ހަބަރު

ފަނޑިޔާރުންނަށް ކަނޑައެޅި އަދަބު ޕީޖީއިން އިތުރަށް ދިރާސާކުރަނީ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމްގެ އަދަބާ ގުޅޭ ގޮތުން އިތުރަށް ދިރާސާކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލަށް ހައިކޯޓުން ފުރުސަތު ދީފި އެވެ.

އެ ދެ ބޭފުޅުންނަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވުމުންނެވެ. އެއީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ސާބިތުވެގެނެވެ.

ދައުލަތުން ދެ ފަނޑިޔާރުންގެ މައްޗަށް ދައުވާ އުފުލީ ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަންބަރުގެ ދަށުންނެވެ. އެ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހެވެ. ނަމަވެސް ކުރިމިނަލް ކޯޓުން ހުކުމް އިއްވީ ކުށުގެ އަދަބު ހަތަރު ދަރަޖައަށް މަތިކޮށްފަ އެވެ.

މިއަދު ހެނދުނު ބޭއްވި އުއްތަމަ ފަނޑިޔާރުގެ އިސްތިއުނާފުގެ ފަހު އަޑުއެހުމުގައި އެމަނިކުފާނުގެ ވަކީލް ނޫރުއްސަލާމް ވިދާޅުވީ، ކުށުގެ އަދަބު ހަތަރު ދަރަޖައަށް މަތިކޮށްފައިވަނީ އުސޫލުން ނޫން ކަމަށެވެ. ކުށް ސާބިތުވި ނަމަވެސް ހަތަރު ދަރަޖައަށް އަދަބު މަތި ނުކުރެވޭނެ ކަމަށެވެ.

އެކަމާ ގުޅިގެން ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު ތައުފީގު ވިދާޅުވީ، އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން ކުރިމިނަލް ކޯޓުގައި ދައުލަތަށް ވެސް ފުރުސަތު ދީފައިނުވާ ކަމަށެވެ. އެހެންވެ ފަނޑިޔާރުންގެ ބެންޗުން ވަނީ އަދަބާ ގުޅޭ ގޮތުން ދައުލަތުން ދެކޭ ގޮތް ވިދާޅުވުމަށް އަންގަވާފަ އެވެ.

ތައުފީގު ވިދާޅުވީ، ކުށުގެ އަދަބު މަތިކުރެވޭނެ ހާލަތަކީ ގާނޫނުގައިވާ ގޮތުން އިދާރާއަކަށް ހުރަސް އެޅުން ނުވަތަ ގެއްލުމެއްދޭ ހާލަތްތަކުގަ ކަމަށެވެ. އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަކީ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ދެ ބޭފުޅުންނަށްވާއިރު އެ ދެ ބޭފުޅުންގެ މައްޗަށް އަދަބުގެ ދަރަޖަ މަތިކުރެވިދާނެ ކަމަށް ތައުފީގު ވިދާޅުވި އެވެ. ނަމަވެސް ދިރާސާކުރެއްވުމަށްފަހު ތައުފީގު ވިދާޅުވީ، ދައުލަތުން ގަބޫލުކުރާ ގޮތުގައި މަތިކުރެވޭނީ ދެ ދަރަޖަ ކަމަށެވެ.

ތައުފީގު އެހެން ވިދާޅުވުމުން ބެންޗުން ވަނީ އިތުރަށް ދިރާސާކުރަން ބޭނުންތޯ އައްސަވާފަ އެވެ. ތައުފީގު އެދިވަޑައިގަތީ ކުޑަ ވަގުތުކޮޅެއް ދެއްވުމަށެވެ. ނަމަވެސް ބެންޗުގެ ރިޔާސަތުގައި އިންނެވި ހައިކޯޓުގެ އިސް ގާޒީ އަބްދުﷲ ދީދީ ނިންމެވީ މަޖިލިސް މެދުކަނޑާލާށެވެ. އަދި 1:00 ގައި މަޖިލިސް އަލުން ފެށުމަށެވެ.