުކުމް އިއްވުން ކަމަށް އެންމެފަހުގެ އަޑުއެހުންތައް ނިންމަވާލައްވަމުން ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހާ ގުޅިގެން 10 ދުވަސް ތެރޭގައި ފަނޑިޔާރުންނަށް އިއްވާ ހުކުމްރައް ހައިކޯޓުގައި އިސްތިއުނާފު ކުރައްވަންޖެހޭނެ އެވެ. ހައިކޯޓުން އެ މައްސަލަ 30 ދުވަސް ތެރޭގައި ނިންމަން ޖެހޭނެ އެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ބޭނުންވާނަމަ އެކަމަށް ވެސް ލިބެނީ 10 ދުވަހެވެ. ސުޕްރީމް ކޯޓުން ވެސް 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލާ ނިންމަންޖެހޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި ބުނެ އެވެ.
ސުޕްރީމް ކޯޓުން ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފިނަމަ ދެ ބޭފުޅުންގެ ފަނޑިޔާރުކަން ވެސް އޮޓަމެޓިކުން ގެއްލޭނެ އެވެ.