ހަބަރު

ދެ ފަނޑިޔާރުންގެ އިސްތިއުނާފު ނިންމާލައިފި، ދެން އޮތީ ހުކުމް

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އިއްވި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް މިއަދު ހައިކޯޓުން ނިންމާލައިފި އެވެ. އަޑުއެހުންތައް ނިންމާލީ ތިން އަޑުއެހުމެއް ވަރަށް ކައިރިކައިރީގައި ބޭއްވުމަށްފަހު އެވެ.

ދެ ފަނޑިޔާރުންގެ އަޑުއެހުންތައް ހައިކޯޓުގައި ކުރިއަށް ގެންދިޔައީ ވަކިވަކިންނެވެ. މިއަދު ހެނދުނު އުއްތަމަ ފަނޑިޔާރުގެ އަޑުއެހުންތައް ނިންމާލިއިރު އަލީ ހަމީދުގެ އަޑުއެހުންތައް ނިންމާލީ މެންދުރުފަހު އެވެ. މިއަދު ދެ ފަނޑިޔާރުންނަށާއި ދައުލަތަށް ވެސް ވަނީ ފަހު ފުރުސަތުގެ ގޮތުގައި ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވާފަ އެވެ.

ފަނޑިޔާރުންގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ނުކުތާތަކަށް ދައުލަތުން ދިން ރައްދާ ގުޅިގެން ފަނޑިޔާރުންގެ ފަރާތުން މިއަދު އިތުރު ކަންތައްތައް ފާހަގަކުރެއްވި އެވެ. އެގޮތުން އުއްތަމަ ފަނޑިޔާރުގެ ވަކީލް ހިސާން ހުސެއިން ވިދާޅުވީ، މައްސަލާގައި އެއްވެސް ފަނޑިޔާރެއްގެ މައްޗަށް ދެ ހެކިންގެ ހެކި ބަސް ލިބިފައިނުވާ ކަމަށެވެ. ހެކި ބަސް ދެއްވި ދެ ގާޒީން ވެސް ވިދާޅުވެފައިވާ ގޮތުން އެކަން އެނގޭ ކަމަށެވެ. އެއީ ހެކިވެރިޔާ އެކެއް ބުނެފައިވާ ގޮތުން އޭނާ މުއާމަލާތް ކޮށްފައިވަނީ ހަމައެކަނި އުއްތަމަ ފަނޑިޔާރު އެވެ. ހެކިވެރިޔާ ދެއެއް މުއާމަލާތް ކޮށްފައިވަނީ ހަމައެކަނި އަލީ ހަމީދާ އެވެ.

ހިސާން ވިދާޅުވީ އެ ދެ ގާޒީންގެ ހެކި ބަސް ބަލައިގަނެގެން ވެސް ނުވާނެ ކަމަށެވެ. އެއީ، ތަހުގީގަށް ބަޔާން ދެއްވަމުން ނުފޫޒުގައި ކަންކަން ކުރެއްވި ކަމަށް ވިދާޅުވެ، ކުށަކަށް އިއުތިރާފްވެފައިވާތީ ކަމަށެވެ. ކުށަކަށް އިއުތިރާފުވެ ތިބެ އެހެން ބައެއްގެ މައްޗަށް ކުށް ސާބިތުކުރަން ހެކި ބަސް ދިނުން ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ނުފޫޒުގައި ހުކުމްތައް ނެރުއްވި ކަމަށް ވިދާޅުވާ ދެ ގާޒީއަކު އެހެން ނުފޫޒެއްގައި ތަހުގީގު ބަޔާނެއް ނުދެއްވާނެ ކަމުގެ ޔަގީން ކަމެއް ވެސް ނަތް ކަމަށް ހިސާން ވިދާޅުވި އެވެ.

ހެކިވެރިޔާ އެކެއް ދިން ތަހުގީގު ބަޔާނުގެ ބަޔަކަށް ފަހުން އިންކާރު ކުރުމުން ވެސް އެއީ ނުފޫޒެއްގައި ދީފައިވާ ބަޔާނެއް ކަމަށް ބެލުމުގެ ފުރުސަތު އޮތްކަން ހިސާން ފާހަގަކުރެއްވި އެވެ. އަދި އެ ހެކިވެރިން ދެއްކި ވާހަކަތައް ޔަގީންކުރަން ދައުލަތުން އިތުރު އެހެން އެއްވެސް ހެއްކެއް ހުށަނާޅާކަން ފާހަގަކުރެއްވި އެވެ. އެގޮތުން ފޯނުން ވާހަކަ ދެއްކި ކަމަށް ބުނާއިރު ފޯނު އެނާލިސިސް ރިޕޯޓެއް ހުށަހަޅާފައިނެތްކަން ފާހަގަކުރެއްވި އެވެ. މުއާމަލާތްތައް ހިނގި ވަގުތު އެތަންތަނުގައި ތިބި ފަރާތްތައް ހެކިވެރިން ބުނެފައިވާއިރު އެއިން އެއްވެސް މީހެއްގެ ބަޔާން ނަގާފައިނުވަނީ މިއީ ހިނގާފައިނުވާ ކަމަކަށްވާތީ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ހިސާން ފާހަގަކުރެއްވި ކަންކަން ފަނޑިޔާރު އަލީ ހަމީދުގެ ވަކީލް އަހުމަދު އަބްދުﷲ އަފީފު ވެސް ފާހަގަކުރެއްވި އެވެ.

އެއަށް ރައްދު ދެއްވަމުން ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ތައުފީގު ވިދާޅުވީ، ހެކި ބަސް ދިނީ ގާޒީންނަށްވާއިރު އެ ގާޒީންގެ ކިބައިން ފަނޑިޔާރުންގެ ޝަރުތުތައް އުނިވެފައިނުވާ ކަމަށެވެ. އެހެންވެ އެއީ އަދުލުވެރި ބައެއް ކަމަށެވެ. އަދި އެ ދެ ގާޒީންނަކީ ކަމުގެ މައުލޫމާތު އެންމެ ރަނގަޅަށް އެނގޭނެ ދެ ފަރާތަށްވާއިރު އިތުރު ހެކިތަކެއް ހުށަހަޅަންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް ތައުފީގު ވިދާޅުވި އެވެ.

އިސްތިއުނާފު މައްސަލަ ބައްލަވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ ރިޔާސަތުގައި އިންނަވާ ބެންޗަކުންނެވެ. ބެންޗްގައި ދެން ތިއްބަވަނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަލީ ސަމީރެވެ. އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މައްސަލާގެ ހުކުމް އިއްވުން ކަމަށް މިއަދު އަޑުއެހުންތައް ނިންމަވާލައްވަމުން ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހާ ގުޅިގެން 10 ދުވަސް ތެރޭގައި ފަނޑިޔާރުންނަށް އިއްވާ ހުކުމްރައް ހައިކޯޓުގައި އިސްތިއުނާފު ކުރައްވަންޖެހޭނެ އެވެ. ހައިކޯޓުން އެ މައްސަލަ 30 ދުވަސް ތެރޭގައި ނިންމަން ޖެހޭނެ އެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ބޭނުންވާނަމަ އެކަމަށް ވެސް ލިބެނީ 10 ދުވަހެވެ. ސުޕްރީމް ކޯޓުން ވެސް 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލާ ނިންމަންޖެހޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި ބުނެ އެވެ.

ސުޕްރީމް ކޯޓުން ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފިނަމަ ދެ ބޭފުޅުންގެ ފަނޑިޔާރުކަން ވެސް އޮޓަމެޓިކުން ގެއްލޭނެ އެވެ.