ދަށު ކޯޓުތަކުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އިއްވާފައިވާ ހުކުމް ދަމަހައްޓަން ހައިކޯޓުން ދާދިދެންމެއަކު ހުކުމްކޮށްފި އެވެ. ކުށް ސާބިތުވާ ކަމަށް ކަނޑައެޅި ނަމަވެސް ކުރިމިނަލް ކޯޓުން އެ ބޭފުޅުންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ މުއްދަތު ވަނީ ކުޑަކޮށްފަ އެވެ.
ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ސާބިތުވެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި އޮތީ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ދެ ފަނޑިޔާރުން ޖަލަށް ލުމަށެވެ. އެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ ނުވަ މަހާއި 18 ދުވަހެވެ. ކުރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ޝަހީދު ހުކުމް ކުރެއްވީ ކުށުގެ އަދަބު ހަތަރު ދަރަޖަ މަތިކުރަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް، ހައިކޯޓުން މިއަދު ކުރި ހުކުމުގައި، ޖަލު އަދަބު ލުއިކޮށްފައި ވަނީ، އެއް އަހަރާއި ދެ މަހާއި 12 ދުވަހަށެވެ. ހައިކޯޓުން ނިންމީ އަދަބު މަތިކުރަން ޖެހެނީ ދެ ދަރަޖަ ކަމަށެވެ. އެއީ ގާނޫނުލް އުގޫބާތުގެ 1102 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަންވަރާއި ދެވަނަ ނަންބަރަށް ރިޔާއަތްކުރުމަށްފަހު އެވެ.
ހައިކޯޓުން ދެ ފަނޑިޔާރުންނަށް ކޮށްފައިވާ އަދަބު ލުއިކޮށްފައިވަނީ އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ކުރިމިނަލް ކޯޓުން ފުރުސަތު ނުދޭ ކަމަށް ވިދާޅުވެ ދެ ފަނޑިޔާރުންގެ ވަކީލުން ފާހަގަކުރެއްވި ނުކުތާއަށް ރިޔާއަތްކޮށެވެ. އެ ނުކުތާ ނެގުމުން ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލު ވެސް ވަނީ އެކަން ފާހަގަކުރައްވާފަ އެވެ. އަދި ކުރިމިނަލް ކޯޓުން ކޮށްފައިވާ އަދަބު ބޮޑު ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އެ ވަކީލް ވަނީ ވިދާޅުވެފަ އެވެ. ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް އެ ދުވަހުގެ އަޑުއެހުމުގައި ވިދާޅުވީ، ގަބޫލުކުރާ ގޮތުގައި ދެ ފަނޑިޔާރުންގެ މައްޗަށް އަދަބު މަތިކުރަން ޖެހޭނީ ތިން ދަރަޖަ އެވެ. އެވަރަށް އަދަބު މަތިކުރުމުން އަންނާނީ އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
މިއަދު ހައިކޯޓުން އިއްވި ހުކުމުގައި ބުނީ، އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ވަކި އަޑުއެހުމެއް ބާއްވަން ޖެހޭ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނު ލާޒިމް ނުކުރާ ކަމަށާއި ނަމަވެސް އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. މައްސަލާގެ އިބްތިދާއީ އަޑުއެހުމުގައި ދައުވާ އިއްވުމަށްފަހު އެ ދައުވާ ސާބިތުވެއްޖެނަމަ އަންނާނެ އަދަބު ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ސާފުކޮށްދީފައިވާކަން އެނގެން އޮންނަ ކަމަށާއި ދައުވާއަށް ޖަވާބުދާރީވަމުން އެކަމާ ގުޅޭ ގޮތުން ދިފާއުއަށް ވާހަކަ ދެއްކުމަށް ފުރުސަތު ވެސް އޮތް ކަމަށެވެ. ނަމަވެސް އެ ފުރުސަތުގެ ބޭނުން ހިފާފައިނުވާ ކަމަށެވެ. ނަމަވެސް ފުރުސަތު ނުލިބޭ ކަމަށް ދިފާއުގައި ބުނާތީ، ހައިކޯޓުން އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ދީފައިވާނެކަން ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ. ހައިކޯޓުން މިހެން ބުނިއިރު އާންމު ގޮތެއްގައި ކުރިމިނަލް ކޯޓުން އަމަލުކުރާ ގޮތަކީ މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށްފަހު ހުކުމް އިއްވުމުގެ ކުރިން އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ދެ ފަރާތަށް ވެސް ފުރުސަތު ދިނުމެވެ.
ހައިކޯޓުން މިގޮތަށް ހުކުމްކުރީ ދަށު ކޯޓުގެ ހުކުމް ދެ ފަނޑިޔާރުން އިސްތިއުނާފުކުރުމުންނެވެ. އިސްތިއުނާފު މައްސަލަ ބެއްލެވީ ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ ރިޔާސަތުގައި އިންނަވާ ބެންޗަކުންނެވެ. ބެންޗްގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަލީ ސަމީރެވެ. ހުކުމް އިއްވެވީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ކުރިމިނަލް ކޯޓުގެ ހުކުމް އިސްތިއުފާނުކޮށް ދެ ފަނޑިޔާރުންގެ ފަރާތްޕުޅުން 15 ނުކުތާއެއް ފާހަގަކުރެއްވި އެވެ. އެ ނުކުތާތަކަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ޝަރީއަތުގައި ރައްދުދީފައިވާއިރު ހައިކޯޓުގެ ހުކުމުގައި ބުރަވެފައިވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ފާހަގަކުރި ކަންކަމަށެވެ.
މައްސަލާގައި ހެކި ބަސް ދިން ދެ ގާޒީންގެ އަދުލުވެރިކަމާމެދު ސުވާލު އުފައްދާފައިވާތީ ހައިކޯޓުގެ ހުކުމްގައި ބުނީ، އެ ދެ ހެކިވެރިންނަކީ އަދުލުވެރި ހެއްކެއް ނޫން ކަމަށް ބަލާނެ ޖާގައެއް ނެތް ކަމަށެވެ. އަދުލުވެރި ހެއްކެއް ނޫން ކަމަށް ބެލޭނެ ހަމައަކީ ހުރިހާ އިލްމްވެރިން ވެސް އެއްބަސްވާ ގޮތުގައި އެމީހެއްގެ މައްޗަށް ބޮޑު ކުށެއް ސާބިތުވެފަ އޮތްނަމަ ކަމަށާއި ހެކި ބަސް ދިން ދެ ގާޒީންނަކީ ވެސް އެމީހުން ކޮށްފައިވާ ހުވާއާ ހިލާފުވެފައިވާ ދެ ގާޒީންނަށް ނުވާއިރު ޖިނާއީ ކުށެއް ވެސް ސާބިތުވެފައިނުވާ ކަމަށް ހުކުމުގައިވެ އެވެ.
އަދި ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ވެސް އެ ދެ ގާޒީންގެ އަދުލުވެރިކަން ނެތް ކަމަށް އަދި ޖިނާއީ މަސްއޫލިއްޔަތެއް އުފުލަންޖެހޭ ކަމަށް ކަނޑައަޅާފައިނުވާ ކަމަށާއި އެގޮތަށް ކަނޑައެޅޭނެ އަސާސެއް ވެސް ހުކުމްގައި ނެތް ކަމަށް ހައިކޯޓުގެ މިއަދުގެ ހުކުމްގައިވެ އެވެ.
މައްސަލާގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ސާބިތުކުރަން ޖެހޭނީ ނުފޫޒު ފޯރުވައިގެން ކަންތައްތަކެއް ކުރިކަން ނޫން ކަމަށާއި ރަސްމީ ހައިސިއްޔަތުން ދައުލަތުގެ މުވައްޒަފަކު ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމަށް މުއާސަލާތްކުރިކަން ކަމަށާއި ހެކި ބަސް ދިން ދެ ހެކިންގެ ހެކި ބަހުން ދެ ފަނޑިޔާރުން ވެސް ނުފޫޒު ފޯރުވުމަށް މުއާސަލާތްކޮށްފައިވާކަން ސާބިތުވާ ކަމަށެވެ. މުވައްޒަފަކަށް ސީދާ ނުވަތަ ނުސީދާ ގޮތަކަށް ވެސް މުއާސަލާތް ކޮށްފައިވާނަމަ ކުށުގެ ރުކުން ފުރިހަމަވާ ކަމަށެވެ. އަދި، ސީދާ މުއާސަލާތް ކުރި ފަރާތްތަކުން ހެކި ބަސް ދިނުމަށްފަހު އިތުރު ހެކިތަކެއް ހާޒިރުނުކުރުމަކީ އެއީ ނުހިނގާ ހާދިސާއެއް ކަމަށް ބެލޭނެ ޖާގައެއް އޮތް ކަމެއް ނޫން ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ބުންޏެވެ.
މި މައްސަަލައަކީ ކުރިމިނަލް ކޯޓަށް ބެލުމުގެ އިހްތިސޯސް ނެތް މައްސަލައެއް ކަމަށް ބުނާތީ އެކަމަށް ރިޔާއަތްކޮށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، މައްސަލަ ބެލުމަށް ކޯޓުގެ އިހްތިސޯސް ނޯންނާނެ ސަބަބެއް ނެތް ކަމަށެވެ. އަދި މައްސަލަ ބެއްލެވި ގާޒީ މައްސަލައިން ތަނާޒަލްވާން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ. އެ ގާޒީ ނެރުއްވި އަމުރުތަކެއް މައްސަލާގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހުށަހަޅާފައިވީ ނަމަވެސް މައްސަލައިން ތަނާޒަލްވާން ޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ގާޒީއަކު މައްސަލައިން ތަނާޒަލްވާން ޖެހޭނީ ގާނޫނީ ހުރަހެއް އޮތް ކަމަށްވާނަމަ ކަމަށާއި މި މައްސަލާގައި މައްސަލަ ބެއްލެވި ގާޒީގެ މަސްލަހަތެއް ނެތް ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވަނީ ބަޔާންކޮށްފަ އެވެ.
ވަކީލުންނާ ނުލާ އަޑުއެހުމެއް ކުރިއަށް ގެންދިޔަ މައްސަލަ އާއި ދިފާއީ ހެކި ހުށަހަޅަން ފުރުސަތު ނުލިބުން މައްސަލާގައި ވެސް ހުކުމްގައި ބުރަވެފައިވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ ވާހަކަތަކަށެވެ. އެގޮތުން ވަކީލުން އައްޔަންކުރަން ދެ ފަނޑިޔާރުންނަށް ވެސް ފުރުސަތު ދިންކަން އެނގެން އޮންނަމަ ކަމަށާއި މައްސަލާގައި ކުރިއަށް ދިޔައީ ވެސް އިހްތިޔާރު ކުރެއްވި ވަކީލުންނާއެކު ކަމަށެވެ. އެއް އަޑުއެހުމަށް ވަކީލުން ހާޒިރުނުވީ އެ އަޑުއެހުން އޮންނާނެ ކުރީގެ އަޑުއެހުމުގައި އިއުލާންކޮށްފައިވަނިކޮށް ކަމަށާއި ވަކީލުން ހާޒިރުކުރުމަށް ކޯޓުން މަސައްކަތް ކުރިކަން ވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ. ދިފާއީ ހެކި ހުށަހަޅަން ވެސް ދެ ފަނޑިޔާރުންނަށް ފުރުސަތު ދިންކަން އެނގެން އޮންނަކަން ވެސް ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ގާނޫނު އަސާސީއިން ލިބިދޭ ހައްގުތަކުން މަހުރޫމްކޮށްގެން ނޫން ކަމަށް ހައިކޯޓުން ކަނޑައެޅި އެވެ.
އޭގެއިތުރުން މައްސަލާގެ ޝަރީއަތް ފެށީ އިބްތިދާއީ އަޑުއެހުންތައް ނިންމާލިތާ 30 ދުވަސް ނުވަނީސް ކަމަށް ފާހަގަކުރާ ނުކުތާއާ ގުޅިގެން ހުކުމްގައި ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮތް ގޮތުން 30 ދުވަސް ދެ ގޮތަކަށް ގުނޭނެ ކަމަށެވެ. އެއް ގޮތަކީ އިބްތިދާއީ އަޑުއެހުންތައް ނިންމާލައި 30 ދުވަސް ގުނުން ކަމަށާއި އަނެއް ގޮތަކީ މައްސަލާގައި ލިޔުންތައް ލިބޭތާ 30 ދުވަސް ތެރޭގައި ޝަރީއަތް ފެށުން ކަމަށެެވެ. މި މައްސަލާގައި ޝަރީއަތް ފަށާފައިވަނީ ލިޔުންތައް ލިބުނުތާ 30 ދުވަސް ފަހުންކަން ފާހަގަކުރި އެވެ. އެހެންވެ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ނުލިބޭ ކަމަށް ބެލެވެން ނެތް ކަމަށް ހުކުމްގައިވެ އެވެ.
ކުރިމިނަލް ކޯޓުގައި ދެ ފަނޑިޔާރުންގެ މައްސަލަ އެއްކޮށް ކުރިއަށް ގެންދިޔައިރު ހައިކޯޓުން އަޑުއެހުންތައް ކުރިއަށް ގެންދިޔައީ ވަކިވަކިންނެވެ. ހުކުމް އިއްވުމުގެ މަޖިލިސް ބޭއްވީ ދެ ފަނޑިޔާރުންނަށް ވަކިންނެވެ. ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމަށް ދެ ފަނޑިޔާރުންނަށް 10 ދުވަސް ލިބޭނެ އެވެ.
ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހާ ގުޅިގެން 10 ދުވަސް ތެރޭގައި ފަނޑިޔާރުންނަށް އިއްވާ ހުކުމްރައް ހައިކޯޓުގައި އިސްތިއުނާފު ކުރައްވަންޖެހޭނެ އެވެ. ހައިކޯޓުން އެ މައްސަލަ 30 ދުވަސް ތެރޭގައި ނިންމަން ޖެހޭނެ އެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ބޭނުންވާނަމަ އެކަމަށް ވެސް ލިބެނީ 10 ދުވަހެވެ. ސުޕްރީމް ކޯޓުން ވެސް 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލާ ނިންމަންޖެހޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި ބުނެ އެވެ. ސުޕްރީމް ކޯޓުން ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފިނަމަ ދެ ބޭފުޅުންގެ ފަނޑިޔާރުކަން ވެސް އޮޓަމެޓިކުން ގެއްލޭނެ އެވެ.