އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުއާ ދެކޮޅަށް ހެކި ބަސް ދެއްވާފައިވާ ދަށު ކޯޓުގެ ދެ ގާޒީންނަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ ބައެއް ކަމަށް ދެ ފަނޑިޔާރުންގެ ފަރާތުން ހައިކޯޓުގައި ވިދާޅުވި ވިދާޅުވުމަށް ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީއިން ރައްދު ދީފި އެވެ.
ހައިކޯޓުގައި މިއަދު ވަނީ ދެ ފަނޑިޔާރުން ހުށަހެޅި އެ މައްސަލާގެ އިސްތިއުނާފު ދެވަނަ އަޑުއެހުން ކުރިއަށް ގެންގޮސްފަ އެވެ. އަޑުއެހުންތައް ކުރިއަށް ގެންދިޔައީ ވަކިވަކިންނެވެ. މި މައްސަލާގައި ދެ ގާޒީންނަށް ނުފޫޒު ފޯރުވިކަން ސާބިތުވެ އެއް އަހަރާއި ހަތް މަހުގެ ޖަލުގެ ހުކުމެއް ދެ ފަނޑިޔާރުނަށް ވަނީ އައިސްފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ފުރަތަމަ އޮތީ ދެ ފަނޑިޔާރުންގެ ފަރާތުން ހުށަހެޅި 15 ނުކުތާގެ ތެރެއިން ތަފްސީލް ނުކުރެވޭ ނުކުތާތައް ތަފްސީލްކޮށް ހުށަހެޅުމެވެ. އެއަށްފަހު އެ ހުރިހާ ނުކުތާއަކަށް ޕީޖީއިން ވަނީ ރައްދުދީފަ އެވެ.
މައްސަލާގައި ސިއްރުން ހެކި ބަސް ދެއްވި ގާޒީންގެ ނަޒާހަތްތެރި ކަމެއް ނެތް ކަމަށް ވިދާޅުވެ ދެ ފަނޑިޔާރުންގެ ވަކީލުން ފާހަގަކުރެއްވި ނުކުތާއަށް ރައްދު ދެއްވަމުން ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ތައުފީގު ވިދާޅުވީ، އެ ގާޒީން ހެކި ބަސް ދެއްވިއިރު ވެސް އެއީ ގާޒީން ކަމަށާއި އެ ގާޒީންގެ އެއްވެސް ޝަރުތެއް ގެއްލިފައިވާ ކަމަށް އެއްވެސް ކޯޓަކުން ކަނޑައަޅާފައިނުވާ ކަމަށެވެ. ޖިނާއީ ކުށެއް ވެސް އެއިން ގާޒީއެއްގެ މައްޗަށް ސާބިތުވެފައިނުވާ ކަމަށެވެ. އަދި ހެކި ބަސް ދިން ދެ ގާޒީންނަކީ އަދުލުވެރި ބައެއް ނޫން ކަމަށް ވެސް އެއްވެސް ކޯޓަކުން ކަނޑައަޅާފައިނުވާކަން ތައުފީގު ފާހަގަކުރެއްވި އެވެ.
ތައުފީގު ވިދާޅުވީ، ހެކިވެރިޔާ އެކެއް ހެކި ބަސް ދެމުން އޭނާ ދެ ފަނޑިޔާރުންގެ ނުފޫޒުގައި އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމަށާއި ނިންމުންތައް ނިންމެވީ އަމިއްލަ އިހްތިޔާރުގައި އޭނާއަށް ލިބިފައިވާ އިހްތިޔާރީ ބާރުގެ ދަށުން ކަމަށެވެ. އެހެން ކަމަށްވާއިރު، އޭނާއަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ ފަރާތެއް ކަމަށް ބުނެވޭނެ ހަމައެއް ނެތް ކަމަށެވެ.
ހެކިވެރިޔާ އެކެއް ހެކި ބަހަށް ރިޔާއަތްކުރުމުގައި ޝަރީއަތުން ރިޔާއަތްކުރީ ތަހުގީގަށް ދިން ބަޔާނަށް ކަމަށް ބުނާ ނުކުތާއަށް ވެސް ތައުފީގު ރައްދު ދެއްވި އެވެ. ހެކިވެރިޔާ އެކެއް ހެކި ބަސް ދެމުން އޭނާ އަމުރުތައް ނެރެފައިވަނީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އެންގެވި ގޮތަށް ނޫން ކަމަށް ބުނެފައިވެ އެވެ. ބަޔާނުގައި އަމުރުތައް ނެރުނީ ނުފޫޒުން ކަމަށް ބުނެފައިވެ އެވެ. ތައުފީގު ވިދާޅުވީ، ޝަރީއަތުން ރިޔާއަތްކޮށްފައިވަނީ ހެކިވެރިޔާގެ ހެކި ބަހަށް ކަމަށެވެ. ހެކި ބަސް ދެމުން އޭނާ ނުފޫޒުގައި ކަންކަން ނުކުރައްވާ ކަމަށް ވިދާޅުވި ނަމަވެސް ނުފޫޒު ފޯރުވަން އުޅުނުކަން ހެކި ބަހުން އެނގޭ ކަމަށާއި ދައުލަތަށް ސާބިތުކޮށްދޭން ޖެހެނީ އެކަން ކަމަށް ތައުފީގު ވިދާޅުވި އެވެ.
ތައުފީގު ވިދާޅުވީ، މި މައްސަލާގައި ހެކި ބަސް ދެއްވާފައިވާ ގާޒީންނަކީ އެކަމުގެ މައުލޫމާތު އެންމެ ރަނގަޅަށް އެނގޭނެ ފަރާތްތަކަށްވާއިރު ކުށް ސާބިތުކުރުމަށް އިތުރު ގަރީނާތަކެއް ބޭނުންވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެ ގާޒީން ހެކި ބަސް ދެއްވީ ޔަގީންނުވާ މައުލޫމާތަކަށް ކަމަށް ދިފާއުގައި ބުނި ނަމަވެސް ގާޒީން ހެކި ބަސް ދެއްވީ ފޯނުން ގުޅައިގެން އެ ގާޒީންނާ ދެއްކި ވާހަކަތަކެއްގެ މައްޗަށް ބިނާކޮށްކަން ތައުފީޒު ފާހަގަކުރެއްވި އެވެ.
މައްސަލަ ބެއްލެވި ގާޒީ ހުސައިން ޝަހީދު މައްސަލައިން ތަނާޒަލްނުވި މައްސަލަ ވެސް ނުކުތާއެއްގެ ގޮތުގައި ދެ ފަނޑިޔާރުން ހުށަހެޅުއްވި އެވެ. މައްސަލަ ބެއްލެވި ގާޒީ ހުސެއިން ޝަހީދު ނެރުއްވާފައިވާ އަމުރުތަކެއް ވެސް މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާއިރު އެ މައްސަލަ އެ ގާޒީއަށް ބެއްލެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ދިފާއީ ވަކީލުން ވިދާޅުވެފައިވެ އެވެ. އެއަށް ރައްދު ދެއްވަމުން ތައުފީގު ވިދާޅުވީ، މައްސަލަ ބެއްލެވި ގާޒީއަކީ އަނިޔާ ލިބި ވިކްޓިމައިޒްވި ފަރާތެއް ނޫން ކަމަށާއި މައްސަލާގައި ގާޒީގެ އެއްވެސް މަސްލަހަތެއް ވެސް ނެތް ކަމަށެވެ. އަދި، އެ މައްސަލާގައި ގާޒީ ނެރުއްވި އަމުރެއް ހުށަހެޅީ ނުފޫޒު ފޯރުވިކަން ސާބިތުކުރަން ނޫން ކަމަށާއި ހެކިވެރިޔާ އެކެއްގެ ހެކި ބަހަށް ބާރު ދިނުމުގެ ގޮތުން ކަމަށެވެ.
ދިފާއީ ހެކި ހުށަހަޅަން ފުރުސަތު ނުލިބުމާއި ވަކީލުންނާ ނުލާ އަޑުއެހުމެއް ކުރިއަށް ގެންދިޔަ ކަމަށް ވެސް ދެ ފަނޑިޔާރުންގެ ވަކީލުން ނުކުތާއެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ. ދިފާއީ ހެކިން ހުށަހަޅަން އެއް ދުވަހުގެ މުއްދަތު ވެސް ނުދޭ ކަމާއި ދިން ކުޑަ މުއްދަތުގައި ވެސް ދެ ފަނޑިޔާރުންނާ ބައްދަލުނުކުރެވުނުކަން އެ ވަކީލުން ފާހަގަކުރެއްވި އެވެ. އަދި، އެއް އަޑުއެހުން ވަކީލުންނާ ކުރިއަށް ގެންދިޔައީ އެ އަޑުއެހުމަށް ހާޒިރުވުމަށް ވަކީލުންނަށް އަމުރު ވެސް ފޮނުވާފައިނުވާއިރުކަން ވެސް ފާހަގަކުރެއްވި އެވެ.
އެއަށް ރައްދު ދެއްވަމުން ތައުފީޒު ވިދާޅުވީ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާއި ހެކި ހާމަކުރުމަށް ދިފާއުއަށް ފުރުސަތު ދިން ކަމަށާއި ޝަރީއަތުގެ ކުރިން ހުށަހެޅުންތައް ވެސް ހުށަހެޅި ކަމަށެވެ. ނަމަވެސް އެއްވެސް ހެއްކެއް ހުށަނާޅަ ވަނީ އެ ފުރުސަތު ދޫކޮށްލުމުގެ ގޮތުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ވަކީލުންނާ ނުލާ އަޑުއެހުމެއް ކުރިއަށް ގެންދިޔަ ކަމަށް ބުނާއިރު އެ އަޑުއެހުން އޮންނާނެކަން އޭގެކުރިން ބޭއްވި އަޑުއެހުމުގައި ގާޒީ އިއުލާން ކުރެއްވި ކަމަށާއި އަދި ގަޑިއަށް ކޯޓަށް ހާޒިރުނުވުމުން ފޯނަށް ގުޅުމުން ވަކީލުން ޖަވާބު ނުދެއްވިކަން ވެސް ތައުފީގު ފާހަގަކުރެއްވި އެވެ.
އިބްތިދާއީ އަޑުއެހުންތައް ނިންމާލުމަށްފަހު ޝަރީއަތް ފެށުމާ ދެމެދު 30 ދުވަހުގެ މުއްދަތެއް ނުދިން މައްސަލަ ވެސް އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ. ދެ ފަނޑިޔާރުންގެ ވަކީލުން ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މާއްދާތަކުގައި މުއްދަތުތައް ކަނޑައަޅާފައިވާ ގޮތުން އިބްތިދާއީ އަޑުއެހުންތައް ނިންމާލުމަށްފަހު 30 ދުވަހުގެ މުއްދަތެއް ދޭން ޖެހޭނެކަން އެނގެން އޮންނަ ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 140 ވަނަ މާއްދާގެ (ނ)ގައި އިބްތިދާއީ އަޑުއެހުންތައް ބާއްވާތާ 30 ދުވަސް ނުވަނީސް ޝަރީއަތް ފަށައިގެން ނުވާނެކަން ފާހަގަކޮށްފައިވާކަން އެ ވަކީލުން ވިދާޅުވެ އެވެ.
ތައުފީޒު ވިދާޅުވީ، އެ މާއްދާގައި 30 ދުވަސް ކަނޑައަޅާފައިވަނީ މައްސަލާގެ ލިޔުންތައް ލިބޭ ދުވަހުންކަން އެނގޭ ކަމަށާއި މި މައްސަލާގައި ޝަރީއަތް ފެށީ ލިޔުންތައް ލިބުނުތާ 30 ދުވަސްވީ ފަހުން ކަމަށެވެ. އެހެންވެ މައްސަލާގެ އަޑުއެހުންތައް ކުރިއަށް ދިޔައީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ މުއްދަތުތަކާ ހިލާފަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ތައުފީޒު ވިދާޅުވި އެވެ.
މި މައްސަލާގައި ދެން އޮންނާނީ ފަހު އަޑުއެހުމެވެ. އެ އަޑުއެހުމުގައި އޮންނާނީ ދެ ފަރާތުން ވެސް މިއަދުގެ އަޑުއެހުމުގައި ފާހަގަކުރި ކަންކަމާ ގުޅޭ ގޮތުން ބަހުސްކުރުމެވެ. އިސްތިއުނާފު މައްސަލަ ބައްލަވަނީ ހައިކޯޓުގެ އިސް ގާޒީ އަބްދުﷲ ދީދީ ރިޔާސަތުގައި އިންނަވާ ބެންޗަކުންނެވެ. ބެންޗްގައި ދެން ތިއްބަވަނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަލީ ސަމީރެވެ.
ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހާ ގުޅިގެން 10 ދުވަސް ތެރޭގައި ފަނޑިޔާރުންނަށް އިއްވާ ހުކުމްރައް ހައިކޯޓުގައި އިސްތިއުނާފު ކުރައްވަންޖެހޭނެ އެވެ. ހައިކޯޓުން އެ މައްސަލަ 30 ދުވަސް ތެރޭގައި ނިންމަން ޖެހޭނެ އެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ބޭނުންވާނަމަ އެކަމަށް ވެސް ލިބެނީ 10 ދުވަހެވެ. ސުޕްރީމް ކޯޓުން ވެސް 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލާ ނިންމަންޖެހޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި ބުނެ އެވެ.
ސުޕްރީމް ކޯޓުން ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފިނަމަ ދެ ބޭފުޅުންގެ ފަނޑިޔާރުކަން ވެސް އޮޓަމެޓިކުން ގެއްލޭނެ އެވެ.